ބޮލީވުޑް މުނިފޫހިފިލުވުން

ސަނާ ޚާންގެ އިންސްޓަގްރާމްގައި، މުނިފޫހިފިލުވުމުގެ ދާއިރާއާއި ގުޅުންހުރި ހުރިހާ ޕޯސްޓެއް ޑިލީޓު ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑުން ދުރަށް ދާން ނިންމި އެކްޓްރެސް ސަނާ ޚާން، އެދާއިރާއާއި ގުޅޭގޮތުން އިންސްޓަގްރާމްގައި ކޮށްފައިހުރި ހުރިހާ ޕޯސްޓެއް ޑިލީޓު ކޮށްލައިފިއެވެ.

Ads by STELCO

ދާދި ފަހުން ސަނާ ވަނީ އޭނާ ބޮލީވުޑާއި، މުނިފޫހިފިލުވުމުގެ ދާއިރާއާއި ވަކިވެއްޖެކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނު ކޮށްފައެވެ.

އެއަށްފަހު މިއަދު އޭނާ ވަނީ އެދާއިރާ އާއި ގުޅުން ހުރި ހުރިހާ ޕޯސްޓެއް ވެސް އިންސްޓަގްރާމުން ޑިލީޓު ކޮށްލާފައެވެ.

ސަނާ އެދާއިރާއާއި ދުރަށްދާން ނިންމީ މާތް ﷲ އަށްޓަކާ، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމަށް ކަމަށާއި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.

މިހާރު ސަނާގެ އިންސްޓަގްރާމްގައި ހުރީ އެންމެ 103 ޕޯސްޓެވެ. އޭގެ ތެރޭގައި ގިނައީ ދީނީ ކަމަކާއި ގުޅިގެން ކޮށްފައިވާ ޕޯސްޓުތަކެވެ.

ސަނާ ބޮޑަށް މަޝްހޫރުވެފައިވަނީ ބިގް ބޮސް 6 ގެ ބައިވެރިއެއް ގޮތަށާއި ސަލްމާން ޚާންގެ ފިލްމު "ޖައި ހޯ" އިންނެވެ.

ދާއިރާއިން ވަކިވިކަން އިއުލާނު ކުރަމުން ސަނާ ލިޔުނު ޕޯސްޓުގައި ބުނެފައިވަނީ ފިލްމީ ދާއިރާއިން އޭނާއަަށް މަޝްހޫރުކަމާއި، މުއްސަނދިކަމާއި ޝަރަފު ލިބުނަސް އެއީ ވަގުތީ ތަކެތިކަން އޭނާއަށް މިހާރު އިޙުސާސް ވެއްޖެ ކަމަށެވެ. އަދި އިންސާނުން މިވަގުތީ ދުނިޔެއަށް ފޮނުއްވި އަސްލު ސަބަބު ވެސް ވިސްނިފައިވާކަމަށް ސަނާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!