ވާހަކަ

ކުރުވާހަކަ: ވިހި އޮނަވިހި

ދެން އެމްވީ ، ދެން އޮންލައިން

އެއީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ. އަހަރެން ހުރީ އިނގެރޭސިވިލާތުގައެވެ. ކިޔަވަމުން ދިޔަ ކޯސް ނިންމާ އަހަރެން އުޅުނީ އެތަނުގެ ވަޒީފާއެއްގައެވެ. ރާއްޖެ އެނބުރި ދާ ހިތް އެއްގޮތަކަށް ވެސް ނެތެވެ.އެއީ ޒަމާނީ ތަރައްޤީއަށް ލޯހުޅުވިފައިވާ ތަހްޒީބީ މުޖުތަމަޢެކެވެ. މާއްދިއްޔަތުގެ ވާދަވެރި ރޭހުގައި ދުނިޔެ އާރާސްތުކޮށްފައިވާ ފުރިހަމަ ޙަޟާރާތެކެވެ. އެ ތަނުގެ މީހުންނަކީ މިނިވަންކަމަށް ލޯބިކުރާ މިނިވަން ބައެކެވެ. ފުރަތަމަ ދުވަސްކޮޅުގައި ދީނާއި ފުށުއަރާ ކަންކަން ފެނި އުނދަގޫވާ ވަގުތުތައް އައެވެ. ނަމަވެސް އެ މީހުންނާއެކު ހޭދަވީ ކޮންމެ ވަގުތަކާއިއެކު އެޘަޤާފަތަށް ހޭނެމުން ދިޔައެވެ. އެކުވެރިންނާއި އެކު ކުޅެން ގޮސް ޕާޓީތަކަށް ދިޔުން އާދަވިއެވެ. ފުރިހަމަ މިނިވަންނެއްގެ އިޙްސާސްތައް ކުރެވުމުން ދިޔައެވެ. ޒަމާނީ ޒުވާން ފިރިހެނުންގެ ވިސްނުމާއި ފިކުރުގެ މަތީގައި އަހަރެން ވެސް ފިޔަވަޅު އަޅަމުން ދިޔައީމެވެ.

Ads by MWSC

ދުވަސްތައް ވޭތިވަމުން ދިޔައެވެ. ހީވެސް ނުކުރާހާ ބާރު މިނެއްގައެވެ. ދިވެހި ފަސްގަނޑުގައި ދުވަސް ދިގުވެ، މީހާ ފޫހިވިޔަސް މި ތަނުގައި މުޅީން ތަފާތެވެ. ކުރާނެ ކަންތައް ބައިވަރެވެ. ހެނދުނު ނުވައެއް ޖަހަންދެން ނިދުމެވެ. ދެން ދަނީ ކޮލެޖަށެވެ. ހަވީރު ވީމާ އޮންނަނީ ކުޅުމެވެ. ރޭގަނޑު ވެއްޖެއްޔާ ފިލްމުތަކަށް ދިޔުމެވެ. ނޫނީ ޕާޓީތަކަށެވެ. މަދުން ނަމަވެސް ބަނގުރާ ބޮއެ ހަދަމެވެ. ބައެއް ރޭތަކުގައި ފަރިވެފައިވާ ވިލާތުގެ މާތަކުގެ ތެރެއިން މަލެއްގައެވެ. އާނއެކެވެ. އެ ތާނގައި މި ކަންކަމަކީ ހުތުރު ކަންކަމެއް ނޫނެކެވެ. އައިބުކަމެއް ވެސް ނޫނެކެވެ. އެންމެންގެ ޙާލަކީ ވެސް މިއީއެވެ.

އާންމު ދިރިއުޅުމުގައި ވެސް ސިޔާސީ ކަންކަމާއި ދުނިޔޭގެ ޚަބަރުތައް ބަލާ އުޅުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫނެކެވެ. އަދި ސޯޝަލް މީޑިޔާގައިހަރަކާތްތެރިވެ އުޅެނީ މަދުންނެވެ. ދުނިޔޭގައި ކުރާ ހަނގުރާމަތަކާއި މީހުންނަށް ކުރާ އަނިޔާތައް ދައުރުވާ މަންޒަރު ބެލުމަކީ އަމުދުން އަހަރެން ކުރާ ހިތްވާ ކަމެއްނޫނެވެ. އޭގެ ޖަޒުބާތުގައި މި އުފާވެރި މަޖާ ޙަޔާތަށްހުއްޓުމެއް އައިސްދާނެތީއެވެ. މި ހުރިހާ ކަމަކާއިއެކު ވެސް، ދުނިޔެ ތެރޭގައި އަޑެއް ގަދަވިއްޔާ އަހަރެންގެ ކަންފަތަށް ވެސް އެ އަޑެއް ފޯރައެވެ.

ތުންތުން މަތިން ކޮރޯނާއޭ ކިޔޭ ވައިރަހެއް ޗައިނާގައި ފެތުރޭ ޚަބަރު ވެސް އަހަންނަށް ވަނީ އަޑު އިވިފައެވެ. އެ ބަލީގައި މީހުން މަރުވާ ވާހަކަ ވެސް އެމީހުން ކިޔާއުޅެއެވެ. އެ ކަމަކު މިހިރަ މިހިރަ ކަންކަމަކީ އަބަދު ވެސް ހިނގަމުން އަންނަ ކަންކަމެވެ. އެކި ދުވަސްވަރު އެކި ޤައުމުތަކުގައި ބަލިތައް ފެތުރި މީހުން އެ ކަމުގައި މަރުވެއެވެ. ކޮންމެ ކަމެއް ވެސް މާބޮޑު ކަމަކަށް ހަދަނީ މީޑިޔާއެވެ. އެހެންވެ މީޑިޔާއިން ޖަހާހާ ބެރަކަށް ބިރުން ވިރޭ މީހުންގެ ގިންތިން އަހަރެން ހުންނާނީ އަބަދު ވެސް ސަލާމަތްވެފައެވެ.

ދުވަސްތަކެއް ފަހެވެ. މި ވައިރަސްއެއް ދުނިޔޭގެ އެތައް ޤައުމަކަށް ވަނީއެވެ. މިކަމާ ހުރެ އެއަރޕޯޓުތައް ބަންދުކޮށް ޤައުމުތަކުގައި އެތައް ފިޔަވަޅުތަކެއް އަޅަމުންދާ ވާހަކަ ވެސް އަޑުއިވެއެވެ. ނަމަވެސް އިނގެރޭސި ވިލާތުގެ ޖައްވުގެ ތެރޭގައި މި ބަލިމަޑުކަމެއް ނެތިއްޔާ ހާސްވެ މީހާ ކަންބޮޑުވާންވީ ކޮންކަމަކާ ހެއްޔެވެ. މީހުން އުޅޭ ގޮތާއިމެދު އަޖައިބުވަމެވެ. އާދައިގެ އަލާމަތްތަކެއް ފެންނަ މި ރޯގަލެއްގައި އެންމެން ގޮތް ހުސްވާންވީ ސަބަބެއް ނުވިސްނެއެވެ. ޞިއްޙީ ކަންކަމުގައި ދުނިޔެ ގޮސްފައިވާ ހިސާބު ނުފެންނަ ބީރައްޓެހި ބައެއް ގޮތަށް މި ތެޅިފޮޅެނީ ކީއްވެބާއޭ ހިތަށްއަރައެވެ.

މާގިނަ ދުވަސްތަކެއް ނުވެ އިނގެރޭސި ސަރުކާރުން ވެސް މި ބައްޔަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. އެންމެ މީހަކަށް ދެ މީހަކަށް ބަލިޖެހިގެން މުޅި ޤައުމަށް އަމުރު ނެރެން ފެށިއެވެ. ނަމަވެސް މިނިވަން ހިޔާލުގެ ބައެއްގެ ތެރޭގައި، އެ މީހުން އެދޭ ބައެއް އިރުޝާދަކީ ވިކޭނެ އެއްޗެއް ނޫނެވެ. ޖަމާނުވުމަށް ގޭތެރޭގައި ތިބުމަށް ބުނާ ބުނުމަކީ އަހަރެން ކަހަލަ އެތައް ޒުވާނުންގެ ޒުވާން ވިންދާއި ޒަމީރު ޤަބޫލު ކުރާނެ ވާހަކަތަކެއް ނޫނެވެ. އެކުވެރިން ބުނާ ގޮތުން ގިނަ މީހުން މި ބަލީގައި މަރުވަނީއެވެ. އެ ކަމަކު މަރުވަނީ ގިނައިން މުސްކުޅިންނެވެ. ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދާ މީހުންނެވެ. ވީއިރު ޒުވާނުން މި ކަމާ މިހާ ކަންބޮޑުވާންވީ ކީއްވެ ހެއްޔެވެ! އުފާތަކާއި މަޖާތަކުން ދުރުވެ ގޭގައި ބަންދު ވާންވީ ކީއްވެ ހެއްޔެވެ! އިންސާނުންނަކީ މިހާ ނިކަމެތި ބަޔަކީ ހެއްޔެވެ! ހުމަށްރޯގަލަށް ކެއްސުމަށް ދޭނެ ބޭސް ގުޅައެއް މިހިރަ ބޮޑެތި ޤައުމުތަކުގައި ނެތީ ހެއްޔެވެ! ހައްތަހާ ވެސް ސުވާލުތަކެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ބާރަ ގަޑިއިރު ފަހުން މުޅި އަވަށް ވަދެ ނުނުކުމެވޭނެ ގޮތައް ބަންދުކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެހެންކަމުން ވަދާޢީ ޕާޓީއަށް އަހަރެންނާއި އަހަރެންގެ އެކުވެރިން ދިޔައީ ތައްޔާރުވަމުންނެވެ. އެއީ ކޮލެޖުގެ ގިނަ ޒުވާނުންތަކެއްގެ ވެސް ބައިވެރި ވުމާއިއެކުގައެވެ. ރޭގަނޑު ނުވައެއް ޖެހީ ދެޖިންސުގެ ޒުވާނުންގެ ފޯރިއާއި އަޑުތަކާއި އެކުގައެވެ. ލަވަޔާއި މިޔުޒިކުގެ ތެރެއިން ކުރާ ސަމާސާތަކެވެ. ބަނގުރަލުގެ ތަފާތު ބުއިންތަކާއިއެކު ހީނ ސަކަރާތް ޖަހަމުންނެވެ. ފަތިސްވެގެން ދިޔައީ ވެސް އެ ގޮތުގެ މަތީގައެވެ. މިނިވަންކަމުން، ގޭގައި ހައްޔަރުވެގެން ތިބުމުގެ އަޅުވެތި ޖައްވަކަށް އެންމެން ގެންދަމުންނެވެ. ޤުދުރަތުގެ ޤާނޫނު، އިންސާނީ ތަރައްޤީއާއި ތަމައްދުނަށް މަލާމަތްކުރާ ޙާލުގައެވެ.

ފޫހިކަމުގެ މައްޗަށް ފޫހިކަން ގެނުވަންފެށީ ދެނެވެ. ފިލުމު ބެލުމާއި ލަވައަޑުއެހުމެވެ. ކެއުމާއި ނިދުމެވެ. ކުރާނެ އިތުރުކަމެއް ނެތެވެ. ދާނެ ތަންތަން ހުއްޓަސް ދެވޭނެ ގޮތެއްނެތެވެ. އުފާތައް ގެއްލުނީއެވެ. ވެދާނެ ބައްޔަކަށް ރަޖާލާން މަޖްބޫރުވީއެވެ. މީހުން އުޅޭގޮތުން ހީވަނީ އުޑު ، ބޯމައްޗަށް ވެއްޓިގެން އުޅޭ ހެންނެވެ.

އެއްދުވަހެއްގެ މެންދުރެވެ. ފޯނުން ބަލަމުންދިޔަ ފިލްމު ހުއްޓުވާލީ އައި ފޯނު ކޯލަކުންނެވެ. ގުޅީ ދިވެހި އެމްބަސީންނެވެ. ޖެހިގެން އަންނަ ހުކުރުދުވަހު އެނބުރި ޤައުމަށްދާން ތައްޔާރުވުމަށް އެދުނެވެ. އެތައް ހާސް ބަޔަކަށް ބަލިޖެހި އިނގެރޭސި ސަރުކާރުގެ ސިއްޙީދާއިރާ ގޮތްހުސްވާ ހިސާބަށް ގޮސްފައިވާ ވާހަކަ ބުންޏެވެ. ދަތުރަށް ހަދަން އަހަރެންވަކި ކުރާނީ ކޮންކަމެއް ހެއްޔެވެ! ފިހާރަތައް ވެސް ހުންނަނީ ގިނަ ވަގުތު ބަންދުކޮށްފައެވެ. ތަނަކަށް ދާން ބޭރަށް ނުކުމެވޭކަށް ނެތެވެ. އެންމެން ގެތަކުގައެވެ. އަނެއް ބަޔަކު ބެލްކަނިތަކަށް ނުކުމެ ލަވަކިޔާ ބެރުޖަހަނީއެވެ. މަގުތަކުގައި ސިފައިންނާއި ފުލުހުންނެވެ. މިހިރަ ފެންނަ ކަންކަން އަހަރެންނަށްވީ ވިހިވަނަ ގަރުނުގެ ބޮޑެތި ޖޯކުތަކަށެވެ. ފަހުން އަންނާނެ ބަޔަކު މިކަމާއި ހީ މަލާމަތް ކުރާނެކަން ޔަޤީނެވެ.

ފުރަންވީ ވަގުތު ޖެހިއްޖެއެވެ. އެމްބަސީން ޚާއްޞަކޮށްފައިވާ ބަހެއް ގޭގެ ދޮރުމައްޗަށް މަޑުކޮއްލިއެވެ. ގެއިން ނުކުތްއިރު މުޅިމީހާ ފޮރުވޭވަރުގެ ހުދު ހެދުމެއްގައި ހުރި މީހަކު އަހަރެންގެ ގައިގާ ހުން ހުރިތޯ ބަލާލިއެވެ. އަދި ނެތްކަމަށް ބުނެ ބަހަށް އެރުމަށް އެދުނެވެ. މޫނުމަތީ އަޅާނެ މާސްކެއް ވެސް ދިނެވެ. ބަހަށް އެރުނުއިރު އޭގައި ވެސް ތިބީ އަހަރެން ކަހަލަ ޒުވާނުންނެވެ. އަނގަމަތި ނިވާކޮށްގެންނެވެ. އިތުރު އެހެން ގޮތެއް ނެތީމާ ދެންވާނީ ވެސް މިހެންތާއެވެ. އެއަރޕޯޓަށް ދެވުނުއިރު ހީވަނީ ފަޅުތަނެއްގައި ދަތުރު ކުރެވޭ ހެންނެވެ. ފަތުރުވެރީން ފުރިފައި އޮންނަ ޕާކުތަކާއި ބާޒާރުތައް ވަނީ ހުއްޓިފައެވެ. ދިރޭ ފުރާނައެއް ފެންނަނީ މަދުންނެވެ. މަގުތައްމަތިން ފެންނަނީ ހިމޭންކަމެވެ. ހަމަ މި ބަލި މިހާ ނުރައްކާތެރިބާއޭ ހިތައް އެރިއެވެ.

ދިގު ދަތުރަކަށް ފަހު ދިވެހި ފަސްގަނޑުގައި އަހަރެންގެ ފައި ޖެހުނެވެ. ވޭތިވެދިޔަ ހަތަރު އަހަރުތެރޭގައި އަހަރެން ރާއްޖެ އައިމީ ފުރަތަމަ ފަހަރެވެ. މުޅި އެއަރޕޯޓު އޮތީ ފަޅަށެވެ. މީހަކު ފެންނަނީ މަދުންނެވެ. ގިނައީ ހުދު ހެދުމުގައި އުޅޭ ޞިއްޙީ އެހީތެރިންނެވެ. އަނެއްކާ ވެސް ޖެހުނީ ހުންބަލާ ހަދާށެވެ. ކޮންމެ އެއަރޕޯޓެއްގައި މި ހުރިހާ ސަކަރާތެއް ޖަހަންޖެހޭ ހެއްޔެވެ! ހުރިހާ މީހުން މި ވަނީ ނަފްސާނީ ބަލިމަޑުކަމެއްގައެވެ. ދުނިޔެ ހޯދި ތަރައްޤީއަކީ ބިލާހަކީ ހެއްޔެވެ.

އެއަރޕޯޓާއި ފުލައިޓުގައި އުޅެން ޖެހުނު އުނދަގޫ ޙާލަތުން އަހަރެން ހުރީ ވަރުބަލިވެފައެވެ. ރުޅިގަދަވެފައެވެ. ދަތުރު ކުރި އެންމެން ޗެކުކޮށް ބައްޔެއް ނެތްކަން ކަށަވަރުވާއިރު ވެސް މިހާ ކަންތައްގަނޑު ބޮޑު ކުރަން ޖެހޭބާއޭ ހިތަށް އަރައެވެ. އަދި މިވަރަކުން ނިމުނީއެއް ނޫނެކެވެ. ސާދަ ދުވަހަށް ކަރަންޓީނު ވެގެންވެސް އިންނަން ޖެހުނީއެވެ. އަހަރެންނަށް އެކަނިވެރިކަން އިޙްސާސް ކުރަން ޖެހުނެވެ. ބަލިވާހެން ވެސް ހީވާންފެށިއެވެ. ބައެއް ފަހަރު ހުން އަންނަހެން ވެސް ހީވެއެވެ. ރޯގާގެ އަސަރު ވެސް ހުރެއެވެ. އެ ކަމަކު މާހައުލު ބަދަލުވެ ސައުވީސް ގަޑިއިރު ވަންދެން އެއަރކޯނުގެ ފިނީގެ ތެރޭގައި އުޅުނީމަ ރޯގާވެސް ޖެހޭނެއެވެ. ވާނީވެސް އެހެންތާއެވެ! ރަނގަޅަށް ހުރި މީހަކު ވެސް ބަލި ނުވާވަރެއް ހެއްޔެވެ.

ކަރަންޓީނުގެ ދެވަނަ ދުވަހެވެ. އެކަނިވެރިކަމުގައި މުޅި ދުވަސް ނިމިގެންދަނީއެވެ. ކޮންމެ ސިކުންތެއް އަހަރެއް ފަދައެވެ. ފަހަރަކު ބަޔަކު އައިސް ވަދެއެވެ. ބޮޑެތި އިންޓަވިޔު ތަކެވެ. ހިތައްއެރި ޖަވާބެއްދީ އެ މީހުން ފޮނުވާލެވޭތޯ އަހަރެން ބެލީމެވެ. އާދައިގެ ރޯގަލެއްގެ އަސަރުތައް ފެނުނީމާވެސް މި ކަން ކުރަން ޖެހެޔޯލައެވެ. ހީވަނީ ޤައުމުތަކުގައި ފަރުވާ ކުރާނެ ބަލިމީހުން ހުސްވެގެން އުޅޭ ހެންނެވެ. ނޫންނަމަ އަހަރެންނަށް މި ބައްޔާއި ބެހޭގޮތުން އެނގޭ އެއްޗެހި މަދީބާއެވެ. ކޮންމެ ގޮތެއްވިޔަސް އެ ބުނާވަރުގެ ނުރައްކާތެރި ހާލަތެއް އަހަރެންނަށް އަހަރެންގެ ގައިން ފާހަގައެއް ނުވެއެވެ.

ޖެހިގެންއައި ދުވަހެވެ. ދޮރުގައި ޓަކިދިން އަޑަށް އަހަރެން ހުޅުވާފައޭ ބުނީމެވެ. އެ ހިނދު ދޮރު ހުޅުވާ ވަދެގެންއައީ ނަރުސް ކުއްޖެކެވެ. އަތުގައި ލޭ ނެގުމަށް ބޭނުންވާ ސާމާނުތައް ހުއްޓެވެ. މުޅި މީހާގެ ގައިފޮރުވޭ ވަރުގެ ހުދުކުލައިގެ ހެދުމެއް ލައިގެންނެވެ. މޫނު މަތި ވެސް އެއްކޮށް ނިވާކޮށްފައެވެ. ވަދެގެން އައިސް ދުރުގައި ހުއްޓިއްޖެއެވެ. އިރުތަކެއް ވަންދެން އެ ގޮތުގައި ގާވެފައި ހުއްޓެވެ. އިރުތަކެއްނުވެ އެ ކުއްޖަކު ގިސްލާ ރޯން ފެށިއެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ބިރު ގަންނަނީތޯ އަހާލީމެވެ. ނުވަތަ ލޭ ނަގަން ކައިރިވާ ވަރަށްވުރެ ވެސް މި ބަލި ނުރައްކާތޯ ބުނެ އަހަރެން ސުވާލު ކުރީމެވެ. ތީ ކޮންމެ ދުވަހަކު ވެސް މި ކަމެއް ކުރަން އުޅޭ ޙާލުތޯ އަހާ އަހަރެންސަމާސާކޮށްލީމެވެ. ޖަވާބެއް ނުދީ އެ ނަރުސް ކުއްޖާ ދުރުގައި ހުއްޓެވެ. ފީވެފައިވާ އަޑަކުން ބާރަށް ރޮމުން ދިޔައެވެ.

އިރުގަނޑެއް ފަހެވެ. އެ ކުއްޖާ އަހަރެންނާ ކައިރިވިއެވެ. ލޭ ނަގާކަށް ނޫނެކެވެ. ނަމަވެސް ކީއްކުރަން ކަމެއް ނޭންގުނެވެ. އައިސް ވަރަށް ބާރަށް އަހަރެންގެ މެއާ ދިމާލުގަ ޖެހިއެވެ. އަދި ގައިގެ އެތަން މި ތަނުގައި ތަޅަންފެށިއެވެ. ރޮއި ހޭރެމުންނެވެ. އަންހެން ކުއްޖެއްވީމާ ރައްދުގައި އަތެއްފައެއް އަހަރެން ހަލުވައި ނުލަމެވެ. އެއަށްވުރެއް ބޮޑަށް ވީ ކީއްކަމެއް ނޭންގޭތީ ތަދެއްގެ އިޙްސާސް ވަކީން ނުކުރެވެއެވެ. އަހަރެން ހުރީ ވީގޮތެއް ވާންވީގޮތެއް ނޭންގިފައެވެ. އިރުކޮޅަކަށްފަހު އަހަރެން އޭނަ ހިފަހައްޓަން މަސައްކަތް ކުރީމެވެ. ވީ ކީއްތޯ އަހާ ސުވާލު ކުރަމުންނެވެ. ހީވިގޮތުގައި އޭނަވަނީ މޮޔަވެފައެވެ. ނަފްސާނީ ބަލީގައެވެ. އަބަދު ބަލިމީހުން ކައިރި މިހެން އުޅެން ޖެހުނީމަ ކަމަށް ވެދާނެއެވެ. އަހަރެން އޭނާގެ ދެއަތް ހިފެހެއްޓީމެވެ. އަދި އޭނާގެ ހާސްކަން ފިލުވުމަށް ޓަކައި މޫނުމަތީ އަޅާފައޮތް މާސްކުވެސް ނެގީމެވެ. ނަމަވެސް އޭނަގެ ގައިގާ އެ ވަނީ އާދަޔާޚިލާފު ބާރެކެވެ. އެއްގޮތެއް ނުހެދިގެން އުޅެނިކޮށް ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

ގަބުވެ އަހަރެންނަށް ހުއްޓުން އެރިއެވެ. އެއީ ކާކު ހެއްޔެވެ! އޭނަ ރުއީ ކީއްވެ ހެއްޔެވެ! އޭނަ އަހަރެންގެ ގައިގާ ޖެހީ ކީއްވެ ހެއްޔެވެ! މަޑު މަޑުން އަހަރެންގެ ހަރު ހިތް މަޑުވާން ފެށިއެވެ. ފަނޑުވެފައިވާ ހަނދާންތައް ކުރިމަތިން ފެންނަ ފަދައެވެ. ނެތްކަމަށް ހެދި އެތައް ކަމެއް ލޮލުގެ ކުރިމަތިން ފެންނަން ފެށީއެވެ. އާނއެވެ. އެއީ އަހަރެންގެ އަލަތު އަނބިމީހާއެވެ. ބޭރަށް ކިޔަވަންދާން ތައްޔާރުވެފަ ވަނިކޮށް ވެސް ކައިވެނި ކުރީ ތެދުވެރި ހިތެއްގެ އެދުމަކަށް ވީތީއެވެ. އަހަރެން ލޯބިވާ މީހަކަށްވުރެ އަހަރެންދެކެ ލޯބިވާ މީހަކާ ކުރެވޭ ކައިވެނި ބަރަކާތްތެރި ވާނޭ ބުނެއުޅޭތީއެވެ. އޭނާއަކީ ހެޔޮލަފާ ދީންވެރި ރަނގަޅު އަންހެނެކެވެ. އާއިލާއެއް ނެތް އަހަރެންގެ ހުރިހާ ވެސް މީހަކީ އޭރު އޭނައެވެ. މަސައްކަތަށް ފަރުވާތެރި އޯގާތެރި ނަރުހެކެވެ. ގެވެހި މުރާލި މީހެކެވެ. އަހަރަކު އެއްފަހަރު މަހަކަށް ކައިރިއަށް އާދެވޭނެ ކަމަށްބުނެ ބޭރަށް ފުރިއިރު ވެސް އެއްވެސް ޝަކުވާއެއް ނެތެވެ. އެތައް އަހަރަކަށްވާ ފައިސާ ހޯދައިދިނީ އަނބިމީހާގެ މުއްސަނދިކަމުންނެވެ. ފެންކަޅިވެފަ ހުރެ ޝުކުރުގެ ހިނިތުންވުމެއް ފިޔަވާ އިތުރު އިޝާރާތެއް ނެތެވެ.

ތެދެކެވެ. އަހަރެން ވިލާތުގެ ފެނަށް ދިރެންފެށީ މާއަވަހަށެވެ. އުފަލާއިމަޖާ ފެނި ޝަހުވަތުގެ އޮއިވަރުގެ ތެރެއަށް ގެނބުނީ މަދު ދުވަސްތަކެއްގެ ތެރޭގައެވެ. ކޮންމެ ކަމެއް ކުރިޔަސް ކޮންމެ ގޮތަކަށް އުޅުނަސް ބަލާނެ ފެންނާނެ މީހަކު ނުހުންނާނެތާއެވެ. ދުވަސްތައް ވޭތިވެ ދިވެހި ރަހަތަކާއި ދިވެހި ފަސްގަނޑުމަތިންވެސް ފޫހިވީއެވެ. މާއަވަހަށެވެ. އަނބިމީހާއަށް ވެސް ގުޅާ ހިތެއް ނުވިއެވެ. ގުޅިޔަސް ވެސް ފޯނެއް ވެސް ނުނަގަމެވެ. އުނދަގޫވާން ފެށީމަ ނަމްބަރު ވެސް ބަދަލު ކުރީއެވެ. ވަޒީފާއެއް ލިބުނު ފަހުން ޙާޖަތަކަށް ވެސް މުހުތާދެއް ނުވެއެވެ. އޭރު ދުވަހަކު ވެސް އެނބުރި ދިވެހި ފަސްގަނޑަށް އަންނަންޖެހޭނެ ކަމަކަށް ހިއެއް ނުކުރަމެވެ. އަދި މިދުވަސް ދެކެންޖެހޭނެކަމަށް އަމުދުން ހީނުކުރަމެވެ.

އަހަރެންގެ ބަލި ޙާލަތުދިޔައީ ގޯސްވަމުންނެވެ. ކޮރޯނާއަށް ފައްސިވެ އަހަރެން މުޅީން އަނަރޫފަވިއެވެ. ހުން އައިސް ކެއްސާ ހަދަމެވެ. ނޭވާލާން އުނދަގޫވެ އުޅެންޖެހެއެވެ. މީރު އެއްޗެއް ނުކެވެއެވެ. އަރާމު ނިންޖެއް ނުވެސް ނިދެއެވެ. ހީކުރިވަރަށް ވުރެއް ވޭންބޮޑު ބައްޔެކެވެ. ނިކަމެތިކަން އިޙްސާސްވާނެ ފެށިއެވެ. މަރުގެ މަތީން ހަނދާންވާން ފެށީއެވެ. ތައުބާވުމަށް އަވަސްވެގަތީމެވެ. ފާފައިން ފުރިފައިވާ މީހަކީމެވެ. އެތައް ބައެއްގެ ޙައްޤުތަކުން ދަރަނިވެރިވެފައިވާ ދަރަނިވެރިޔަކީމެވެ. ހިތް ހަލާކުވެގެން ދިޔަ އަނބިމީހާއަށް ވީގޮތެއް ނޭނގެއެވެ. ދިޔަތަނެއް ނޭނގެއެވެ. އެދުމަކަށްވީ އެންމެ ފަހަރަކު ވެސް ބައްދަލު ކުރުމެވެ. ކުށްތަކަށް މާފަށް އެދުމެވެ. ދުނިޔެއަށްލާ ފަހު ނޭވައިގެ ކުރީންނެވެ. ޞިއްޙީ އެހީތެރީންގެ ފަރާތުންވެސް ހަމައެކަނި ބޭނުމީ އެކަންވުމެވެ.

ޤުދުރަތުގެ ތަޤްދީރު އެކަމަކަށް ތަނެއް ނުދިނެވެ. ޙާލު އިތުރަށް ދެރަވެ އައި.ސީ.ޔޫއަށް ވެސް ވެއްދީއެވެ. ބަލީގެ އިތުރުން މޮޅިވެރިކަމެވެ. މާޔޫސްކަމެވެ. ކިލަނބު އަނދިރި އުއްމީދުތަކެވެ. ގިނައީ ވޭނުގެ ސަބަބުން ވާނުވާ ނޭނގޭ ފަހަރުތަކެވެ. މި ގޮތުގައި އެތައް ވަގުތެކެވެ. އެތައް ފަރުވާއެކެވެ. އެތައް ދުވަހެކެވެ. ﷲގެ ރަޙުމަތުން އަހަރެންނަށް ޝިފާ ލިބުނެވެ. އެތައް ބައެއްގެ އެހީއާއި މަދަދާއި ދުޢާއާއި އެކުގައެވެ. ބޭނުންވީ އަނބިމީހާ ދުށުމެވެ. އެތައް ވާހަކައެއް ދައްކާށެވެ. ޒަހަމްވެފައިވާ އެހިތަށް ފަރުވާ ހޯދަދޭށެވެ. ގެއްލިފައިވި ލޯބި ހޯދަދޭށެވެ. އަނބިމީގެ މަޢުލޫމާތުދީ އޭނާގެ ޚަބަރެއް ހޯދަދޭން އަހަރެން އާދޭސް ކުރީމެވެ. އެހެނަސް، އޭނާ ވަނީ އުމުރަށް ވަކިވެފައެވެ. އާނއެކެވެ. މަރުވީއެވެ. މި ބަލީގެ ޝިކާރައަކަށް ވެގެންނެވެ. އެވެސް އަހަރެންގެ ގައިންނެވެ. ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ! ކޮންފަދަ ހިތާމައެއް ހެއްޔެވެ! ދިރިހުރުމަށް ލަދުވެތިވަމެވެ. އަމިއްލަ ނަފްސު ވެސް ކުރަނީ މަލާމާތެވެ. ކެތްތެރިވުން ނޫން ގޮތެއް ނެތެވެ. 2020 ވަނަ އަހަރު ދުނިޔެ އާއި އަހަރެންގެ ހަޔާތް ބަދަލުކޮށްލީ އޮނަވިހި ކޮވިޑުންނެވެ. ކުރާނެ ކަމެއް ނެތެވެ. ނަފްސް އިސްލާހުކޮށް ތައުބާވެއްޖައީމެވެ. މަތިވެރި އިލާހުގެ ހިކުމަތެވެ. ތަޤްދީރުކުރެއްވުމެވެ.

ނޯޓް: މިއީ މި ނޫހުން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ބައިވެރިއަކު ހުށަހެޅި ވާހަކަ އެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!