އދ. އާންމު މަޖިލީހުގެ އިޤްތިޞާދީ - މާލީ ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ރާއްޖެ ހޮވިއްޖެ
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.)ގެ އާންމު މަޖިލީހުގެ މެންބަރު ޤައުމުތަކުގެ އިއްތިފާޤުން، އެ މަޖިލީހުގެ އިޤްތިޞާދީ އަދި މާލީ ކޮމިޓީގެ ނައިބު މުޤައްރިރުކަމުގެ މުހިންމު މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، 2026ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2027ވަނަ އަހަރުގެ ސެޕްޓެމްބަރަށް ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ސެޝަންގައި މި މަޤާމު ރާއްޖޭގެ ފަރާތުން ފުރުއްވާނީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ ޙުސައިން އަޛްހާން މުޙައްމަދު ޙުސައިންއެވެ. މި ދައުރުގެ ތެރޭގައި ކޮމިޓީގެ މަސައްކަތްތައް ހިންގުމުގައި ބިއުރޯގެ މެންބަރުންނާއި މުޤައްރިރާއެކު ދިވެހިރާއްޖެއިން ވަރަށް އިސް ދައުރެއް އަދާކުރާނެކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ މަސްރަޙުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ދިފާޢުކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ކުރަމުންދާ ކެނޑިނޭޅޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު މި ކާމިޔާބީއަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބޭރު ދުނިޔެއިން ކުރާ ފުރިހަމަ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީން ބަޔާންކުރެއެވެ.
އދ. ގެ އާންމު މަޖިލީހުގައި އެކުލެވިގެންވާ މައިގަނޑު 6 ކޮމިޓީގެ ތެރޭގައި ހިމެނޭ "ސެކަންޑް ކޮމިޓީ" އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލައި، އެ ކަންކަމާ ގުޅޭގޮތުން އދ. އިން ކުރާ މަސައްކަތްތައް ރާވާ ހިންގުމުގެ މައިގަނޑު ޒިންމާ އުފުލާ މުހިންމު ކޮމިޓީއެވެ.