ބޮލީވުޑް މުނިފޫހިފިލުވުން

އަންކިތާއާ ދެކޮޅަށް ވެސް ރިއާ މައްސަލަ ހުށަހަޅަން އުޅޭކަމުގެ އަޑުތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓްރެސް ރިއާ ޗަކްރަބަތީ، އޭނަގެ ލޯބިވެރިޔާ ސުޝާންތު ސިންގް ރާޖްޕޫތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ އާއި ދެކޮޅަށް މައްސަލަ ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

Ads by STELCO

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު އަމިއްލައަށް މަރުވިފަހުން، އެންމެ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނު އެކަކީ ރިއާ އެވެ.

އެގޮތުން ސުޝާންތުގެ މަރުގެ ތަހުގީގާއެކު ފެންމަތިވީ މަސްތުވާތަކެތީގެ މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯ (އެންސީބީ) އިން ވަނީ ރިއާ ޖަލަށް ވެސް ލާފައެވެ. ކަފާލާތުގެ ދަށުން އޭނާ ޖަލުން މިނިވަން ވެފައިވަނީ ދާދި ފަހުންނެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، މިނިވަން ވުމަށްފަހު ރިއާ ބޭނުންވަނީ އޭނާއާއި ބެހޭގޮތުން "ދޮގު ވާހަކަ" ފަތުރާ އޭނަގެ އަބުރަށް އަރައިގަތް އެންމެންނާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ކަމަށް ރިއާގެ ވަކީލު ބުނެފައިވެއެވެ.

އެގޮތުން ސުޝާންތު މަރުވުމުގެ އެއް ދުވަސް ކުރިން ރިއާ ސުޝާންތާއި ބައްދަލުކުރި ކަމަށް ބުނެ ބަޔާން ދިން އަވަށްޓެރިޔާ އާއި ދެކޮޅަށް މިހާރު ވެސް ރިއާ ވަނީ މައްސަލަ ޖައްސާފައެވެ.

މިހާރު ފެތުރެމުން އަންނަ އަޑުތަކަކީ ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާއާ ދެކޮޅަށް ވެސް މައްސަލަ ހުށަހަޅަން އުޅޭކަމުގެ އަޑުތަކެވެ.

ސުޝާންތުގެ މަަރަށްފަހު، އޭނާއަށް އިންސާފު ހޯދައި ދިނުމަށް އަންކިތާ ވަނީ އެތައް ފަހަރަކު މީސް މީޑިއާގައި ގޮވާލާފައެވެ. އަދި ސުޝާންތަކީ ނަފްސީ ބަލި ތަހައްމަލު ކުރަމުން ދިޔަ މީހެއް ކަމަށް ރިއާ ދެއްކި ވާހަކަ ޤަބޫލު ނުކުރާ ކަމަށް ވެސް އަންކިތާ ބުނެފައިވެއެވެ.

ސުޝާންތުގެ އާއިލާއިން ވެސް ވަނީ އަންކިތާއަށް ސަޕޯޓުކޮށް، ރިއާ ކުށްވެރި ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!