ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ އިތުރު "ސްކޭމް" ތަކެއް ފާހަގަ ވެއްޖެ: އައްސަދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮަޑު ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމުން ހިންގާފައިވާ ބޮޑެތި ކަންތައްތަކެއް ފާހަގަވެގެން ގޮސްފި ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަޑައިގެން އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާއި، ކޮމިޝަނުން ތަހުޤީޤު ކުރަމުންދާ އެހެނިހެން މައްސަލަތައް ލަސްވާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ، ޓޫރިޒަމް ޤާނޫނާ ޚިލާފަށް 12 ފަޅާއި، 37 ރަށް ދޫކޮށްފައިވާއިރު، ޤާނޫނީ ގޮތުން ބަލާނަމަ އެއީ މިހާރުވެސް ބޮޑު މައްސަލައެއް ގޮތުގައި ފެންނަ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކޮމިޝަނުން ބަލަމުންދިޔަ ފަސް މައްސަލައެއްގެ ތެރެއިން ދެ މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާކަން ވެސް އައްސަދު ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ތެރެއިން އެއް މައްސަލައިގެ ތަހުޤީޤުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ މެއިލް ސާވަރއަށް އެކްސެސް ހޯދައި ބަލާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ފަސް ކޭސްގެ ވާހަކަ ދަންނަވާ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް ޓޫރިޒަމް މިނިސްޓްރީ ތެރެއިން ދާދި ފަހުން އެތަނުގެ މެއިލް ސާރވަރ އަށް އަޅުގަނޑުމެންނަށް އެކްސެސް ލިބިގެން ހޯދި ހޯދުމުގައި އޭގެ ތެރެއިން އެއް ކޭސްގެ މުޅި ޑިރެކްޝަން ބަދަލު ކުރަން އެބަޖެހޭ، އަޅުގަނޑުމެން ދައުވާކުރަން ޤަސްތުކުރި މީހާއަށް ދައުވާ ކުރެވޭނެ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދެން ފެނުނީ އެއަށްވުރެ މާ ބޮޑު ސްކޭމެއް އޭގެތެރެއިން" އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ މިކަންތައްތަކުގެ ތަހުގީގު އަވަސް ކުރުމުގެ ނިޔަތުގައި ހަމައެކަނި އެމީހާގެ މައްޗަށް ދައުވާކުރަން ފޮނުވުމަކީ އެއީ އެންމެ ޒިންމާދާރު ގޮތް ކަމުގައި ނުވާނެތީ އެކަން "އެކްސްޕޭންޑް ކޮށްގެން" ގެންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!