ފިރިހެނުން އިސްތަށިގަނޑު އައްސައިގެން ނަމާދުކުރުމަކީ ކޮންކަހަލަ ކަމެއް؟

އަޅުގަނޑުމެންގެ ތެރޭގައި ޒުވާން ބައެއް ފިރިހެން ކުދިން އިސްތަށިގަނޑު ވަރަށް ދިގުކޮށްފައި ހުންނަތަން ފެނެއެވެ. އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ މިންތަކާ އިންތަކުގެ ތެރޭގައި އިސްތަށިގަނޑު ދިގު ކުރުމަކުން މައްސަލައެއް ނެތެވެ. އިސްތަށިގަނޑު ދިގު ކޮންމެ މީހަކީ ވިޔާ ނުދާ މީހެއްވެސް ނޫނެވެ.
އިސްތަށިގަނޑު ދިގު ކޮށްގެން ތިބޭ ޒުވާން ބައެއް ފިރިހެން ކުދިން މިސްކިތަށް އަރާ ނަމާދު ކުރާއިރު އިސްތަށިގަނޑުގައި ހުޅި ޖަހާފައި ހުންނަތަން ފެނެއެވެ. ފަހަރުގައި އެކަމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެއްކަން އެފަދަ ޒުވާނުންނަށް ނޭނގެނީއެވެ.
އިސްތަށިގަނޑު އައްސައިގެން ނަމާދު ކުރުމަކީ ނަހީ ކުރައްވާފައިވާ ކަމެކެވެ. އޭގެ ސަބަބުން ނަމާދު ބާތިލު ނުވެދާނެއެވެ. ނަމަވެސް އެއީ ނަމާދަށް އުނިކަން ލިބޭ ކަމެކެވެ. މި ހުކުމަކީ ހަމަ އެކަނި ފިރިހެނުންނަށް ހާއްސަ ހުކުމެކެވެ. ސަބަބަކީ އަންހެން ކަނބަލުން މިހުކުމުން ތަފާތު ވަނީ، އެކަނބަލުންގެ އިސްތަށިގަނޑު ފޮރުވުމަށް އަމުރު ކުރެވިގެން ވާތީއެވެ.
މިކަމަކީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޡް ބަސްފުޅުތަކުން ހާމަވެފައިވާ ކަމެކެވެ. އެހެންކަމުން ނަމާދަށް އުނިކަން ލިބޭ މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުހެލިވާން އެބަޖެހެއެވެ. ދީނުގައި ނަހީކުރައްވާފައިވާ ކޮންމެ ކަމަކީވެސް އެކަމަކުން ދުރުވާން ޖެހޭ ކަމެއް ކަން ގައިމެވެ.
މަސްދަރު: ޝައިޚް އިމްރާން މުޙައްމަދު ޢަލީގެ ޖަވާބު (ބުޚާރީ ،810 މުސްލިމްގެ 209/04 ގެ ނަވަވީގެ ޝަރަޙަ)