މިނިސްޓަރު އަމީން އިސްތިއުފާ ދެއްވައިފި
ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި، އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަމީން ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.
އެގޮތުން ވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވާ ކަަމަށް އަމީންގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާ ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދީފީމެވެ." އަމީންގެ އިސްތިއުފާ ސިޓީގައި ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވިއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވުނު މައްސަލަ އާ ގުޅިގެން އަމީން ހުންނެވީ އަމިއްލަ އަށް މަގާމުން އެކަހެރިވެގެންނެވެ.
އަދި މި މައްސަލައިގައި ޕީޖީން އަމީން އާ ދެކޮޅަށް ދައުވާ ނުކުރަން ނިންމުމުން، ވެރިކަން ކުރާ އެމްޑީޕީއިން ވަނީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާފައެވެ. މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ، ވެރިކަން ކުރާ ޕާޓީ އެމްޑީޕީ ގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ގައި މިކަމާއި ގުޅޭގޮތުން އިއްޔެ ނެގި ވޯޓުން، އަމީންގެ އިތުބާރު އޮތްކަމަށް ފާސްވެފައި ވަނިކޮށެވެ.