ޚަބަރު

މާތް ނަބިއްޔާއަށް އީމާންނުވެ، އެކަލޭގެފާނުގެ ހިދާޔަތަށް ފުރަގަސްދިން ކޮންމެ މީހަކީ އަބާއްޖަވެރިއެއް: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދަކީ ކީރިރި މާތް ނަބިއްޔާގެ އީދު މީލާދެވެ، އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހެވެ. ރަބީއުލްޢައްވަލް މަހުގެ ބާރަ ވަނަ ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އެކި ގޮތްގޮތަށް މިދުވަސް ފާހަގަ ކުރެއެވެ. ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގައި އަޅުގަނޑުމެން ބަލަންވީ އެކަލޭގެފާނުގެ މަތިވެރި ސީރަތަށެވެ. ދިރާސާ ކުރަންވީ ރަސޫލާގެ ރިވެތި އަޚްލާގާއި ދީން ފެތުރުއްވުމަށް ދިމާވި ގޮންޖެހުންތަކާއެކު ވެސް ސާބިތުވެ ހުންނަވައި މުޅި ދުނިޔެއިން ޖަހާލަތުގެ އަނދިރިކަން ފޮހެލެއްވި ގޮތެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވަނީ "ކީރިތި މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމް ދެކެ ލޯބިވުން" މި މައުޟޫއު އަށެވެ.

ދުނިޔޭގެ ތާރީހު ލިޔުއްވާ މުއައްރިޚުން ފާހަގަ ކުރައްވާ ގޮތުގައި، އިންސާނުން އަޚްލާޤީ ގޮތުންނާއި، ދީނީގޮތުން އެންމެ ދަށު ދަރަަޖައަކަށް ވެއްޓިފައިވީ ދުވަސްވަރަކީ، މީލާދީ ގޮތުން ފަސް ސަތޭކައިގެ އަހަރުތަކުގައި ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ. އެ ދުވަސްވަރު ނުކުރާ ފާފައެއް، އަރައިނުގަންނަ ހަޑިމުޑުދާރު އަމަލެއް ނެތް ކަމުގައި ވެސް ހުތުބާގައި ފާހަގަ ކުރިއެވެ. ހުތުބާގައި އިތުރަށް ފާހަގަ ކުރީ، އެފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައި ވަނިކޮށް، ކޯފާގެ މިފުން އަނދަވަޅުން އިންސާނީ ނައުޔު ސަލާމަތް ކުރެއްވުމަށްޓަކައި މާތްﷲ އިހްތިޔާރު ކުރައްވާ ފޮނުއްވެވި ރަސޫލު ބޭކަލަކީ މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ކަމަށެވެ. އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަަކަށް ރަހުމަތެއް ކަމުގައްޔާއި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައި ކަމަށެވެ.

މާތްވެގެންވާ އިސްލާމްދީނައިގެން ވަޑައިގެންނެވި މާތް ސާހިބާ މުހައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމް އަކީ ތަގްވާވެރިންގެ އިމާމް ކަމުގައި ހުތުބާގައި ފާހަގަ ކުރިއެވެ. ހުތުބާގައި އިތުރަށް ފާހަގަ ކުރީ އެކަލޭގެފާނަކީ ގިޔާމަތްދުވަހުން ހަމްދު ލިބިގެންވާ މަތިވެރި މަގާމުގެ ވެރި ހައުޟޭ ކިިޔުނު ފެންގަނޑުގެ ވެރި ސާހިބާ ކަމަށެވެ. މަހުޝަރުގެ މައިދާނަށް ހަލްގުތަކުން އަލުން ފޮނުއްވާ ވަގުތު އެބޭކަލަކަށްޓަކައި އެންމެ ފުރަތަމަ ބިންގަނޑު ފެޅިގެންދާނީ އެކަލޭގެފާނަށް ޓަކައި ކަމަށެވެ. އަދި އެބޭކަލަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަަމަ ހުޅުވި، އެންމެ ފުރަތަމަ ސުވަރުގެ ވަޑައިގަންނަވާނީ އެކަލޭގެފާނު ކަމަށެވެ.

މާތް ނަބިއްޔާއަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި އެކަލޭގެފާނަށް ކިޔަމަން ގަތުމާއި އެކަލޭގެފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް، އިހްތިރާމްކޮށް އަދަބު ތައުޡީމް އަދާކޮށް އެމީހެއްގެ އަމިއްލަ ނަފްސާއި މުދަލާއި އަނބި ދަރީންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންތެރިކަން ފުރިހަމަ ނުވާނެ ކަމަށްވެސް ހުތުބާގައި ފާހަގަ ކުރިއެވެ.

ހުތުބާގައި އިތުރަށް ފާހަގަ ކުރީ ރަސޫލާ ޞައްލަﷲ އަލައިިހި ވަޞައްލަމް އަށް އީމާންނުވެ، އެކަލޭގެފާނުގެ ހިދާޔަތަށް ފުރަގަސްދޭ ކޮންމެ މީހަކީ އަބާއްޖަވެރިއެއް ކަމަށެވެ. ނަރަކަވަންތަވެރިއެއް ކަމަށެވެ.

"ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ އައު ކަމެއް ނޫނެވެ. މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީ ބޭކަލަކާއި ރަސޫލު ބޭކަލަކަށްވެސް ފުރައްސާރަކުރި ބަޔަކު އުޅުނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ވެސް މި ދުއްތުރާތަކާ ކުރިމަތިވެ ވަޑައިގަތެވެ. ނަމަވެސް އެފަދަ ފުރައްސާރަވެރިން މާތްﷲ ވަނީ ނިކަމެތި ކުރައްވާ އެކަލާނގެ ނަބިއްޔާއަށް ނަސްރު ދެއްވާފައެވެ." ހުތުބާގައި އިތުރަށް ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުންވެސް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ދެކެ ލޯބިވުމުގެ ގޮތުން ކުރަން ޖެހޭ އެތައް ކަމެއް ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!