ލައިފްސްޓައިލް

ހާރުގަޑިއަށް އެންމެ ރަނގަޅު ކާނާ

ދެން އެމްވީ ، ދެން އޮންލައިން

ރަމަޟާން މަހަކީ މުސްލިމުންނަށް އަންނަ އެންމެ ބަރަކާތްތެރި މައްސަރެވެ. މަތިވެރި ރޯދައިގެ އަޅުކަން އަދާ ކުރުމުގައިވެސް ހަށިގަނޑަށް އެންމެ ފައިދާ ހުރި، އަދި ދުވަހުގެ އެހެން ހަރަކާތަކުގައި ބައިވެރިވެ އުޅެވޭ ވަރަށް ހަކަތަ ލިއްބައިދޭ ބާވަތްތައް ކެއުމުގައި ހިމެނުމަކީ މުހިންމު ކަމެކެވެ.

Ads by Sosun Fihaara

ހާރު ނުވަތަ ސުހޫރަކީ ރޯދަ މަހުގެ އެންމެ މުހިންމު ކެއުމެވެ. މުޅި ދުވަހަށް ހަށިގަނޑުގައި ހަކަތަ ޖައްސާ ހަށިގަނޑު "ހައިޑްރޭޓް" ކޮށް ބެހެއްޓުން ގުޅިފައިވަނީ ހާރު ގަޑީގައި ކެވޭ އެއްޗަކާއެވެ. މީގެ އިތުން ބައެއް ކާއެއްޗެއްސަކީ އޭގެ ސަބަބުން ބަނޑުގައި ވައިހެދުމަށް ވެސް މަގުފަހިވާ ތަކެއްޗެވެ. ވީމާ ހާރު ގަޑީގައި ރަނގަޅު ފައިދާހުރި ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ހާރުގަޑީގައި ކެއުމަށް ޑޮކްޓަރުން ލަފާދެއްވާ ބައެއް ކާނާއެވެ.

1. ބިސް
ބިހަކީ ޕްރޮޓީނުން މުއްސަނދިވެފައިވާ ކާނާއެކެވެ. ބިހުގައި ގިނަ އަދަދަކަށް ވިޓަމިން ވެސް އެކުލެވިގެން ވެއެވެ. ބިސް ކެއުމުން ގިނަ ވަގުތަށް ބަނޑު ފުރިފައިވާ ކަމުގެ އިޙްސާސް ކުރެވޭނެއެވެ. ބިސް ބޭނުން ކުރެވޭނެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. ބޯ ބިސްގަނޑެއް އެޅުމަށް ފަހު، ބްރައުން ބްރެޑާ އެކުގައި ކެވިދާނެއެވެ. ސްކްރަމްބްލްޑް ބިހާ އެކު، ޕީނަޓް ނުވަތަ އާމަންޑް ބަޓަރ ޖަހާފައިވާ ޕާންވެސް ކެވިދާނެއެވެ. އަދި ބިސް ފެނުކެއްކުމަށް ފަހު ހަފްތާއެއް ވަންދެން ފްރިޖުގައި ގެންގުޅެވޭނެއެވެ. ސެލެޑް ހަދާއިރު ކޮށާލައިގެން ސެލެޑް ތެރެއަށް އަޅާލާށެވެ.

2. އޯޓްމީލް
އޯޓްމީލްގައި ގިނަ އަދަދެއްގެ ޕްރޮޓީންގެ އިތުރުން ކާބޯހައިޑްރޭޓްސް ވެސް ހިމެނެއެވެ. އޯޓްމީލްއާއި ދޮންކެޔޮ އެއް ކުރުމަށް ފަހު، ކިރު އަޅައިގެން ސްމޫތީ އެއްވެސް ހެދިދާނެއެވެ. ރަހަ މީރު ކުރުމަށް ބަދަން ނޫނީ ހިކި މޭވާ ބޭނުން ކުރެވިދާނެއެވެ.

3. ކަނޑުމަސް އަދި ކުކުޅު
ކަނޑުމަސް އަދި ކުކުޅަކީ ވެސް ހަކަތާ ލިއްބައިދޭ ކާނާއެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއް ތެލުލައިގެން ކާނަމަ ބަނޑުގައި ވައި ހެދި ބަނޑު ފުއްޕާގޮތް ވާނެއެވެ. ތެލުލި އެއްޗެހި ކެއުމުން ދުވާލުގަޑީގައި ކަރު ހިއްކާލެއް ވެސް އިތުރު ވާނެއެވެ. ކުކުޅު ކާނަމަ އޭގެ ތެރެއަށް ތަރުކާރީ އެއްކުރުމުން ދުވާލުގެ މަސައްކަތަށް ހަކަތަ ލިބޭވަރު ގިނަވާނެއެވެ.

4. މޭވާ އަދި ތަރުކާރީ
މޭވާ އަދި ތަރުކާރީގައި ހިމެނޭ މިނެރަލް އަދި ވިޓަމިންގެ ސަބަބުން ވަރުބަލިކަށް ކުޑަކޮށްދީ ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައްޓަދޭނެއެވެ. ފެން ބޭނުން ކުރުމުގެ ބަދަލުގައި އަބަދުވެސް ކޮންމެވެސް މޭވާއެއްގެ ޖޫސް އިޚްތިޔާރު ކުރާށެވެ. މިސާލަކަށް ކަރާ، ސްޓްރޯބެރީ، ޕީޗް، އޮރެންޖް، ޓޮމާޓޯ، ކިއުކަމްބަރ، ލެޓިއުސް، ސްޕިނެޗް އަދި ސީލެރީ ހިމެނެއެވެ. މޭވާ އާއި ތަރުކާރީ ސެލެޑް ހަދައިގެންވެސް ކެވިދާނެއެވެ.

5. ބަދަން
ކުޑަ އެތިކޮޅަކުން ގިނަވަގުތަށް ބަނޑު ފުރާލަދީ އަދި ހަކަތަ ލިއްބައިދޭ ކާނާއަކީ ބަދަނެވެ. ހޫނު ކިރު ތައްޓަކާ އެކު ބަދަން ކޮޅެއް ކާލުމުން ވެސް ވަރަށް ގިނަ ވަގުތަށް ބަނޑުހައި ކަން އިހްސާސް ނުކުރެވޭނެއެވެ. ބަދަނުގެ ތެރެއަށް ޔޯގަޓް އެއްކޮށްގެށް ވެސް ކެވިދާނެއެވެ. ބަދަނާއި އެއްކޮށް ޕާން ކާނަމަ ޕީނަޓް ނުވަތަ އާމަންޑް ބަޓަރ އިޚްތިޔާރު ކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!