ވާހަކަ

ކުރުވާހަކަ: އަބަދަށް ޓަކައި ހިތުގައި ފޮރުވީމެވެ.

ދެން އެމްވީ ، ދެން އޮންލައިން

"މަންމަމެން ސްކޫލްގައި އުޅުނުއިރު ތިޔަ ފޭސްބުކާ، ވައިބާ އެއްޗެއްސެއް ނުހުރޭ. އެކަމަކު އޭރުވެސް ވީ ޙަޤީޤީ ލޯބި. ފޯނު ތަޢާރަފްވީ މަންމަމެން މީހުންނާވެސް އިން ފަހުން." އަހަރެން ވާހަކަދައްކަމުންދިޔައީ ދަރިފުޅު މީޝަމްއާއެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ.

Ads by Hajj Corporation

"އޭރު ދޭނީ ލޯބީގެ ސިޓީ ނޫނީ ނޯޓުކޮޅު. ނުވަތަ ފޮނުވާނީ ރައްޓެހި ކުދިން." މާޒީއަށްވިސްނަމުން އަހަރެން ކިޔައިދިނީމެވެ.

"މަންމައާ ބައްޕަވެސް ހަމަ އެހެންތަ ކަންތައްކުރީ؟" ގަޔާވެފައި އިނދެ މީޝަމް ސުވާލުކުރިއެވެ.

"އާނ! ހަމަ އެކަހަލަ ގޮތަކަށް. ދެން ދަރިފުޅު ދޭ ނިދަން. މާދަން ވަރަށް ހެނދުނު ބައްޕަ އަންނާނެ. ހޭލަންވެސް ޖެހޭނެއެއްނު." މާޒީގެ ހިތި ހަނދާންތައް އާވާން ފެށުމުން އަހަރެން ބެލީ އަވަހަށް ދަރިފުޅު ފޮނުވާލެވޭތޯއެވެ. ދަރިފުޅު ނުކުމެގެން ދިއުމާއެކު އަލަމާރި މަތީގައި ހުރި ފޮށި ނެގީމެވެ. އަދި އޭގައި ހުރި ހެދުންތަކުގެ ދަށުގައި އޮތް ކުޑަކުޑަ ފޮށި ހުޅުވާލީމެވެ. އޭގެތެރޭގައި ހުރި ކުދި ނޯޓުކޮޅުތަކަކީ އަހަރެންގެ ހިތުގެ އެއްބަޔެވެ. އަދި އެގަނޑުކޮޅުތަކުގެ ދަށުގައި ފަތްޖަހާފައި އޮތް ސިޓީ ހުޅުވާލީމެވެ. އެއީ އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ސިޓީއެވެ. ސިޓީ ކިޔަމުންދިޔަވަރަކަށް އަހަރެންގެ ލޯ ކަރުނުން ފުރެމުންދިޔައެވެ. އަދި މާޒީގެ ޞަފްޙާތައް ލޯ ކުރިމަތީގައި ސިފަވާންފެށިއެވެ.

އެއީ މީގެ ފަންސަވީސް އަހަރު ކުރިއެވެ. އަހަރެންގެ ރަށަކީ އަތޮޅުގެ ނިސްބަތުން ތަޢުލީމީ ފެންވަރު ރަނގަޅު ރަށެކެވެ. އޭރު މުޅި އަތޮޅުގައިވެސް އޭލެވެލް ހެދެނީ އަހަރެމެން ރަށުގައި އެކަންޏެވެ. އެހެންކަމުން އަތޮޅުގެ ގިނަ ރަށްރަށުންނާއި ކައިރި އަތޮޅުތަކުގެ ރަށްރަށުންވެސް ގިނަ ޢަދަދެއްގެ ކުދިން ރަށަށް ކިޔަވަން އާދެއެވެ.

އޭރު އަހަރެން އުޅުނީ ގްރޭޑް އެގާރައިގައެވެ. މާ ގިނަ ކުދިން ނުތިބޭތީ އޭލެވެލްގެ ކޮންމެ ގްރޭޑެއްގައި އޮންނަނީ އެއްކްލާހެވެ. ގްރޭޑް ބާރައިގެ ދަރިވަރުން ހެނދުނު ދަންފަޅީގައި ދާއިރު އެގާރައިގެ ދަރިވަރުން ދަނީ މެންދުރު ފަހުއެވެ. ދެބައިމީހުންވެސް ތިބެނީ އެއްކްލާސްރޫމެއްގައެވެ.

އަހަރެންނަކީ ގްރޭޑް ދިހައެއްގައި އުޅުނުއިރު ސްކޫލް އަންހެން ކެޕްޓަނެވެ. އެފަހަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރެވެ. ސްކޫލް ގަދަ ދިހައެއްގެ އެއްވަނައެވެ. އަދި އޯލެވެލްގައި ނޭޝަނަލް ޓޮޕް ޓެންގެ ދެވަނަ އަހަރެންނަށް ލިބުނެވެ.

އުމުރުގެ އެހިސާބަށް ދިޔައިރު އެންމެ ގާތް އެކުވެރިންގެތެރޭގައި "ބޯއީ ފްރެންޑެއް"ނުހުންނަނީ އަހަރެންގެ އެކަންޏެވެ. ހުށަހެޅުން ނުލިބެނީކީ ނޫނެވެ. ނަމަވެސް އެންމެގަޔާވާ ކުއްޖާގެ ހުށަހެޅުންލިބޭނެ ދުވަހެއްގެ އިންތިޒާރުގައި، އެހެން ހުރިހާ ހުށަހެޅުމަކަށް އަހަރެން ދިޔައީ ބީރު ކަންފަތެއް ދެމުންނެވެ.

މާކިންއަކީ އަހަރެންގެ އަވަށްޓެރިޔެކެވެ. އަހަރެމެން ކުޑައިރު އެކީގައި ކުޅެން އުޅުނީމެވެ. ނަމަވެސް ފުރާވަރަށްއެޅުމާއެކު މާކިން އައު ރައްޓެހިން ހޯދިއެވެ. އޭގެ ސަބަބުން އަހަރެމެންގެ ގުޅުން ހީނަރުވަމުންގޮސް ހަމައެކަނި ފެނުމުން ހިނިތުންވެލާހާ ދުރުވިއެވެ.އަހަރެންނަށް ގަޔާވެވުނީ މާކިންގެ ހުންނަ މަޑުމައިތިރިކަމާއި، ހީލުމުން ކޮލަށް އެޅޭ އަޑިކޮޅުންނެވެ. އިސްތަށި ބޯ ބުމައާއި، ފަން އިސްތަށިގަނޑުގައެވެ. މާކިންއަކީ އަޚުލާޤު ރަނގަޅު ކުއްޖެކެވެ.

ވިއްސާރަ ދުވަހެކެވެ. ކްލާހަށް ވަދެ ޓީޗަރު އަންނަންވާއިރަށް ފޮތްތައް ޑެސްކުގެ ވަތްގަނޑަށްލާން ބަލާލިއިރު އެތެރޭގައި ގަނޑުކޮޅެއް އޮއްވާ ލޮލުގައި އަޅައިގަތެވެ. ބަލާލިއިރު އޭގައި އިނގިރޭސިން "ހައި ބިއުޓިފުލް" ޖަހާފައި އޮތެވެ. އަދި ތިރީގައި ހިތަކާއިއެކު "އެމް" އަކުރު ޖަހާފައި އޮތެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން ދެވަނަ ފަހަރަށް އެ ލިޔުންކޮޅަށް ބަލާލެވުނެވެ. އަދި އެއީ މާކިންގެ ނޯޓުކޮޅަކަށް ވުމަށްއެދި ހިތާހިތުން ދުޢާ ކޮށްލެވުނެވެ.

އޭގެފަހުން ކޮންމެ ދުވަހަކުވެސް ވަތްގަނޑުގައި ނޯޓުކޮޅެއް އޮވެއެވެ. މުޚާތަބުކޮށްފައި ހުންނަގޮތުން އެމީހަކު ބަސްތައް ނިސްބަތްކޮށްފައި ހުންނަނީ ސީދާ އަހަންނަށްކަން އެނގެއެވެ. ހުރިހާ ނޯޓުކޮޅެއްގެ ތިރީގައިވެސް ހިތަކާއިއެކު "އެމް" އަކުރު ލިޔެފައި އޮވެއެވެ.

ނޯޓުކޮޅުތައް ލިބޭތާ ތިން ހަފްތާ ވެގެންދިޔައިރުވެސް ރައްދުގައި އަހަރެން އެއްވެސް އެއްޗެއް ނުލިޔަމެވެ. ހަތަރުވަނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އާދައިގެމަތިން އެދުވަހުވެސް ނޯޓުކޮޅެއް އޮތެވެ. ނޯޓުކޮޅާއިއެކު އެދުވަހު ފިޔާތޮށިކުލައިގެ ފިނިފެންމަލެއްވެސް އޮތެވެ. އަހަރެން މަޑުމަޑުން މަލުގެ ވަސްބަލާލުމަށްފަހު ނޯޓުކޮޅު ހުޅުވާލީމެވެ. އޭގައި ލިޔެފައި އޮތީ ވަރަށް ބޮޑު ވާހަކައެއް ދައްކާލުމަށްޓަކައި ހުކުރުދުވަހުގެރޭ ބައްދަލުކޮށްލަން ބޭނުންވާ ވާހަކައެވެ. އަދި އަށެއް ޖަހާއިރު ގޭ ދޮރުމަތީގައި އިންތިޒާރުކުރާނެ ވާހަކަވެސްއޮތެވެ.

ހުކުރު ދުވަހު ހެނދުނު ހޭލީއްސުރެ އަހަރެން ހުރީ ހުވަފެނީ ދުނިޔެއެއްގައެވެ. އެދުވަހު އަހަރެންގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ޢިޝާ ނަމާދުކޮށް ނިންމާލުމަށްފަހު އަހަންނަށް ރީތިވެވުނު އެންމެ ފުރިހަމައަކަށް ރީތިވެލީމެވެ. އަދި ގަޑިން ހަތްގަޑި ފަންސާސްފަހެއް ވުމާއެކު ގެއިން ބޭރަށް ނުކުތީމެވެ. ގޭ ދޮރޯށި ހުޅުވާލާފައި ދެކޮޅު ބަލާލިއިރު މާކިންއާއި އެ ކްލާހުގައި އުޅޭ އޭނާގެ އެންމެ ގާތް އެކުވެރިޔާ މިހާދު، މާކިންގެ ގޭ ދޮރުމަތީގައި ތިއްބެވެ. އަހަރެން ނުކުތްތަން ފެނި، ދެމީހުން އަހަރެން ކައިރިއަށް އަންނަން ހިނގައިގަތެވެ. އޭރު އަހަރެންގެ ހިތް ހީވަނީ މޭ ފަޅާލާފައި ނުކުމެދާނެ ހެންނެވެ. އަތްފައިން އޮށްދާހިއްލާ މީހާއަށް ރަނގަޅަށް ކޮޅަށް ހުންނަންވެސް ދަތިވިއެވެ.

ދެމީހުން އަހަރެންނާ އަރާ ހަމަވުމަށްފަހު އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަދި މާކިން "ބެސްޓް އޮފް ލަކް" އޭ ބުނެލުމަށްފަހު މިހާދުގެ ކޮނޑުގައި ޖަހާލާފައި އޭނާގެ ގެއާ ދިމާއަށް ހިނގައިގަތެވެ. އޭރު އަހަރެން ހުރީ މިވާ ގޮތެއް ނޭނގޭތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މާކިން ދިޔަ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ މިހާދު އަހަރެންގެ ނަމުން ގޮވާލިއެވެ. މިހާދަކީ އަތޮޅުގެ އެހެން ރަށަކުން ކިޔަވަން އައިސްހުރި ކުއްޖެކެވެ. އެއީ އެ ބެޗުގެ ކިޔެވުމުގެ އެއްވަނައެވެ. އަހަރެންނެކޭ އެއްގޮތަށް ދިވެހި އަދި އިނގިރޭސި އަދަބީ ގިނަ ޙަރަކާތެއްގައި އަބަދުވެސް މިހާދުގެ ނަން ވިދާލައެވެ. މިހާދަކީއިސްކޮޅުން ދިގު، ބާމަތި ފުޅާ އަދި ބަރު އަޑެއްގެ ވެރިޔެކެވެ. އަންހެންކުދިން "ޑްރީމް ބޯއީ" އެއްގައި ހުންނަން ބޭނުންވާ ހުރިހާ ސިފައެއް ޤުދުރަތުން މިހާދަށް ދެއްވާފައިވެއެވެ.

"ނޯޓުކޮޅުތަކުގެ ޖަވާބު ނުދިނަސް އަހަންނާ ވާހަކަ ދައްކާލެވިދާނެއެއްނު." އަހަރެންގެ ލޯ ކުރިމަތީގައި އަތް ހޫރާލަމުން މިހާދު ވާހަކަދެއްކިއެވެ.

"މިހާދުތަ އެ ނޯޓުކޮޅުތައް ލިޔަނީ؟" އޭރު އަހަރެންގެ އަޑުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ.

"ކިހިނެއްވީ؟ ޝަބާ އުއްމީދުކުރީ އެހެން މީހަކަށްތަ؟" ކުޑަކޮށް އަހަރެންގެ މޫނާއި ދިމާއަށް ގުދުވެލަމުން މިހާދު ބުނެލިއެވެ.

'ނޫނޭ! އެހެނެއް ނޫން. ކޮން ވާހަކައެއް ދައްކަންތަ ތިއައީ؟" އޭރު ނާކާމިޔާބީގެ ހިތި ރަހަ އަހަރެންގެ ކަރު ބުޑުގައި ލާންފަށައިފިއެވެ.

"މިހާރު ޝަބާއަށް އެނގިފައިކަންނޭނގެ އޮންނާނީ އަހަރެން ޝަބާއާ ލައިކްވާކަން." އިސްދަށަށް ޖަހައިގެން ހުރެ މިހާދު ވާހަކަ ދައްކަމުން ދިޔައެވެ. ޖެހިލުންވެފައި ހުރިކަން ފަޓުލޫނު ޖީބުގައި އޮތް އޭނާގެ ދެއަތް ރަމްޒުކޮށްދެއެވެ.

"އަސްލު ލައިކެއްވެސް ނޫން.... ލޯބި ވަނީ. އަހަރެން ޝަބާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ބޭނުންވަނީ ޝަބާއާ ކައިވެނިކޮށްގެން އުމުރު ދުވަހު ރީތި ދިރިއުޅުމެއް އުޅެން.ކޮންމެހެން ރައްޓެހިވެގެން ގިނަ ދުވަހު ކުޅިވަރު ކުޅޭކަށް އަހަރެން ބޭނުމެއް ނޫން.އޭލެވެލް ނިންމާފައި އަހަރެން މިއުޅެނީ އިތުރަށް ކިޔަވަން މާލެ ދާން. އަހަރެންގެ ބޮޑުބޭބެގެ ކުންފުނިން އަހަންނަށް އޮތީ ވަޒީފާނވެސް ހަމަޖެހިފަ. ޝަބާ އޭލެވެލް ނިމުމުން ބޭނުންނަމަ ކިޔަވަން އަހަންނާއެކު މާލެވެސް ދެވިދާނެ. އެކަމަކު އަހަރެން ޝަބާ ގެންދަން ބޭނުންވަނީ ކައިވެނި ކޮށްގެން." އެހިސާބަށް ވާހަކަ ދިޔައިރު މިހާދު ހުރީ އަހަރެންނާ ހަތަރު ކަޅި ހަމަކޮށްލައިގެންނެވެ. އޭނާގެ ލޮލުން ލޯބި ނޫން އިތުރު އެއްޗެއް ނުފެނެއެވެ.

"ޝަބާ ހީކޮށްފާނެ ޝަބާގެ ޖަވާބަކަށްވެސް ނުބަލާ އަހަރެން ހުރިހާ ޕްލޭނެއްކޮށް ނިންމާލީއޭ. ޝަބާ ނޫނެކޭ ބުންޏަސް، ދެން އަހަރެންގެ ޙަޔާތަށް އަންނަ ކުއްޖަކާމެދުވެސް އަހަރެން ކަންތައްކުރަން ނިންމާފައި އޮތީ ހަމަ މިހެން. މިވަގުތު ޖަވާބެއް ނުދިނަސް މައްސަލައެއް ނެތް. ދެން ދަނީ." ސާބިތުކަމާއެކު ހުރިހާ ވާހަކައެއްދައްކާ ނިންމާލުމަށްފަހު މިހާދު އެނބުރި ދާން ހިނގައިގަތެވެ.

ދުވަމުން ދުވަމުން އަހަންނަށް ކޮޓަރިއާ ހަމައަށް ދެވުނީ ކިރިޔާއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. މާކިންއަކީ މިހާދުގެ ކަނާއަތެވެ. މާކިންއަށް ކަމުދާނަމަ މިހާދު އަހަރެންނަށް ލޯބި ހުށަނާޅާނެކަން ޔަޤީނެވެ. އަހަންނަށް ހީވީ މީހަކު އަހަރެންގެ ހިތުގައި ދެފަރާތުން ހިފާ ފިއްތާލިހެންނެވެ.

މިހާދުގެ ހުށަހެޅުމުގެ ވާހަކަ މަންމައަށާއި އެންމެ ގާތް އެކުވެރިޔާ ޒީނާއަށް އަހަރެންކިޔައިދިނީމެވެ. ދެމީހުންވެސް ދެއްކީ އެއްވާހަކަތަކެކެވެ. މާކިންގެ ލޯބި ލިބެން ނެތްކަން އެނގޭއިރު އިންތިޒާރު ކުރުމަކީ ފޫނެއް ފާޔަށް ފެންފުރުން ކަހަލަ ކަމެއްކަމުގައެވެ. އަދި މިހާދުގެ ހަރުދަނާ ވާހަކައެވެ. މާކިންގެ އިންތިޒާރުގައި އެހެން ހުއްޓާ މިހާދު ކަހަލަ ރަނގަޅު ކުއްޖަކު ގެއްލިގެން ގޮސްފިނަމަ އުމުރު ދުވަހު ހިތާމަކުރަންޖެހިދާނެކަމެވެ.މަންމައާއި ޒީނާގެ ވާހަކަތައް އެހުމަށްފަހު މިހާދުގެ ހުށަހެޅުމަށް އަހަރެން "އާނ ބަސް" ބުނީމެވެ.

އެއްބަސްވިގޮތަށް އޭލެވެލް ނިމުމާއިއެކު އާ ވަކީލުކޮށް އަހަރެން މިހާދު އާކައިވެނިކުރީމެވެ. ކައިވެނީގެ ހުރިހާ ކަމެއްގައި މިހާދުގެ އެންމެ ކައިރީގައި މާކިން އުޅުނުތަން އަހަރެން ދުށީމެވެ.

އަހަރެމެން މާލެފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. އެއްޗެހިތައް ފޮށްޓަށް އަޅަން ހުއްޓާ މީހަކު ކޮޓަރި ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. އޭރު މިހާދު ވީ ރައްޓެހިންނާއެކު ކޮފީއަކަށް ގޮހެވެ. އަހަރެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އަވަށްޓެރި ފާތުންނެވެ.އެވަގުތު ފާތުން ދިއްކޮށްލީ ފަތްޖަހާފައި އޮތް ގަނޑެކެވެ.

"މިއީ މާކިން ދިން އެއްޗެއް." އެހެން ބުނުމަށްފަހު ފާތުން ނުކުމެގެން ދިޔައެވެ. އަހަރެން އެނދުގައި ރަނގަޅަށް ހަމަޖެހިލާފައި އެގަނޑު ހުޅުވާލީމެވެ. އެއީ ސިޓީއެކެވެ.

------------------------------

ޝަބާ އަށް،

އަހަރެން މިސިޓީ މިލިޔަނީ އުމުރަށް މިވާހަކަތައް ފޮރުވާފައި ބާއްވައިފިނަމަ އަހަރެންގެ ހިތަށް ލުޔެއް ނުލިބޭނެކަން އެނގޭތީއެވެ.

ޝަބާއަށް އެނގޭ ހެއްޔެވެ؟ ކުޑައިރު ކުޅެން އުޅުނުއިރު ރޮއިގެން، ނޫނީ ތަޅާ ފޮޅައިގެންވިޔަސް އަހަރެން ޝަބާއާ އެއްޓީމަކަށް އަރަނީ ކޮންމެހެން ޝަބާ ކުޅެން މޮޅުކަމުންނެއް ނޫނެވެ. ނަމަވެސް އޭރުވެސް އެހެންކުދިންނަށްވުރެ އަހަންނަށް ޝަބާ ޚާއްޞަވީމައެވެ.

ނަމަވެސް ބޮޑުވަމުން އައި އިރު ޝަބާ ވީ ތޫނުފިލި، ކަންކަމުގައި ކެރޭ، ރައްޓެހިންނާއި ޓީޗަރުންގެ މެދުގައި މަޤުބޫލު ކުއްޖަކަށެވެ. ނަމަވެސް އަހަރެން މީ އޭގެ އިދިކޮޅެވެ. އަހަންނަކީ ޝަބާއާ އަޅާ ބަލާއިރު ކިޔެވުމުގައި ހަމަ ސުމެކެވެ. ގަންނަ ލަދެއްގެ ސަބަބުން މީހުން ކުރިމަތީގައި ވާހަކަދައްކަން އަހަރެން ޖެހިލުންވެއެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެ ޝަބާއާމެދު އަހަރެންގެ ހިތުގައި އުފެދިފައި ހުރި އިޙުސާސްތައް ހާމަކުރުންވީ ވުމަށްވުރެ ނުވުން ކައިރި ކަމަކަށެވެ.

އެހެން ހުއްޓާ އަހަރެންގެ ހިތް މަރުވީ އެންމެގާތް އެކުވެރިޔާ ޝަބާދެކެ ލޯބިވާކަން އެނގުމުންނެވެ. މިހާދަކީ މީހަކަށް ދެ ދުނިޔޭގައިވެސް ލިބޭނެ އެންމެ ރަނގަޅު އެކުވެރިޔާއެވެ. މިހާދު ޝަބާދެކެ ލޯބިވާކަން އެނގުނު ދުވަހު، މީހަކު އަހަރެންގެ ހިތްވަޅިއަކުން ކޮށާ ކުދިކޮށްލިފަދަ އިޙުސާސެއްކުރެވުނެވެ.

ނަމަވެސް އަހަންނަށް ވިސްނުނުގޮތުގައި ހުރިހާ ގޮތަކުން ބެލި ނަމަވެސް ޝަބާއަށް އެންމެ އެކަށީގެންވަނީ މިހާދެވެ. އޭނާއަކީ، އުމުރަށްވެސް އަހަންނަށްވުރެ މާ ފުރިހަމައަށް،ޝަބާ އުފަލުގައި ގެންގުޅެވޭނެ މީހެއްކަން އެއްވެސް ޖެހިލުމެއްނެތި އަހަންނަށް ބުނަން ކެރޭނެއެވެ. މި ހުރިހާކަމެއް މިހެން އޮތްއިރު ޝަބާ އަހަރެންނާމެދު ދެކޭގޮތްވެސް އެނގެނީއެއް ނޫނެވެ.

މިހާދުގެ ފަރާތުން ހުރިހާ ނޯޓެއް ލިޔުނީ އަހަރެންނެވެ. އެއީ މިހާދު ލޯބި ނުވާތީއެއް ނޫނެވެ. ނަމަވެސް އޭނާ ބުނިގޮތުގައި އޭނާއަކީ ރޮމޭންޓިކް މީހެއް ނޫނެވެ. އަހަރެންނަކީވެސް މާ ރޮމޭންޓިކް މީހެއްނޫނީމުއެވެ. ނަމަވެސް އަހަރެންގެ ހިތުގައި،މާކުރިއްސުރެ ހުރި ޝުޢޫރުތަކެއް ހާމަކުރަން ފަސޭހަވާނެ ނޫންހެއްޔެވެ؟

ޝަބާގެ ޖަވާބު ހިފައިގެން މިހާދު އެންމެ ފުރަތަމަވެސް އައީ އަހަރެންގެ ކައިރިއަށެވެ.އެދުވަހު އަހަރެންގެ ހިތުގައި އެޅި ވޭން އެނގޭނީ ހަމައެކަނި އަހަންނާއި އަހަރެންގެ ވެރި އިލާހަށެވެ. ނަމަވެސް އަހަރެން ކެތްކުރީމެވެ. އަހަރެން ޤަބޫލުކުރާގޮތުގައި ޙަޤީޤީ ލޯތްބަކީ އަނެކާ އަބަދުވެސް އުފަލުގައި ހުރުމަށް އެދުމެވެ.

މިހާދަށް މީގެން އެއްވެސް ވާހަކައެއް ނޭންގުން އެއީ އަހަރެންގެ ވަރަށް ބޮޑު އެދުމެކެވެ. އަހަރެމެންގެ ރަޙްމަތްތެރިކަމުގެ ޙައްޤުގައެވެ. އަހަރެންގެ ދުޢާއަކީ އަބަދުވެސް ޝަބާ އުފަލުގައި ހުރުމެވެ.

---------------------------------

ސިޓީ ކިޔާ ނިމުނުއިރު އަހަންނަށް ގިސްލެވެއެވެ. އެވަގުތު ހިތުގައި ހުރި ޝަކުވާތައް މާކިންއަށް އަޑުއިއްވަން އަހަރެން ބޭނުންވިއެވެ. އެހެންކަމުން މާކިންގެ ގެއާ ދިމާއަށް މިސްރާބުޖެހީމެވެ.

އަހަރެން ދިޔައިރު މާކިން އެގޭ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮތެވެ. އަދި އަހަރެން ފެނުމާއެކު ފުންމައިގެން ތެދުވިއެވެ.

"މާކިން ކީއްވެ؟ އަހަރެން ގާތުގައި އެންމެ ފަހަރަކުވެސް ބުނެލިނަމަ. ކުރިމަތީގައި ބުނަން ނުކެރެންޏާ މިގޮތަށް ސިޓީއެއް ނަމަވެސް ފޮނުވިނަމަ........." ގިސްލެވޭވަރުން ވާހަކަ ކުރިއަށް ނުގެންދެވިގެން އަހަރެން ހުއްޓާލީމެވެ. އޭރު ކުށްވެރިއެއްފަދައިންއިސްޖަހާލައިގެން މާކިން ހުއްޓެވެ.

"އެހެންނޫނަސް އަހަރެންނަށް އެންމެ ރަނގަޅުވާނެ ގޮތް މާކިން ނިންމީ ކޮން ހައިސިއްޔަތަކުން؟ މާކިންއަށް އެނގޭތަ މާކިންގެ ފަރާތުން އިޝާރާތެއް ލިބޭނެކަމުގެ އުއްމީދުގައި އަހަރެން ކުރި ދިގު އިންތިޒާރު؟ އަށް އަހަރު އެއީ ކުރު މުއްދަތެއްތަ؟ އަހަރެން މިހާދަށް ޖަވާބު ދިނީ ހާދަ ހިތްވަރެއްކޮށްފައޭ! އަހަރެންގެ ހިތުގައިވެސް ހާދަ ވޭނެއް އެޅިއޭ!" އޭރުވެސް އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ.

"ޝަބާ ޕްލީޒް ނުރޮއި ހުއްޓާލާ! އަހަންނަށް ޔަޤީން މިހާދު ޝަބާއަށް ދެރަގޮތެއް ނުހަދާނެކަން. އޭނަ އަބަދުވެސް ޝަބާ އުފަލުގައި ބަހައްޓާނެ." ވަރަށް ޔަޤީންކަމާއެކު މާކިން ބުންޏެވެ.

"ތިކަމާ އަހަރެން ދެބަހެއް ނުވަމޭ. އަހަރެން އަބަދުވެސް މިހާދަށް ވަފާތެރިވާނަން.އެކަމަކު މާކިން ހަނދާންކުރާތި! ތި ނަން އަބަދުވެސް އަހަރެންގެ ހިތުގެ ކަނެއްގައި ވާނެ!" ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުން އަހަރެން ބުނެލީމެވެ.

------------------------------

މާޒީގެ ހިތި ޚިޔާލުތަކުން ނުކުމެވުނުއިރު ދަންވަރު ބާރަ ޖަހައިފިއެވެ. މާކިންވެސް މީހަކާ އިނދެ މިހާރު ދެކުދިން ތިބެއެވެ. ނަމަވެސް އަހަރެންގެ ހިތުން އަދިވެސް އެނަން ފިލައިގެން ނުދެއެވެ. އެ ނަން އަހަރެންގެ ހިތުގައި ފޮރުވީ ދުވަހަކުވެސް ފޮހެނުލާ ގޮތަށެވެ.

ނޯޓް: މިއީ މިދިޔަ އަހަރު ދެން އިން ގެނެސްދިން ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ދެވަނައަށް ހޮވުނު ވާހަކައެވެ. މި ވާހަކަ ލިޔެފައި ވަނީ ޅ.ހިންނަވަރު ސުނޯގޭ ސަމާ އިސްމާޢީލެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!