އަލީ ޒައިދުގެ ރައްދު ފައްޔާޒަށް؛ ބަޔަކު ހަަމަ ހިތަށް އަރާ އިރަށް ރާއްޖެ އަޅުވެއްޗެއް ނުކުރެވޭނެ
ކިތަންމެ ބާރުގަދަ ގައުމެއް ނަމަވެސް، ހަމަ ހިތަށް އަރާ އިރަށް އައިސް ރާއްޖެ އަޅުވެތި ނުކުރެވޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް އަލީ ޒައިދު މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފައި، އެގައުމުގެ އަތްދަށަށް ރާއްޖެ ގެންދަން ބޭނުންވާ ނަމަ މިހާރު ވެސް އެކަން އޮންނާނީ ކޮށްފައި ކަމަށާއި އެކަމުގައި ރާއްޖެއަށް "ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ.
ފައްޔާޒް ވިދާޅުވީ އަވަށްޓެރި އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ، ދިވެހިން މަރާފައި ވިޔަސް އެކަން ކުރާނެ ކަމަށާއި އަދި އޭގެ މާނައަކީ ރާއްޖޭ ސިފައިން ބަލިކަށިވުމެއް ނޫން ކަމަށާއި ނަަމަވެސް އިންޑިއާ އަކީ ބާރުގަދަ ޤައުމެއް ކަމަށެވެ.
މިކަމާ ގުޅިގެން ޝެއިޚް އަލީ ޒައިދު ކުރި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން މަރާފައި ވިޔަސް އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް މެންބަރަކު ވިދާޅުވުމަކީ ލަދުވެތި އަދި ދަށު ދަރަޖައިގެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ވެރިން ބަސްމަގު މި ދަރަޖައަށް ވެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް އަލީ ޒައިދު ފާހަގަކުރިއެވެ.
ޝެއިޚް ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ ބާރާ ހަތިޔާރުގެ ގޮތުން އިންޑިއާ އަކީ ބޮޑު ގައުމެއް ނަމަވެސް ހަމަ ރާއްޖެ ހިފާނަމޭ ހިތަށް އަރާއިރަށް އެކަން ނުކުރެވޭނެ ކަމަށެވެ.
"2 އިރު ކާ ބޭހެއް ހެން އެކަން ހަނދާން ކޮށް ދިނަސް ރާއްޖެ އަށް ވެސް ކުރެވޭނެ ލައްކަ ކަންކަން ހުންނާނެ. މިނިސްޓަރަކަށް ދައްކަން ޖެހޭ ވާހަކަޔާ ނުދައްކަން ޖެހޭ ވާހަކަ ހުންނާނެ" އަލީ ޒައިދު ވިދާޅުވިއެވެ.
ކަލޭގެެ ދައްކާވާހަކަ