ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ މައްސަލައެއްގައި އަދުރޭގެ މައްޗަށް ދައުވާ ކޮށްފި
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ މައްސަލައެއްގައި ޕީއެންސީގެ ރައީސް އަދި އިދިކޮޅު ހިންގުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން އަދުރޭގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަން ހުށަހެޅީ މިއަދުއެވެ. "ދެން"އާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޕީޖީ އޮފީހުން އެ މައްސަލަގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ތުހުމަތުކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
އިދިކޮޅުން މިކަން ސިފަކުރަނީ އެ ޕާޓީގެ ބޭފުޅުންނަށް އިންޒާރު ދިނުމުގެ ގޮތުން އަދި ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން ހިންގާ އަމަލެއްގެ ގޮތުގައެވެ. ހަމަ އެހެންްމެ މި އަމަލަކީ އިދިކޮޅުން އުފުލަމުންދާ އަޑު ކަނޑުވާލުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށްވެސް އިިދިކޮޅުން ބުނެއެވެ.
އަދުރޭގެ މައްޗަށް މިފަދަ ދައުވާއެއް ޕީޖީއިން ކޮށްފައިވާއިރު އެމަނިކުފާނު ވަނީ ރައީސް ޔާމީނަށް ހުކުމްކުރި ދުވަހު ވާހަކަ ދައްކަވަމުން ބޭ އަދަބީ ބަހެއް ބޭނުން ކުރައްވާފައެވެ.