ޚަބަރު

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްތައް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން: މިނިސްޓަރ މަލީޙް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޓަރނޭޝަނަލް ކަނެކްޓިވިޓީއަށް ކުރެވޭ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ކޮމިއުކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހް މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން، އައި.ޓީ.ޔޫ އާއި ވިއެޓްނާމްގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިން ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލް ގައި ދެއްކި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމަކީ ކޮވިޑް-19ގެ ހާލަތުގައި ޓެކްނޮލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަމާއި، އަވަސް ދުވެއްޔެއްގައި އިގްތިސާދު ރަނގަޅުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީގެ ދައުރަކީ ކޮބައިކަމާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ވެސް ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ އިންޓަނެޓު ކަން ފާހަގަކުރައްވައި މިނިސްޓަަރު ވިދާޅުވީ، އެ ހާލަތުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ހިދުމަތަކަށް އިންޓަރނެޓް ޚިދުމަތް ވެގެން ދިއުމާއި އެކު ރާއްޖޭގެ ސަރުކާރާއި، އައި.އެސް.ޕީ ތަކުން މަސައްކަތްކޮށްފައި ވަނީ ނެޓްވޯކް ވީހާ ވެސް ރަނގަޅަށް ފޯރުކޮށްދެވޭތޯ ކަމަށެވެ.

އެގޮތުން ފުރަބަންދު ދުވަސްވަރުގައި، ފްރީ ޑޭޓާ އެލަވަންސް، ރީޗާޖު ކުރުމުން ޑިސްކައުންޓް އަދި ބިލަށް ފައިސާ ދެއްކުން ފަސްކުރެވޭނެގޮތް ހޯދައިދެވިފައިވާ ކަން މިނިސްޓަރުގެ ވާޙަކައިގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް، ފުރަބަންދު ދުވަސްވަރު އިންޓަނެޓު ބޭނުން ކުރި މިންވަރު އިތުރުވެގެން ދިޔަ ކަމަށާއި އެކަން ވެގެން ދިޔައީ ރައްޔިތުންގެ އުއްމީދުތަކާއި އެއް ފެންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުން ގޮންޖެހުމަކަށް ވެގެން ދިޔަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!