ރައީސް ޔާމީން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭ ޤާނޫނީ ހަމައެއް ނެތް: އަދުރޭ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ކްރިމިނަލް ކޯޓުން ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭ ޤާނޫނީ ހަމައެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ޖޫރިމަނާގެ ފައިސާ ރައީސް ޔާމީން ދައްކަވާފައި ނުވާ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އޮތީ އިސްތިއުނާފުގެ މަރުހަލާގައި ހައިކޯޓުގައި ކަމަށާއި އެހެންކަމުން އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް އެ ފައިސާ ދައްކަވަން ނުޖެހޭނެ ކަމަށެވެ.
"އަދި މިހާލަތުގައި ރައީސް ޔާމީން، ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް އެއްޗެއް ނޯންނާނެ. އެ ނުދައްކައިގެން އެއްވެސް ވާހަކައެއް ނުވެސް ދެއްކޭނެ،" އަދުރޭ ވިދާޅުވެފައިވެއެވެ.