ޚަބަރު

އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް ތަނަކަށް ހާޒިރު ކޮށްފައެއް ނުވޭ: އަދުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މައްސަލައާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނަށް، އިދިކޮޅު ޕީއެންސީ ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ހާޒިރުކުރި ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ ދޮގު ކޮށްފިއެވެ.

Ads by STELCO

އޮންލައިން ނޫހެއްގައި ލިޔެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި، ކުރީ ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮކިޝަނަށް އަދުރޭ ހާޒިރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން ކަމަށާއި އެކޮމިޝަނަށް އެއްވެސް އިރަކު ހާޒިރު ކޮށްފައި ނުވާ ކަމަށެވެ.

"އެއްވެސް އިރަކު އެކޮމިޝަނަށް ހާޒިރު ކޮށްފައެއް ނުވޭ، އަދި އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން އެއްވެސް ތަނަކަށް، ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ހާޒިރުކޮށް ސުވާލުކޮށްފައެއް ނުވޭ. މިއީ ހަމަ އަބުރު ކަތިލުމުގެ ގޮތުން ފަތުރައިގެން އުޅޭ ދޮގު ވާހަކަތަކެއް" އަދުރޭ ވިދާޅުވިއެވެ.

މިފަދަ ޚަބަރެއް ލިޔުނުއިރު އަދުރޭގެ ބަހެއް ހޯދާލުމަށް އެނޫހުން މަސައްކަތްވެސް ކޮށްފައި ނުވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އެހެން ނަމަވެސް އެއްވެސް ފިޔަވަޅެއް އެނޫހާ މެދު ނުވަތަ އެހެން ފަރާތަކާއިމެދު ވެސް އަޅަން ނުވިސްނަވާ ކަމަށެވެ.

"ނޫސްތަކުގައި އެހެން ލިޔާ ޚަބަރުތަކާ ގުޅިގެން އެނޫސްތަކާއި ނޫސްތަކުގެ އެޑިޓަރުންނާއި އިސް ބޭފުޅުން ގޮވައިގެން ޤާނޫނީ ވަކީލުން ގޮވައިގެން ދައުވާ ކުރުމުގެ ވިސްނުމެއް އަަޅުގަނޑު ނުގެންގުޅެން. ނަމަވެސް ހަގީގަތާއި ޚިލާފު ވާހަކަ ފެތުރުމަކީ ވަރަށް ވެސް ދެރަ ކަމެއް" އަދުރޭ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!