ރޭޕްކުރާ މީހުންނަށް ބަނގްލަދޭޝްގައި މަރުގެ އަދަބު ދެނީ

ރޭޕްގެ ކުށް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ވިސްނާކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެފިއެވެ.
ބަންގްލަދޭޝްގެ ޤާނޫނުތަކާއި ބެހޭ ވަޒީރު އަނިސުލް ހައްގު ވިދާޅުވީ ޖިންސީ ކުށްތަކާއި ބެހޭ ގާނޫނަށް މާދަމާގެ ކެބިނެޓް ބައްދަލުވުމުގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
އަނިސުލް ވިދާޅުވީ ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް، އުމުރަށް ޖަލަށްލުމުގެ ބަދަލުގައި މަރުގެ އަދަބު ދިނުމަށް ވިސްނަމުންދާ ކަމަށެވެ.
ރޭޕް ގެ ޝިކާރާއަކަށް ވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށާއި، ރޭޕް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ބަންގްލަދޭޝްގެ ޑާކާ ގެ މަގުތަކުގައި ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.
މިމުޒާހަރާގެ ގިނަ ބައިވެރިން ގޮވާލާފައި ވަނީ ރޭޕް ކުރާ ފަރާތްތައް ދަން ޖައްސާ މެރުމަށެވެ.
ރޭޕްކުރާ ފަރާތްތަކާއި ދެކޮޅަށް ބަންގްލަދޭޝްގައި މުޒާހަރާ ކުރަން ނިންމީ މިދިޔަ ސެޕްޓެމްބަރުގެ ދެ ވަނަ ދުވަހު އެގައުމުގެ ދެކުނު ނޯޚާލީ ޑިސްޓްރިކްޓްގައި ކުރި ގޭންގް ރޭޕްގެ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ. މި މައްސަލައިގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައި ވެއެވެ.