ހިޔާ ފްލެޓު: ފޯނަށް ނުގުޅޭ އިތުރު 93 ފަރާތެއްގެ ނަން އާއްމުކޮށްފި

ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެއްޓެވި "ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި އެޗް7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި އިތުރު 93 ފަރާތެއްގެ ނަން ހާމަކޮށްފިއެވެ.
އެޗް7 ނުވަތަ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ބުނެފައިވެއެވެ.
މީގެކުރިން އެ ކޮމިޓީން ވަނީ އެޗް7 ކެޓެގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ފޯނުން ނުގުޅޭ 509 ފަރާތެއްގެ ނަން ހާމަ ކޮށްފައެވެ. އަދި މިއަދު އިތުރު 93 ފަރާތެއްގެ ނަން ހާމަކޮށްފައިވެއެވެ.
އެ ފަރާތްތަކަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ފާހަގަ ކޮށްފައިވެއެވެ.