ވިޔަފާރި

ފުޑް ބޭންކަށް 25 އަހަރު ފުރޭ ރިހިޔޫބީލް: ހާއްސަ ލަކީޑްރޯ އަކާއެކު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

"ފުޑް ބޭންކް" އަކީ ދިވެހީންނަށް ބީރައްޓެހި ނަމެއް ނޫނެވެ. ފުޑްބޭންކަކީ މީގެ އެތައް ދުވަހެއް ކުރިން ވެސް އެތައް ދިވެހީންނެއްގެ "ފޭވަރިޓް" އެވެ. އަދި މިއަދު ވެސް ގިނަ ދިވެހީންނެއްގެ ހިތުގައި ފުޑްބޭންކަށް ހާއްސަ ލޯތްބެއް އޮވެއެވެ.

Ads by Sosun Fihaara

ފުޑްބޭންކު އުފެދިގެން އައީ 1995 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެއީ ފުޑްބޭންކު، ފުޑްބޭންކެއްގެ ގޮތުގައި ހުޅުވުނު ފުރަތަމަ ދުވަހެވެ. އަދި މިހާ ހިސާބަށް އައިއިރު 3 ފުޑްބޭންކެއް ވަނީ ހުޅުވިފައެވެ. އެގޮތުން އެންމެ ފުރަތަމަ 1995 ވަނަ އަހަރު ހުޅުވުނީ "ފުޑްބޭންކް" އެވެ. އަދި އޭގެ ފަހުން 2000 ވަނަ އަހަރުގައި "ފުޑްބޭންކް ރެސްޓޯރެންޓް" ގެ ނަމުގައި އިތުރު ތަނެއް ހުޅުވިގެން ދިޔައެވެ. އެއީ މީގެ ކުރިން ސޯސަން މަގުގައި ހުންނަ ފުޑްބޭންކެވެ.

މިހާރު ހިންގަމުންދާ، "ފުޑްބޭންކް މިލޭނިއަމް" އަކީ ފުޑްބޭންކުގެ ތިން ވަނަ ތަނެވެ. އެ ފުޑްބޭންކު ހުންނާނީ އިސްކަންދަރު ސުކޫލް ކުރިމަތީ އޮންނަ ދީދީ ގޯޅީގައެވެ.

ފުޑްބޭންކަށް 25 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ފުޑްބޭންކުގެ ބާނީ މުހައްމަދު ޝަރީފު ވަނީ "ދެން" އަށް ހާއްސަ އިންޓަވިއު އެއް ދެއްވާފައެވެ. "ދެން"އާ ވާހަކަ ދައްކަވަމުން މުހައްމަދު ޝަރީފު ވިދާޅުވީ، އެހެން ފުޑްބޭންކެއް ވެސް އަވަސް މުސްތަގުބަލެއްގައި ވުޖޫދަށް އައިސްފާނެ ކަމަށެވެ. އެހެން ނަމަވެސް މިދުވަސްވަރު ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެކަންތައް މަޑުޖެހިފައިވާ ކަމުގައި ފާހަގަ ކުރެއްވިއެވެ.

ފުޑް ބޭންކުން ކޮންޓިނެންޓަލް ހުރިހާ އެެއްޗެއްވެސް ލިބޭނެ ކަމުގައި ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި ފުޑް ބޭންކުގެ އިންޑިއަން ފުޑް އަކީ ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއްޗެއްގެ ގޮތުގައި ފާހަގަ ކުރިއެވެ.

މިހާ ގިނަ ދުވަސްތަކެއް ވަންދެން، ކާމިޔާބުކަމާއެކު "ފުޑްބޭންކް"އާ އެކު ކުރިއަށް ދެވޭތީ ވަރަށް ބޮޑަށް އެކަމާ އުފާކުރާ ކަމުގައި ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ ގޮންޖެހުންތަކަކާ ވެސް ކުރިމަތިވި ކަމުގައި ޝަރީފު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް އެއިން ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލެއްވީ ކެތްތެރިކަން އިސްކުރައްވާފައެވެ.

ޝަރީފު ގަބޫލުކުރައްވާ ގޮތުގައި ފުޑްބޭންކު މިހާ ހިސާބަށް އައިއިރުވެސް ކާމިޔާބުކަމާއެކު ހިންގުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރ އެއްބަޔަކީ ފުޑްބޭންކުގެ މުވައްޒަފުންނެވެ. އެގޮތުން ފުޑްބޭންކުގެ ޑެލިވަރީ ކުރާ މުވައްޒަފުންނާ ހިސާބުން ފެށިގެން މެނޭޖަރުންނާ ހަމައަށް ހުރިހާ މުވައްޒަފުން ވެސް ފުޑްބޭންކުގެ ކުރިއެރުމުގައި ހިއްސާވާ ކަމުގައި ޝަރީފު ފާހަގަ ކުރެއްވިއެވެ.

25 އަހަރު ދުވަސް ވަންދެން ކާމިޔާބުކަމާއެކު ވިޔަފާރިއެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިފަދަ ކަމެއް ކާމިޔާބުކަމާއެކު މިހާ ދުވަހު ކުރެވޭނީ ވަރަށް ކެތްތެރިވެގެންކަން ޔަގީނެވެ.

ހާއްސަ ލަކީޑްރޯ އަކާއި 25 އިންސައްތަ ޑިސްކައުންޓު

ފުޑްބޭންކަށް 25 އަހަރު ފުރޭ ރިހިޔޫބީލްއާ ގުޅިގެން 20 އޮކްޓޯބަރު 2020 އިން 20 ނޮވެމްބަރު 2020އާ ހަމައަށް 50 ރުފިޔާއިން މަތީގެ ކޮންމެ އޯޑަރަކަށް ކޫޕަނެއް ލިބިލައްވާނެއެވެ. މި ޕްރޮމޯޝަން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖަހާއިރެވެ.

ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި، މި ޕްރޮމޯޝަން ނިމުމުން ގުރުއަތެއް ނެގޭނެއެވެ. އަދި އެއްވަނަ އަށް ދާ ފަރާތަކަށް 6 މީހުންގެ ކެއުމެއް ފުޑްބޭންކުން ލިބިގެން ދާނެއެވެ. އަދި 2 ވަނަ އަށް ހޮވޭ ފަރާތަކަށް 4 މީހުންގެ ކެއުމެއް ލިބިގެން ދާނެއެވެ. އަދި 3 ވަނައަށް ހޮވޭ ފަރާތަށް 3 މީހަކަށް ކެއުން ލިބިގެންދާނެއެވެ.

މިއަދުގެ ކޮންމެ ވަގުތެއްގައިވެސް ފުޑްބޭންކުން، 25 އިންސައްތަ ޑިސްކައުންޓު ލިބޭނެއެވެ. ޓޭކްއަވޭ ކަސްޓަމަރުންނަށްވެސް މި ޑިސްކައުންޓު ލިބޭނެއެވެ. ފުޑްބޭންކަކީ މިހާރުވެސް މާލޭގައި ހުރި އަގުހެޔޮ ރެސްޓޯރަންޓުތަކުގެ ލިސްޓުގައި ގުނާލެވޭ ރެސްޓޯރަންޓެކެވެ. އެހެންކަމުން، 25 އިންސައްތަ ޑިސްކައުންޓާއެކު އަދި އަގުހެޔޮ ވާނެވަރު ވިސްނާލަބަލާށެވެ.

ފުޑްބޭންކުގައި މިރޭ 7:30އިން ފެށިގެން އެ ރެސްޓޯރަންޓު ބަންދުކުރުމާ ހަމައަށް ލައިވް މިއުޒިކްވެސް ކުރިއަށް ދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!