ވާ މަދުކުރަން އަނެއްކާވެސް ބަޑި ޖަހައިގެން މަރަން ފަށަނީ

ވާ މަދުކުރަން އަނެއްކާ ވެސް ބަޑި ޖަހައިގެންވާ މަރަން ފަށަން ސަރުކާރުން ނިންމައިފި އެވެ.
ކުރިންވެސް ބަޑި ޖަހައިގެން ވާ މަރަމުން ގެންދިޔަ ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެފައިވާތީ އެ ދިރޭތަކެތި މަރަން ހުއްދައަށް ބައެއް ރަށްރަށުން ދިޔައީ އެދެމުންނެވެ.
އެގޮތުން އައްޑޫގައި ވާލާއި ކާޅު މަދުކުރަން ބޭނުންވާތީ އެކަންކޮށްދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލްއިން ސަރުކާރަށް އޮތީ ހުށަހަޅައިފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ދެން"އަށް ވިދާޅުވީ އެ ހުށަހެޅުމާ ގުޅިގެން އައްޑޫއިން 990 ވާ މަރަން އެމްއެންޑީއެފްއަށް ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް ކާޅު އައްޑޫގައި އެހާ ގިނަ ނޫން ކަމަށްވާތީ ކާޅުގެ އަދަދު ކޮންޓްރޯލްކުރަން ބަޑި ނުޖަހައި އެހެން ގޮތެއް ހޯދަން ސަރުކާރުން އަންގާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އެމްއެންޑީއެފްއާ ގުޅިގެން އައްޑޫގައި ވާ މަރަން ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައުވަނީ އަންނަ އާދިއްތައިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށެވެ.
ބަޑި ޖަހައިގެން ވާ މަރަން ފަށަން އަލުން ނިންމި އިރު އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ދާދި ފަހުން ވިދާޅުވީ ވާލާއި ކާޅު މެރުމަކީ ހައްލެއް ނޫން ކަމަށާއި އެ ތަކެއްޗާއެކު އަޅުގަނޑުމެން ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.
ވާލަކީ ދަނޑުވެރިކަމަށް އޮތް ބޮޑު ގޮންޖެހުމަކަށްވާ އިރު ކާޅަކީ ވެސް އުނދަގޫ ބޮޑު އަދި އެހެން ދޫނިތަކުގެ ދިރުންތަކަށް ހުރި ނުރައްކަލެކެވެ. އަދި ހާއްސަކޮށް އައްޑޫގައި ކާޅު އިތުރުވުމަކީ އެ ސިޓީގައި ދިިރިއުޅޭ ހިމާޔަތްކޮށްފައިވާ ދޮންދީނިތަކަށް ބޮޑު ނުރައްކަލެކެވެ.
