ލައިފްސްޓައިލް

ކަމަކަށް އުއްމީދު ކުރުމަކުން ގޯހެއް ނެތެވެ. ހާސިލު ވުމާއި ނުވުމަކީ މުޅިން އެހެން ކަމެކެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ހާސިލު ކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެކަން ޔަގީނެވެ. އަދި އެކަންތައްތައް ހާސިލު ކުރުމަށް ޓަކައި މަސައްކަތް ކުރާނެ ކަން ވެސް ގައިމެވެ. ނަމަވެސް ހާސިލު ކުރަން ބޭނުންވާ ކޮންމެ ކަމެއް ހާސިލު ނުވެދާނެއެވެ. އަދި އުއްމީދުކޮށްގެން ހުންނަ އެތައް ކަމެއް ނުވެ ވެސް ހިނގައިދާނެއެވެ.

ޝައްކެތްވެސް ނެތެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. ތިމާ ހިތް އެދޭ ކަންތައްތަކާއި ހިތް ނޭދޭ ކަންތައްތައްވެސް ދިރުއުޅުމުގައި ވާނެ ކަން ގައިމެވެ. އެއްވެސް މީހަކީ އަބަދު އުފަލުގައި އުޅޭނެ މީހެއް ނޫނެވެ. އަދި އެއްވެސް މީހަކު އަބަދު ހިތާމައެއް ވެސް ނުކުރާނެތެވެ. ކަމެއް ހާސިލު ކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކަމަކަށް އުއްމީދު ކުރުމެވެ. އަދި އެ ކަންތައް ހާސިލު ކުރުމަށް ޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އަޒުމު ކަނޑަ އެޅުމެވެ.

ނަމަވެސް ދަންނަވަންތޯއެވެ؟ ކަމަކަށް އުއްމީދު ކުރުމަކުން އަދި އެކަމެއް ހާސިލެއް ނުވާނެއެވެ. މިވެނި ކަމެއް ވާނެ ނަމައޭ އެވެނި ކަމެއް ވީ ނަމައޭ ކިޔައި އަތް އުރާލައިގެން ހުއްޓަކަސް އެކަމެއް ނުވާނެއެވެ. ކޮންމެ ކަމެއް ހާސިލު ކުރުމަށް ޓަކައި ވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެކަން ޔަގީނެވެ. އަދި އެއްވެސް ކަމެއް ހާސިލު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަންވެސް ކަށަވަރެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ތިބާ ހާސިލު ކުރަން ބޭނުންވާ ކަންތައް ހާސިލު ކުރުމަށް ތިބާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ތިބާ ކުރިއެވެ. އަދި ދިމާވި ދަތިތަކާވެސް ކެތްތެރި ކަމާއެކު ކުރިމަތި ލިއެވެ. އަދި އެކަން ހާސިލު ވާނެކަމަށް އެތައް އުއްމީދެއް ވެސް ކުރިއެވެ. ނަމަވެސް އެކަން ތިބާއަށް ހާސިލު ނުވީ ކީއްވެގެން ހެއްޔެވެ؟ މިއީ ތިބާ ކުރާ ޝަކުވާއެއް ކަން ގައިމެވެ. އަދި އެކަން ހާސިލު ނުވުމުން ކުރާ ހިތާމަ އެއް ކަން ވެސް ޔަގީނެވެ.

ނަމަވެސް ދަންނަވަންތޯއެވެ؟ ތަގުދީރުގައި ލިޔެވިފައި ނެތް ކަމަކީ ހަމަ ޔަގީނުންވެސް ވާނޭ ކަމެއް ނޫނެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިން އޭނާގެ ތަގުދީރު ވަނީ ލިޔުއްވިފައި ކަން ގައިމެވެ. އެއީ ގަދަކީރިތިވަންތަ މާތްﷲގެ ރޭވުންތެރިކަމެވެ. އަދި އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަން ކަށަވަރެވެ. އަދި އެކަލާނގެ ނިޔާފުޅަކީ އެންމެ ފުރިހަމަ ނިޔާފުޅު ކަމާމެދުވެސް އެއްވެސް ޝައްކެތް ނެތެވެ.

ފަހަރުގައި ތިބާ ބޭނުންވާ ކަމެއް ހާސިލު ނުވުމުން ތިބާ މާޔޫސް ވެދާނެއެވެ. އަދި އެކަމާމެދު ހިތާމަވެސް ކޮށްފާނެއެވެ. އަދި ތިމަންނާ އަކީ ކިހާ ބަދުނަސީބު މީހެއްހޭ ވެސް ހިތަށް އަރައިފާނެއެވެ. ނަމަވެސް ﷲގެ ރޭވުންތެރިކަން މާ މޮޅު އިތުރުވެގެންވާ ކަން ގައިމެވެ. އަދި އެކަންތައް ތިބާއަށް ހާސިލު ނުވި ނަމަވެސް އެއަށް ވުރެ މާ އުފާވެރި މާ ރަނގަޅު ކަމެއް ތިބާގެ ދިރިއުޅުމުގައި ކުރިމަތި ވެދާނެއެވެ. އަދި އެކަންތައް ހާސިލު ނުވުމަކީ ތިބާގެ ނަސީބު ކަމުގައި ވެސް ވެދާނެއެވެ.

މިއީ ކޮންމެ ދުވަހަކުމެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ކަން ހިނގާ މަތިވެރި އުސޫލެވެ. މަތިވެރިވި އިލާހީ ގާނޫނެވެ. އަދި އެތައް ބަޔަކު މި ކަންތައް ތަޖުރިބާ ކޮށްފައިވާ އަދި ކުރަމުން ދާ ކަމެކެވެ. އާއެކެވެ. މުސްކުޅިން ބުނެ އުޅެނީ ތެދެކެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން ގައިމެވެ. މިއަދު ތިބާ ހިތާމަ ކުރަން ޖެހުނު ކަމުގައި ވިޔަސް މާދަމާ އުފަލުން ފޮޅިފައި ވެސް ހުރެދާނެއެވެ.

ކޮންމެ ކަމެއްވެސް ހާސިލު ކުރެވޭނީ އެކަމަކަށް އެންމެ ފުރަތަމަ އުއްމީދު ކޮށްގެންނެވެ. އެހެން ކަމުން ކަމަކަށް އުއްމީދު ކުރުމަކުން ގޯހެއް ނެތެވެ. ހާސިލު ވުމާއި ނުވުމަކީ އަދި މުޅިން އެހެން ކަމެކެވެ. އަދި އެކަމެއް ހާސިލު ނުވި ނަމަވެސް މާޔޫސް ނުވާށެވެ. އެހެނީ ﷲގެ ރޭވުންތެރިކަން މާ މޮޅު އިތުރުވެގެން ވެއެވެ.

"ތަގުދީރު ވާކަން ކަށަވަރޭ ތަދުބީރަކަށް ބާރެއް ނެތޭ

ތަގުދީރު ދެއްކި މަގުން ހިނގަން މަޖުބޫރު ވާނޭ އެންމެނަށް"

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!