މާދަމާ ވެސް ތިބާ މަރު ނުވާނެކަން ތިބާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟
މަރަކީ އޭގެ ވަގުތު އައުމުން ތިމާގެ ރުހުމާއި ނުރުހުމުގައި ވިޔަސް ގެންދާ އެއްޗެކެވެ. އަދި ހަމަ ކަށަވަރުން ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނެ ނަފްސެކެވެ. ވީއިރު ތިބާ މަރުވާނޭ ވަގުތަކާއި ތިބާ މަރުވާނޭ ތަކެއް ފަހެ ތިބާއަށް އެނގިގެން ވޭ ހެއްޔެވެ؟
މާދަމާއަށް ނޫނީ ފަހަށް ކުރަން ކިތައް ކަންތައް ބެހެއްޓިފައިވާކަން ނިކަން ވިސްނާލާށެވެ. މާދަމާ ވެސް ނޫނީ ފަހުން ވެސް އެކަންކަން ކުރެވިދާނެއެވެ. އެހެން ނަމަވެސް ތިބާ އެހާއިރަށް ދިރިހުންނާނެ ކަމުގެ ޔަގީންކަން ތިބާއަށް ވޭހެއްޔެވެ؟ ނުވާނެއެވެ. ހަމަ މިވަގުތު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަކެއް ފުރާނައެއް ނެތިގެން ދާނެއެވެ. އެހިނދު އެއިން އެއްވެސް މީހަކީ ފަހެ އެމީހާގެ މަރަށް ތައްޔާރަށް ތިބި ބައެއް ނޫނެވެ.
ވަގުތު ފާއިތުވުމުގެ ކުރިން ތިބާގެ ހެޔޮ ތިލަފަތަށް ބަރު ކުރެވޭތޯ ތިބާ މަސައްކަތް ކުރާށެވެ. ދުނިޔޭގައި އުޅޭއިރު ތިބާއަކީ ވަރަށް ކާމިޔާބު މީހަކަށް ވެދާނެއެވެ. އަދި އެހާމެ މުއްސަނދި މީހަކަށް ވެސް ވެދާނެއެވެ. ދުނިޔޭގެ ކޮންމެ އެއްޗެއް ވެސް ގަނެވިދާނެއެވެ. އެހެނަސް އެންމެ ފަހު ވަގުތުގައި ވެސް ތިބާ ދާންޖެހޭނެ އެންމެ ފަހު މަންޒިލަކީ ވެސް ވެލިގަނޑު ދަށެވެ. އެތަނަށް ތިބާގެ ފައިސާއާއި މުއްސަނދިކަމުން ކުރާނެ އެއްވެސް ފައިދާއެއް ނުވާނެއެވެ.
ނަމަވެސް ތިބާ ދުނިޔޭގައި ކޮށްފައިވާ ހުރިހާ ހެޔޮ ޢަމަލު ތަކަކީ ތިބާއާ އެކު އަބަދުމެ ވާނޭ ކަންކަމެވެ. ހިސާބު ބެއްލެވޭ ދުވަހު ވެސް އެ މުއްސަނދި ކަމުގެ ސަބަބުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ނަމަވެސް ކޮށްފައިވާ ޢަމަލުތައް އެދުވަހުން ތިމާގެ އެހީތެރިއެއް ގޮތުގައި އަބަދުމެ ހުންނާނެއެވެ. ވީއިރު ދުނިޔޭގައި އުޅޭއިރު ބޮޑާކަމާއި ކިބުރުވެރިކަން ދެއްކުމުގެ އެއްވެސް ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަދި ފަހުން ކަންކަން ކުރުމަށް ބެހެއްޓުމުގެ ފައިދާއަކީ ވެސް ކޮބައި ހެއްޔެވެ؟