އިންޑިއާގެ ދެމަފިރިއަކާއި ތުއްތު ކުއްޖަކު އިނގެރޭސިވިލާތުގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ
އިންޑިއާގެ ދެމަފިރިއަކާއި އެމީހުންގެ ތިން އަހަރުގެ ތުއްތު ފިރިހެން ދަރިފުޅު ، އިނގެރޭސި ވިލާތުގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އިނގެރޭސި ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހު ބުރެންޓްފޯޑްގައެވެ.
އިނގެރޭސި މީޑިއާތައް ބުނާ ގޮތުގައި އިންޑިއާގެ ދެމަފިރީންނާއި ދަރިފުޅުގެ ޚަބަރެއް ނުވެގެން އެމީހުންގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުން އެގެއަށް ގޮސްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ތަޅު ހަލާކު ކޮށްލައިގެން ވަދެ ބެލިއިރު ތިން މީހުން ވެސް ތިބީ މަރުވެފައި ކަމަށާ އޭގެ ތެރެއިން ފިރިހެން މީހާގެ ހަށިގަނޑުގައި އެހެން މީހެއްގެ ފަރާތުން އަނިޔާ ލިބިފައިވާ ކަމުގެ ނިޝާންތަކެއް ވެސް ފެންނަން ހުރިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައި ވަނީ މިއީ ގަސްދުގައި މަރާލުމުގެ ވޭދަނައަކަށް ނުވަތަ އަމިއްލައަށް މަރުވުމުގެ ވޭދަނައަކަށް ވެސް ވެދާނެ ކަމަށާއި އަދި އެ ދެބައި ހިމެނޭ ވޭދަނައަކަށް ވެސް ވެދާނެ ކަމަށެވެ. އެގޮތުން ފިރިހެން މީހާ އަނބިމީހާއާ ދަރިފުޅު މަރާލުމަށްފަހު އަމިއްލައަށް މަރުވީ ކަމަށް ވެސް ވެދާނެ ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނާ ގޮތުގައި އެ ދެމަފިރިންނާ ދަރިފުޅުގެ ޚަބަރެއް އެންމެ ފަހުން ވީ މިދިޔަ މަހު 21 ވަނަ ދުވަހުއެވެ.
ފުލުހުން ބުނެފައި ވަނީ ތިން މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް ފޮނުވާފައިވާ ކަމަށާއި ހާދިސާގެ އިތުރު ތަފްސީލް ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމުން ހާމަ ކުރާނެ ކަމަށެވެ.