ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލަކީ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުން: އެމްޑީޕީ
ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާކަމެއް ކަމަށް އިދިކޮޅު ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފިއެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އައު އުސޫލަށް ގެނައި ބަދަލު ކުށްވެރިކޮށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ހަމަހަމަކަމާއި، ތަފާތު ނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅޭ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަކީ މިފަދަ ހައްގުތައް ހިމާޔަތްކުރަން ޖެހޭ ތަންތަންކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓަރ ކުރުމަށް މަސައްކަތްކުރާކަން ކަމަށް އެ ޕާޓީން ބުނެއެވެ.
"އަހްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެކެވެ. މި ފަދަ ސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަ ތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތެވެ." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކުގައިވާ ގޮތުން ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެން ޖެހޭނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައެވެ. އަދި ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީ ގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. ހަމައެހެންމެ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުންކުރަން ވާނީ ފާސްކުރި ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެއް ކަމަށާއި ހެދުން އެޅުމުގައި ޚާއްސަ ސަމާލުކަން ދޭންވީ ކަންކަން ވެސް މި އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އައު އުސޫލު. އެމްޑީޕީގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް، ރައީސް ނަޝީދު ވެސް ސިފަ ކުރެއްވީ ޒާތީ ދިރިއުޅުމަށް ނުފޫޒުފޯރުވުމުގެ ގޮތުގައެވެ.
އެމްޑީޕީއިން ވަނީ ހެދުން އެޅުމުގެ އައު އުސޫލުތައް އުވައިލުމަށް ވެސް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވައިލައިފައެވެ.



މުޑުދާރު ބައެއްމީ. އަންހެނުން އޮރިޔާންވި ވަރެއް މިމީހުނަށް ރަނގަޅުވާނީ. ދީނީ ކަންފުޅެއްހުރި މީހަކު މިމީހުންގެ ތެރޭގައި ނެތީބާ؟