ދުނިޔެ

މަސްތުވެގެން މަންމައަށް އަނިޔާ ކުރާތީ، އަންހެން ކުއްޖަކު ބައްޕަ ގައިގައި ތަޅާ މަރާލައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: މަންމައަށް އަނިޔާ ކުރާތީ ބޯޕާލްގެ 16 އަހަރުގެ އަންހެން ކުއްޖަކު ، ބައްޕަގެ ގައިގައި ތަޅާ މަރާލައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި އެ އަންހެން ކުއްޖާގެ ބައްޕައަކީ އެއްވެސް ވަޒީފާއެއް އަދާ ކުރާ މީހެއް ނޫނެވެ. ގޭގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ދޮށީ ފިރިހެން ދަރިފުޅު ކަމުގައި ވީއިރު ވެސް އޭނާ އަތުން ފައިސާ ހޯދައިގެން އެކުދީންގެ ބައްޕަ އަބަދު ވެސް މަސްތުވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މަސްތު ވުމަށްފަހު ކުދީންގެ ކުރިމަތީގައި އޭނާ ދިޔައީ ކުދީންގެ މަންމައަށް އަނިޔާ ކުރަމުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ކުދީންގެ ބައްޕަ މަރުވި ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު ދޮށީ ފިރިހެން ކުއްޖާގެ ކައިވެންޏާ ގުޅޭ ގޮތުން އެކުއްޖާއާއި މަންމަގެ އިތުރުން އަންހެން ކުއްޖާ ތިބީ މަޝްވަރާ ކުރާށެވެ. އެހެން ތިއްބާ ، ކުދީންގެ ބައްޕަ އައިސް މަންމައާ ޒުވާބުކޮށް އަނިޔާ ކުރަން ފެށުމުން ، ބައްޕަގެ އެ އަނިޔާތައް ފެނިފެނި ، ރުޅި ގަދަވެފައި ހުރި އަންހެން ކުއްޖާ ދަނޑިބުރިއެއް ނަގާ ބައްޕައަށް ހަމަލާ ދިނެވެ. އަދި އެ ހަމަލާތަކުގައި ބައްޕަ މަރުވި ދިޔައީ ކަމަށް ޚަބަރުތައް ބުނެއެވެ. އޭގެ ފަހުން ފުލުހުންނަށް ގުޅީ ވެސް އެ އަންހެން ކުއްޖާ ކަމަށާއި އެ ކުއްޖާ އަމިއްލައަށް ކުށަށް އިއުތިރާފު ވެފައިވާ ކަމަށެވެ.

މީޑިއާތައް ބުނާ ގޮތުގައި ބޯޕާލް ފުލުހުން މިހާރު ވަނީ އެކުއްޖާ ހައްޔަރުކޮށް ، ކުޑަކުދީން ބަލަހައްޓާ މަރުކަޒަކަށް ފޮނުވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!