މާތް ﷲ އަށްޓަކައި، ޞަދަޤާތެއްގެ ގޮތުން ކިޑްނީއެއް ހަދިޔާކުރި ދީލަތި ދިވެއްސެއްްގެ ވާހަކަ!
ޞަދަޤާތަކީ ކުރުން ވަރަށް މާތް އަމަލެކެވެ. ދުނިޔޭގައި ތިމާ ދިރިހުރިއިރު އޭގެ ބަރަކާތް ޙާޞިލްވާ ފަދައިން މީހާ ދުނިޔެއިން ވަކިވެ ދިޔުމަށް ފަހު ވެސް އޭގެ މަތިވެރި ޘަވާބާއި ދަރުމަ ލިބިލިބި ހުރެއެވެ. ފެނުން އަލިފާން ނިވާލާ ފަދައިން ޞަދަގާތަކީ ތިމާގެ ނަފްސް ފާފަތަކާ އެންމެހާ ނުރަނގަޅު ކަންކަމުން ތާހިރު ކޮށްދޭ ކަމެކެވެ.
އާންމުކޮށް މީހުން ޞަދަގާތް ކޮށް އުޅެނީ ފައިސާއިންނެވެ. ނުވަތަ ކާބޯ ތަކެތީންނެވެ، ނަމަވެސް މިފަހަރު މީހަކު މާތް ﷲއަށް ޓަކައި ޞަދަޤާތް ކުރުމުގެ ގޮތުން، ހަދިޔާކުރީ އޭނާގެ ހަށިގަނޑުގެ އެއް ގުނަވަނެވެ. އާއިލީ ނުވަތަ ރައްޓެހި ކަމުގެ ގުޅުމެއް ވެސް ނެތް މީހަކަށް އޭނާ ދޭން ނިންމީ އެއް ކިޑްނީއެވެ. އޭގެ ބަދަލުގައި އޭނާއަށް ވަނީ ނުހަނު މަތިވެރި އުފާވެރިކަމެއް ޙާޞިލް ވެފައެވެ.
ނަމާއި އެހެނިހެން އެއްވެސް މައުލޫމާތެއް ވެސް ހާމަ ނުކުރުމަށް އެދި "ދެން"އާ ހިއްސާ ކުރަމުން އުމުރުން 41 އަހަރުގެ އެފިރިހެން މީހާ ބުނީ، މީހަކަށް (ބޮޑު) އެހީއެއް ވުމަކީ އޭނާ އަބަދުވެސް ކުރަން ވަރަށް ބޭނުންވި ކަމެއް ކަމަށެވެ. އެއިރު ވިސްނާފައި ހުރީ ސީދާ ހަމަ ކިޑްނީއެއް ހަދިޔާ ކުރުމަށް ނޫން ކަމަށާއި، ނަމަވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި ކިޑްނީ އެއް ބޭނުން ވެގެން ބަޔަކު އުޅޭކަން އެނގުމުން ކިޑްނީ ހަދިޔާކުރަން ގަސްތުކުރީ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުގެ އެއް ކިޑްނީ ހަދިޔާ ކުރީ އަންހެނަކަށް. އެއިރު އޭނާގެ އުމުރުން ވާނީ 54 އަހަރު. ކިޑްނީ ހަދިޔާކުރީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު. ކުރިން ވެސް ބޭނުންވި މީހަކަށް ބޮޑު އެހީއެއްވާން. އެފުރުސަތު ލިބިއްޖެނަމަ ހަމަ ހެޔޮ ހިތުން އެހީވާން. އެއިރު ވިސްނާފައި ހުރީ ކިޑްނީއެކޭ ދޭނީ (އެއީ) މީހަކަށް އެހީތެރިކަމެއް ފޯރު ކޮށްދޭން. ދެން އެމީހުން (ކިޑްނީ ބޭނުންވި މީހާއާއި އެއާއިލާ) ފޭސްބުކްގައި ޖަހާފައި އޮތް ޕޯސްޓެއް ފެނުނީ. ހިތަށް އެރީ މިއީ ރަނގަޅު ކަމެކޭ ކުރަން. އެމީހުންނާ ގުޅައިގެން ދެން ރިސާޗްތަކެއް ވެސް ހަދާ، މިއީ ކިހިނެއް ކުރާ ކަމެއް ކަމާއި ކިޑްނީ ހަދިޔާ ކުރުމަށްފަހު ވާނެ ކަންތަކުގެ މައުލޫމާތު ވެސް ހޯދިން" އޭނާ ކިޔައިދިނެވެ.
މިޒަމާނުގައި ބައެއް މީހުން ކިޑްނީ ހަދިޔާ ކުރާއިރު ވެސް ބޮޑު އަގެއް ކިޔާފައި ނޫނީ، ކިޑްނީއެއް ނުދެއެވެ. ނަމަވެސް އޭނާ ހަށިގަނޑުގެ އެއް ގުނަވަން އުފަލާއެކު ހަދިޔާ ކުރީ އެއްވެސް އަގަކާ އަދި ބަދަލެއްގެ ގޮތުން އެއްވެސް އެއްޗެއް ވެސް އެމީހުން ގެ ފަރާތުން ނުހޯދައެވެ.
"މިއީ އަޅުގަނޑު މާތް ﷲގެ މަގުގައި ހެޔޮ ހިތުން ކޮށްދިން ކަމެއް. އެހެންވީމަ އަގެއް ކިޔާކަށް ވެސް ނުވާނެ، އެއްކަމަކީ ހަށިގަނޑުގެ ގުނަވަނެއް ގަނެ ވިއްކާ ހެދުމަކީ އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެއް ނޫން. އަނެއްކަމަކީ އަޅުގަނޑު ހެޔޮ ހިތުން މިކަން ކޮށްދޭއިރު، އަގެއް ނަގައިފިނަމަ ހެޔޮ ނިޔަތުގެ ބޭނުން ކެނޑުނީ ދެއްތޯ؟ އެއިރުން ވަނީ އެހީތެރިކަމަކަށް ނުވަތަ ޞަދަޤާތަކަށް ނޫން، ވިޔަފާރިއަކަށް! އެގޮތް އަޅުގަނޑު ބޭނުމެއް ނުވި"
ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ކިޑްނީއެއް ދިނުމަށްފަހު ދެން ސިއްޙީ ގޮތުން ވަރަށް ބައިވަރު މައްސަލަތަކަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ކިޑްނީ ހަދިޔާކުރި މިދީލަތި ފިރިހެންމީހާ ބުނި ގޮތުގައި އެފަދައިން މައްސަލަ ދިމާވަނީ ލިބެންވާ މައުލޫމާތު ފުރަތަމަ ނުލިބުމުންނާއި ބަލަންވާ ވަރަށް ބަލައިގެން ނޫޅެވުން ކަމުގައި ހީވާ ކަމަށެވެ.
"އޮޕަރޭޝަން ކުރުމުގެ ކުރިން އަޅުގަނޑު ވަރަށް ގިނަ މައުލޫމާތު ހޯދިން މިކަމާ ގުޅޭގޮތުން. ޑޮކްޓަރުން ވެސް ވަރަށް ބޮޑަށް ކިޔައިދެއްވި. ދެން އޮޕަރޭޝަން ކުރުމަށްފަހު ފުރަތަމަކޮޅު ބައެއް ކަންތައްތަކާ ދިމާވި. ނަމަވެސް ވަރަށް ބަލައިގެން އުޅުމުން މިހާރު ހަމަ މާތް ﷲ ގެ އިރާދަފުޅާއެކު ވަރަށް ރަނގަޅު. އަޅުގަނޑު ދަން ދުވަން ވެސް. އެންމެ ބާރަށް ދުވާ މީހުންނާ އެއްކޮށް ދުވަން ހަމަ. ދެ ކިޑްނީ އިން މީހުންނެކޭ އަސްލުގައި ވަކި ތަފާތެއް ހުރި ކަމަކަށް އިހުސާސެއް ނުކުރެވޭ" އޭނާ ބުންޏެވެ.
ދިރިއުޅުމުގައި މިފަދަ ބޮޑު ފިޔަވަޅެއް އެޅޭނީ ވަރަށް ބޮޑު ހިތްވަރަކާއެކު ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެގޮތުން އެންމެ ބޮޑު ހިތްވަރެއް ލިބުނީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އޭނާ ދިން ޖަވާބު ވެސް ޢިބްރަތަކަށް ފުދެއެވެ.
"އެންމެ ބޮޑު ހިތްވަރު ލިބުނީ ހަމަ ހެއްދެވި ފަރާތުން. އަޅުގަނޑު އެއިރު ކުރި ހުރިހާ ދުޢާއެއްގައި ވެސް އެކަލާނގެ ޙަޟްރަތުން ދެންނެވިން މިކަމުގައި އަޅުގަނޑަށް ހިތްވަރާއި ސާބިތުކަން ދެއްވުމަށް." އޭނާ ބުންޏެވެ.
އޭގެއިތުރުން އޭނާގެ އަނބިމީހާގެ ފަރާތުން ވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭކަން އޭނާ އުފަލާއެކު ފާހަގަ ކުރިއެވެ.
އޭނާގެ މިދީލަތިކަމުގެ ސަބަބުން ބަދަލުގައި އެއްވެސް ފައިސާއެއް މުދަލެއް ނުލިބުނު ކަމުގައި ވިޔަސް، ލިބުނީ އެއަށްވުރެ މުހިންމު، އަގުވެސް ނުކުރެވޭ ފަދަ ހަދިޔާއެކެވެ. ދުނިޔޭގެ ހުރިހާ ފައިސާއަކާއި، ޖަވާހިރާއި ޔާގޫތަށްވުރެ ވެސް އެހަދިޔާ އަގުބޮޑެވެ. އޭނާއަށް ލިބުނީ މަންމަ އެކެވެ.މަންމަގެ ހަށިގަނޑުގައި މަސައްކަތް ކުރަމުން މިހާރު އެ ދަނީ ދަރިފުޅުގެ އެއް ގުނަވަނެވެ.
"އަޅުގަނޑު މަންމަ މިހާރު އެއީ. އަމިއްލަ ދަރިއަކު ދެކެވާ ލޯބި، މަންމަ އަޅުގަނޑު ދެކެވޭ. މަންމަގެ ތިބޭ ހަ ކުދިން. އެންމެ ދޮށީ ކުއްޖާ ވެސް އަޅުގަނޑަށްވުރެ ކުޑަތަންކޮޅެއް ހަގު. އެހެންވީމަ އެހުރިހާ ކުދިންގެ ބޭބެ އަކަށްވެސް އަޅުގަނޑު މިހުރީ ވެފަ. އެއާއިލާގައި ކުރާ ހުރިހާ ކަމެއްގައި ވެސް އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާއި ދަރިންވެސް ބައިވެރި ކުރާނެ" ހިތްހަމަ ޖެހިފައިހުރެ އޭނާ ބުންޏެވެ.
"މިއީ އަޅުގަނޑު މާތް ﷲ އަށްޓަކައި ކޮށްދިން ކަމެއް. އަސްލުގައި ވިސްނާލީމަ ވެސް އެބަ އެނގޭ ދެއްތޯ. ކީއްވެތޯ އެއް ހިތަކާއި އެއް ސިކުނޑިއެއް ދެއްވާފައި ހުންނައިރު އަދި އެއް ކިޑްނީން ވެސް ދުނިޔޭގައި ހުރެވޭއިރު ދެ ކިޑްނީ ދެއްވާފައި ވަނީ. ބޭނުމެއް ޖެހިއްޖެ މީހަކަށް އެހީތެރިވާން ވާނެ ދެއްތޯ. އެކަމުގެ ސަބަބުން އެވަގުތު ވޭނެއް ތަކުލީފެއް ކުރިމަތިވި ނަމަވެސް ފަހުން ލިބޭ މަންފާ މާބޮޑުވާނެ"
މިއީ ހަމަ ޔަގީނުން ވެސް އެހެން މީހުންނަށް ހުރި ވަރަށް ރަނގަޅު ލާމަސީލު ނަމޫނާ އެކެވެ. ރިވެތި އަޚުލާޤުގެ ވެރިއެކެވެ. އަދި މިދުނިޔެއަށް ވުރެ ބޮޑަށް އާޚިރަތަށް ވިސްނާ، އާޚިރަތް ބާއްޖަވެރި ކުރެވޭތޯ މަސައްކަތްކުރާ ބުއްދިވެރި ނަމޫނާ ބޭފުޅެކެވެ. އޭނާގެ އެ ޢަމަލުގައި ﷲ ތަޢާލާ ބަރަކާތް ލައްވާ އެކަމުގެ ފުރިހަމަ އަޖުރު މިންވަރު ކުރައްވާށިއެވެ. އަދި އޭނާއާއި އޭނާގެ އަނބިދަރީން ފުރިހަމަ ޞިއްޙަތުގައި ލަހައްޓަވާށިއެވެ! އޭނާއަށް ލިބުނު އާ އާއިލާއާއެކު އުފާވެރި ޙަޔާތެއް މިންވަރު ކުރައްވާށިއެވެ. އާމީން!
އާމީން
އާމީން
އާމީން