ޚަބަރު

ކޮވިޑް-19: މިއަދު ރާއްޖެއިން މިބައްޔަށް ފައްސިވީ 37 މީހުން

މަރްޔަމް ވަޙީދާ

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން ފައްސިވީ 37 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 31 ދިވެހިންނާއި 06 ބިދޭސީންނެވެ. އެއީ މާލެއިން 34 މީހުންނާއި އަތޮޅުތެރެއިން 3 މީހުންނެވެ.

އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 37 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 10،194 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 9،037 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 34 މީހުންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 556 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 80 މީހުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުން މަދުވެ، ފަސޭހަވާ މީހުން ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި 20:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި 21:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 22:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!