އުމުރުން 14 އަހަރުގައި އާމިރުގެ ޚާންގެ ދަރިފުޅަށް ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހުނު!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަދި ކާމިޔާބު ތަފާތު ފިލްމުތަކެއް އުފައްދާފައިވާ އާމިރު ޚާންގެ އަންހެން ދަރިފުޅު އީރާ ޚާން އަށް، އުމުރުން 14 އަހަރުގައި ޖިންސީ ފުރައްސާރަ އާއި ކުރިމަތިލާން ޖެހުން ކަމަށް އޭނާ ހާމަކޮށްފިއެވެ.
މީގެ ހަތަރު އަހަރު ކުރިން ނަފްސާނީ ބައްޔަށް ވެސް ބޭސްކުރި އީރާ، އޭނާގެ ދިރިއުޅުމާއި ހާލަތާއި ބެހޭގޮތުން މީސްމީޑިއާގައި ވާހަކަ ދައްކަން ދުވަހަކު ވެސް ފަސް ނުޖެހޭކަން ގިނަ ބަޔަކު ފާހަގަ ކޮށްފައިވެއެވެ.
އުމުރުން 23 އަހަރުގެ އީރާ، އިންސްޓަގްރާމްގައި އެންމެ ފަހުން ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ އުމުރުން 14 އަހަރުގައި ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑު ޝޮކެއް އެއިރު ލިބުން ކަމަށެވެ. އޭނާއަށް ޖިންސީ ފުރައްސާރަކުރީ އޭނާ ދަންނަ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އެމީހާގެ ނަމެއް އީރާ ހާމަ ކޮށްފައެއް ނުވެއެވެ.
އީރާ ބުނީ އޭނަގެ މައިންބަފައިން (އާމިރު ޚާން އާއި ރީނާ ދައްތާ) އާއި އެއިރު އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމުން، އެހިތާމައިން އަރައި ގަތުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ކަމަށެވެ.
އެދުވަސްތަކުގެ ބިރުވެރިކަމާއި ހިތާމައިން އަރައިގަތުމަށް އަހަރަކަށްވުރެ ގިނަ ދުވަސް ނެގި ކަމަށް ވެސް އީރާ ބުންޏެވެ.
އާމިރު ޚާން އާއި ރީނާގެ ކައިވެނި ރޫޅުނީ އީރާ ވަރަށް ކުޑައިރުއެވެ. ނަމަވެސް ކައިވެނި ރޫޅުމަކުން އެމީހުންގެ އާއިލާ ރޫޅިފައި ނުވާކަން އީރާ ފަޚުރުވެރިކަމާއެކު ފާހަގަ ކުރިއެވެ. އީރާ ބުނި ގޮތުގައި އޭނާގެ މައިންބަފައިންނަކީ މިހާރު ދެ ރަޙުމަތްތެރިންނެވެ. އަދި އާމިރު ޚާން ގެ ފަރާތުން ބައްޕައެއްގެ ލޯބި އޭނާއަށާއި އޭނާގެ ބޭބެ ޖުނޭދަށް ފުރިހަމައަށް ލިބެމުންދާކަން ވެސް އީރާ ފާހަގަ ކުރިއެވެ.