ޚަބަރު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބައިވެރިން ހާމަ ކުރޭ، ނޫނީ ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅިދާނެ: ހަސަން ލަތީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގައި ބައިވެރިވީ ހުރިހާ ފަރާތްތައް ހާމަ ކުރުމަށާއި އެހެން ނޫންނަމަ ވައްކަން ފޮވުވަން އުޅޭ ކަމުގެ އިލްޒާމު އެޅިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ޗެެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ޙަސަން ލަތީފު ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅު ވެފައިވަނީ އެމްއެމްޕީއާރްސީ ގެ ފައިސާއިން "ބައިކުޅަބައި" ލިބިފައި ތިބި މިނިސްޓަރުންނާއި، މަޖިލިސް މެންބަރުންނާއި، އެނޫންވެސް ނަންތައް ހާމަކޮށް، ޝަރީޢަތްކޮށް، އިންސާފު ގާއިމު ވާން ޖެހޭ ކަމަށެވެ.

"އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭކަމުގެ އިލްޒާމް އެޅޭނެ. އެބަދުނާމު އެޅޭކަށް ގައިމުވެސް އެމްޑީޕީން ބޭނުމެއް ނުވޭ" ޙަސަން ލަތީފު ވިދާޅުވެފައިވެއެވެ.

ޙަސަން ލަތީފު މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރްސީ ގެ މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް ވެސް އެމަނިކުފާނު އިއްޔެގެ ޝަރީޢަތުގެ އަޑުއެހުމުގައި ވަނީ އިއުތިރާފުވެ ވަޑައިގެން، އެހުރިހާ ކަމަކަށް މާފަށް ވެސް އެދިލައްވާފައެވެ. އަދި ޖަލުގައި ހުންނެވި ދުވަސްތަކުގައިވެސް އެކަމާއި ހިތާމަކޮށް، ތަޢުބާވެ ވަޑައިގެންނެވި ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

މީގެއިތުރުން އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވާ އެންމެން ހާމަކުރުމުގައި އެމަނިކުފާނަށް ދައުލަތަށް އެހީތެރިވެ ވަޑައިގެންނެވޭނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!