"ދިވެހިން މަރާފަވިޔަސް އިންޑިއާއަށް ރާއްޖެ ހިފިދާނެ" ކަމަށް ރާއްޖޭގެ މިނިސްޓަރަކު ވިދާޅުވުމަކީ ދަށު ދަރަޖައިގެ ބަހެއް: ޝެއިޚް ޒައިދު

"ދިވެހިން މަރާފައި ވިޔަސް އިންޑިއާއަށް ރާއްޖެ ހިފިދާނެ" ކަމަށް ރާއްޖޭގެ މިނިސްޓަރަކު ވިދާޅުވުމަކީ ވަރަށް ލަދުވެތި، ދަށު ދަރަޖައިގެ ބަހެއް ކަމުގައި ދެކެ ވަޑައިގަންނަވާ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ މަރާފައި ވިޔަސް އެކަން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެފައި ވަނިކޮށެވެ.
ޝެއިޚް ޒައިދު މިރޭ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ "ވެރިންގެ ތެރެއިން ބައެއް ބޭފުޅުންގެ ބަސްމަގު މިދަރަޖައަށް ވެއްޓިގެން ދިޔުމީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން" ކަމުގައެވެ.
ދިވެހި ރާއްޖޭގެ އަޑުން އިއްޔެ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މިނިސްޓަރ ފައްޔާޒު ބައިވެރިވެ ވަޑައިގެން، އެހުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފައި، އެގައުމުގެ އަތްދަށަށް ރާއްޖެ ގެންނަ ބޭނުންވާ ނަމަ މިހާރު ވެސް އެކަން އޮންނާނީ ކޮށްފައި ކަމަށެވެ. އަދި އެކަމުގައި ރާއްޖެއަށް "ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށެވެ.