ހައިދަރުއާބާދަށް ކުރަމުންދާ ވިއްސާރައިގައި ފާރެއް ވެއްޓި ދެ މަހުގެ ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ ހައިދަރުއާބާދަށް ކުރަމުންދާ ވިއްސާރައިގައި، އިމާރާތެއްގެ ފާރެއް ވެއްޓި އުމުރުން އެންމެ ދެ މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ރޭ ދަންވަރު ކުރި ވިއްސާރައިގެ ސަބަބުން، ކޮމްޕައުންޑެއްގައި ހުރި ފާރެއް ވެއްޓި، 10 ގެއަކަށް އަސަރު ކޮށްފައިވެއެވެ.
މިހާދިސާގައި އެތުއްތު ކުއްޖާއާއެކު އިތުރު އަށް މީހަކު ވެސް ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުތައް އަދިވެސް ހުރީ ގާތަކުގެ ދަށުގައި ކަމަށް ވެސް ރިޕޯޓުތަކުން ހާމަވެފައިވެއެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހައިދަރްއާބާދުގެ މަގުތައް ފެންބޮޑުވެ، އެއްގަމު އުޅަނދު ފަހަރުތައް ވެސް އޮޔާދާތަން، ބައެއް ވީޑިއޯތަކުން ފެނިފައިވެއެވެ.
ހައިދަރުއާބާދުގެ ޓެލަންގަނާ އަށާއި އަންދްރަ ޕްރަދޭޝް އަށް މިފަދައިން ވިއްސާރަ ކުރަމުންދާތާ މިހާރު ދިން ދުވަސް ވެފައިވާ ކަމަަށާއި، ވިއްސާރައިގެ ސަބަބުން މިދިޔަ 48 ގަޑިއިރު ތެރޭ 12 މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މިފަދަ ދުވަސްވަރެއްގައި މަގުމައްޗަށް ނިކުމެ ނޫޅުމަށް ހައިދަރުއާބާދު ސަރުކާރުން ވަނީ އާއްމުންނަށް ނަސޭޙަތްތެރި ވެފައެވެ.
މޫސުމަށް އައިސްފައިމިވާ ބަދަލުގެ ސަބަބުންނާއި ލިބުނު ގެއްލުމުގެ ސަބަބުން ހައިދަރުއާބާދުގައި ހުންނަ އޮސްމޭނިއާ ޔުނިވާސިޓީން ވަނީ އިމްތިހާނުތައް ވެސް ބޭއްވުން ފަސްކޮށްފައެވެ.