ލައިފްސްޓައިލް

ފޭސްބުކުގެ އެކުވެރިން ވަރަށް ބައިވަރެވެ. ހަގީގީ ރަހުމަތްތެރިން ގުނާލެވޭހާ މަދެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފޭސްބުކުގައި އެކުވެރިންގެ އަދަދު 5000 އާ ގާތް ކުރެއެވެ. އޭގެ ތެރެއިން ވާހަކަ ދައްކާ ރައްޓެހިންގެ އަދަދު ގާތްގަނޑަކަށް 100 އާ ގާތް ކުރެއެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި ހަގީގީ ރަހުމަތްތެރިއެކޭ ބުނެވޭ ވަރުގެ މީހަކު އެބަހުރިތޯއެވެ؟ ހުރެދާނެއެވެ. ނަމަވެސް އިނގިލިން ގުނާލެވޭހާ މަދުވާނެއެވެ. ދުނިޔޭގެ އުސޫލަކީ މިއިީ ބާވައެވެ.

ފޭސްބުކުގެ ޕޯސްޓަކުން ބުނާތީ ދުށީމެވެ. އެއްވެސް މީހަކީ ތިމާއާ އެކު އަބަދު ހުންނާނޭ މީހެއް ނޫނެވެ. އާދޭހެވެ. އެކަމުގެ ތެރޭގައި ފޮރުވިފައިވާ އެތައް މާނަތަކެއް ފަހުމު ވެއެވެ. އެހާމެ ފުނެވެ. އެކަނިވެރިކަމާ އެކު ދިރިއުޅެން ޖެހިދާނެ ކަމަށް އަބަދު ވެސް ތައްޔާރަށް ތިބޭށެވެ. މީހަކަށް ނުވަތަ ބަޔަކަށް ބަރޯސާ ވެގެން އެއްވެސް ކަމެއް ކުރަން ގަސްތު ނުކުރާށެވެ. ނޫންނަމަ ފަހުން އެމީހުން ނެތް ތާނގައި ތިމާ އުފުލަން ޖެހޭ ބުރައާއި ހިތާމަ މާ ބޮޑުވެގެން ހިނގައިދާނެއެވެ.

ކަމުގެ ހަގީގަތް ބަލާނުލާ ތިމާއަށް އެކަމުގެ އިލްޒާމު އަޅުވާ މީހާއަކީ ތިމާގެ ރަހުމަތްތެރިއެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ ތިމާއަށް ރަނގަޅު ވެގަނެގެން އުޅުނު ހީލަތްތެރިއެކެވެ. ތިމާގެ ހަޔާތުގައި އުޅުނު ވިހަގަދަ ހަރުފަތަކެކެވެ. މާ ގިނަ ދުވަހު އެމީހުން ދިރިއުޅުމުގައި އުޅޭ ކަމުގައި ވަނީނަމަ ދިރިއުޅުން އެއްކޮށް ހަފުސްކޮށްލަން އެމީހުންނަށް މާ އުނދަގޫ ކަމަކަށް ވެގެނެއް ނުދާނެއެވެ. ދާން ހުރި ބަޔަކު ދޫކޮށްލާށެވެ. ބާރަށް ދަމާ ވާގަނޑެއްގައި ތިމާ ގަދަކަމުން ހިފެހެއްޓި ވަރަކަށް ތަދުވާނީ ވެސް ހަމަ ތިމާގެ އަތަކަށް ނޫން ހެއްޔެވެ؟

މިއަދު އަހަރެންގެ ބައިވަރު ރަހުމަތްތެރިން ގެއްލިއްޖެއެވެ. ހީނުކުރާހާ ގާތްކޮށް ގެންގުޅުނު އެތައް ރައްޓެހިންނެއް މިއަދު ބީރައްޓެހިންނަށް ވެ ހިނގައްޖެއެވެ. މަގުމަތިން ފެނުނަސް ފެންނަ ކަމަށް ނުހަދާ ރައްޓެހިން ގިނައެވެ. އެކަމާ ދެރަ ވެސް ވެއެވެ. ހިތާމަ ވެސް ކުރެވެއެވެ. އެހެން ނަމަވެސް މާތްﷲ ގެ އިރާދަފުޅުން އަހަރެންގެ ދިރިއުޅުމުން މަޑުމަޑުން ގެއްލިގެން އެ ދަނީ ވިހަ ގަދަ ހަރުފަ ތަކެކެވެ. މިއަދު އަހަރެން ވަރަށް ދެރަވެ މާޔޫސް ވެދާނެއެވެ. ނަމަވެސް މާތްﷲ ގެ އިރާދަފުޅުން ފަހުން އަހަރެން އެކަމާ އުފާކުރާނަމެވެ.

އަހަރެންގެ ގާތު ރައްޓެއްސަކު ބުނެފައިވެއެވެ. ދުނިޔެއަކީ ވަރަށް ތަފާތު ތަނެކެވެ. ކުރިމަތިލާން ބޭނުންނުވާ އެތައް ކަމަކާއި ކުރިމަތިލާން ޖެހޭނެ ކަމެވެ. އެދުވަހަކަށް އަބަދުވެސް ތައްޔާރަށް ތިބޭށެވެ. އަހަރެންގެ ހިތުގެ އެންމެ އަޑީގައި މިވާހަކަތައް ހަރުލައިފިއެވެ. މާޔޫސްވާ ކަންކަމާއި ހިތާމަ ކުރަންޖެހޭ ކަންކަމާ ވެސް ކުރިމަތިލާން ޖެހޭނެ ކަން ގަބޫލު ކުރަމެވެ. އެހެން ނަމަވެސް އެވަގުތަކީ ހިތަށް މާ އަސަރު ކުރާ ވަގުތެކެވެ. އަހަރެން ގިސްލާ ނުރުއި ނަމަވެސް އަހަރެންގެ ހިތް ގިސްލާ ޙާލުގައި ރޯއަޑު އަހަންނަށް އިވެއެވެ. އަހަރެންގެ އެކަނިވެރިކަން އަހަންނަށް އިހުސާސް ކުރެވެއެވެ. ހަގީގަތުގައި ވެސް ލޯބިވެރިއެއް ގެއްލުމަށްވުރެ ގާތް ރަހުމަތްތެރިއެއް ގެއްލުމަކީ މާ ދެރަވާ ކަމެކެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!