ކޮވިޑް-19: ކައްދޫ އިން އިތުރު 24 މީހުން ފައްސިވެ، ޖުމްލަ އަދަދު 59 އަށް

ލ. ކައްދޫއަށް ޓްރެއިނިންގ ދިޔަ ސިފައިންގެ ތެރެއިން އިތުރު 24 މީހުން ކޮވިޑް-19 އަށް ފައްސިވެ، ފައްސިވީ ޖުމްލަ އަދަދު 59 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭގައި އާއްމުކުރި ތަފާސް ހިސާބުތަކުން ދެއްކި ގޮތުގައި އިތުރު 24 މީހަކު ވަނީ ކައްދޫ އިން ކޮވިޑަށް ފައްސި ވެފައެވެ. އޭގެ ކުރިން އެރަށުން ފައްސި ވެފައިވަނީ 35 މީހުންނެވެ.
އެންމެ ފުރަތަމަ ކައްދޫއިން ފައްސިވީ ސިފައިންނަކީ ލ. ގަމުގެ މީހުން ދިރިނޫޅޭ ސަރަހައްދެއް ކަމަށްވާ ކަށިކޮލި ސަރަހައްދުގައި ކޭމްޕުކޮށްގެން ތިބި ޓްރެއިނިން ބެޗެއްގައި ހިމެނޭ 25 ސިފައިންނެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ބުނި ގޮތުގައި މިއީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެގި 93 ސާމްޕަލްގެ ތެރެއިން ފެނުނު ކޭސްތަކެކެވެ.
މި މީހުންނަކީ ކައްދޫގައި ކަރަންޓީން ކޮށްފައިވާ މީހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނުމުން އެޗްޕީއޭއިން ދުވާލަކު އެއްފަހަރު އާންމުކުރާ އަތޮޅުތަކުން ފައްސިވާ މީހުންގެ އަދަދު ހިމެނޭ ލިސްޓުގައި މި ކޭސްތައް ހިމަނާފައި ވަނީ ކައްދޫއިން ފެނުނު ކޭސްތަކެއްގެ ގޮތުގައެވެ.