މިސްރުގެ ފަޤީރު އަންހެނަކަށް ﷲގެ މަދަދުވެރިކަން ލިބުނު ގޮތުގެ ވާހަކަ
ހަމަކަށަވަރުން އެފަރާތަކަށް ވަކީލު ކުރުން އެންމެ ހެޔޮ ފަރާތެއް ކަމުގައި ﷲ ފުދެއެވެ. އުފަލާއި ހިތާމަގައި އަދި ދިމާވާ އެންމެހައި އުނދަގޫ ޙާލަތްތަކެއްގައި ވެސް ﷲގެ މަގުގައި ޘާބިތުވެހުރެ އެއިލާހަށް ވަކީލުކޮށްފިނަމަ އޭގެ ބަދަލު އެއިލާހު ދެއްވައެވެ.
މި ޙާދިސާއަކީ މިސްރުގެ މަންސޫރާގައި ހިނގައިދިޔަ ހާދިސާއެކެވެ.
މަންސޫރާގައި އަންހެންދަރިފުޅާ އެކު އެކަނި ދިރިއުޅުނު ވަރަށް ފަޤީރު އަންހެނަކުވިއެވެ. އެއް ރެއަކު މި ފަޤީރު އަންހެން މީހާގެ ދަރިފުޅަށް ގަދަ ހުމެއް ޖެހި ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ނަމަވެސް މި ފަޤީރު އަންހެނާ އަތުގައި އެއްވެސް ފައިސާއެއް ނެތުމާއެކު ކެއުންބުއިމުގެ އިތުރަށް ދަރިފުޅަށް ފަރުވާ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
އެހިނދު ﷲއަށް ދުޢާ ދެންނެވުން ނޫން ކަމެއް އެ ފަޤީރު އަންހެނާއަކަށް ނެތެވެ. އެއާއެކު ދެރަކުޢަތުން ނަމާދު ކުރަމުން ދަރިފުޅަށް ޝިފާ ދެއްވާތޯ ދުޢާ ކުރަމުން ގެންދިޔައެވެ. އަދި ކޮންމެ ދެ ރަކުއަތެއްގެ ފަހުން ދަރިފުޅުގެ ޙާލު ބަލަމުން ގެންދިޔައެވެ. އެގޮތުގައި ވަގުތުތައް ހޭދަ ކުރަމުން ދަނިކޮށް މެންދަމު އެކެއް ޖަހައިފިއެވެ.
ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހައިފިއެވެ. އަންހެން މީހާ ހިޖާބު އަޅާ ނިވާވެގެން ދޮރު ހުޅުވައިލައިފިއެވެ. އެވަގުތު އޭނާއަށް ސިހުން ލިބުނީ އައިސް އެހުރި މީހާ ފެނުމުންނެވެ. ކުރިމަތީގައި އެހުރީ ޑޮކްޓަރެކެވެ. ސަލާމް ބަދަލު ކުރުމަށްފަހު ދަރިފުޅު ކޮބައިތޯ ، ޑޮކްޓަރު އެހިއެވެ. އަދި ދަރިފުޅު އޮތް ކޮޓަރި ދެއްކުމުން ކޮޓަރިއަށް ވަދެ ދަރިފުޅު ޗެކްކޮށް ބޭސްދީފައި ނިކުންނަމުން ޑޮކްޓަރު ބުންޏެވެ. ފައިސާ ދައްކަވާށެވެ!
އެވަގުތު އެ އަންހެން މީހާ ރޮމުން ބުންޏެވެ. ޑޮކްޓަރެވެ! އަހަރެންގެ އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އެހިނދު ހިތްހަމަ ނުޖެހޭ މޭރުމަކުން ޑޮކްޓަރު ބުންޏެވެ. މިހާ ދަންވަރު ގަޑިއެއްގައި ދަރިފުޅު ބަލިވެގެން ގުޅާ އަދި އަހަރެން އައިސް އެކުއްޖާ ބަލައި ، ބޭސް ދިނީމާ ދޭން އެނގުނު ޖަވާބަކީ ތިއީ ހެއްޔެވެ. ލަދެއް ނެތް ހެއްޔެވެ!
އެވަގުތު އެ އަންހެން މީހާ ބުންޏެވެ. ޑޮކްޓަރެވެ! ﷲ ގަންދީ ބުނަމެވެ. އަހަރެން ޑޮކްޓަރަކަށް ނުގުޅަމެވެ. އެންމެ ކުޑަމިނުން ފޯނެއް ގަންނާނެ ފައިސާއެއް ވެސް އަހަރެންގެ އަތުގައި ނެތެވެ. ފައިސާ ނެތުމުން މިރޭ އަހަރެމެން މިތިބީ ނުވެސް ކައެވެ.
އޮޅުމެއް އުޅޭހެން ހީވެ މިއީ މިވެނި ނަމްބަރެއްގެ ގެ ތޯ ޑޮކްޓަރު އެހިއެވެ. އަދި އެ ނަމްބަރަކީ ޖެހިގެން ހުރިގެ ކަމަށް އަންހެން މީހާ ބުންޏެވެ.
އެވަގުތު ޑޮކްޓަރެއް ރޮވުނެވެ. ޑޮކްޓަރު އެގެއަށް އާދެވުނު އާދެވުމަކީ އެ އަންހެން މީހާއަށް ޓަކައި ﷲ ކަނޑައެޅުއްވި ނިޔާކަން ޑޮކްޓަރަށް އިޙްސާސް ކުރެވުނެވެ. އަދި އަންހެން މީހާގެ ޙާލަތާއި އެ ކަނބުލޭގެ ޢަމަލު ކުރިގޮތް ޑޮކްޓަރު އޮޅުން ފިލުވިއެވެ. ޙާލަތާ މެދު ޑޮކްޓަރުގެ ހިތް ފިނިވެ އެކަނބުލޭގެއަށް ރަޙުމް ކުރިއެވެ. އަންހެންމީހާއާއި އޭނާގެ ދަރިފުޅަށް ބޭނުންވާ ކެއިންބުއިމުގެ ތަކެއްޗާއި ބޭސް ގެނެސްދިނެވެ. އަދި ކޮންމެ މަހަކު އަންހެން މީހާއަށް ފައިސާގެ އެހީއެއް ވަމުން ގެންދިޔައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަހަރެމެންގެ މައްޗަށް ވެސް އެންމެ ހެޔޮކަން ބޮޑީ އެއިލާހުގެ މަދަދަށް އެދި ދެންނެވުމެވެ. މިފަދަ ނުރައްކާތެރި ޙާލަތްތަކުން އަރައިގަތުމަށް ވެސް އަހަރެމެންނަށް އޮތް ގޮތަކީ ﷲގެ މަގުގައި ސާބިތުވެ ތިބުމާއެކު އެއިލާހަށް ދެންނެވުމެވެ.