ދީން

ދަރިއަކު ބައްޕައާއި މެދު ކަންތައް ކުރި ގޮތުގެ ޙާދިސާއެއް: ރަސޫލުﷲ (ޞޢޥ)ގެ ލޯފުޅުން ކަރުނަފޮދު އޮހި ތުނބުޅިފުޅު ކަރުނުން ތެތްމާލި

ދެން އެމްވީ ، ދެން އޮންލައިން

ޒަވާޖީ ޙަޔާތެއް ފަށާ އެ ޙަޔާތުގައި ލިބޭ މޭވާއަކީ ދަރީންނެވެ. އެ ދެމަފިރިން ދަރިން ބަލާ ބޮޑުކުރަނީ ނުހަނު ބުރަޔާއި ވޭނާއި އެކުގައެވެ. އެދެމަފިރިންގެ ހަށިގަނޑުން ލޭ ދީގެން ބަލާ ބޮޑުކުރާ ދަރިފުޅު ހެޔޮލަފާ ކުއްޖަކަށްވުމަކީ ކޮންމެ ދެމަފިރިއެއްގެ ވެސް ނުވަތަ ކޮންމެ މައެއްގެ، ބަފައެއްގެ ވެސް އުއްމީދެވެ. ނަމަވެސް ފުރާ ފުރިހަމަވުމުން މައިންބަފައިންނާމެދު ރަޙުމެއް ކުލުނެއް ނެތި އެމީހުންނަށް ވިހަ ބަސްތައް ދޫކޮށްލާ ކިތަންމެ ބަޔަކު އަހަރެމެންގެ ތެރެއިން ފެންނަކަމީ ހިތާމައިގެ ކޮޅެއް ނެތް ކަމެކެވެ. މައިންބަފައިންނާއި ދެކޮޅަށް ކޯޓްތަކުގައި ދައުވާ އުފުލެމުންދާ ކަމީ ލަދުވެތި ވާންޖެހޭ ކަމެކެވެ.
މައިންބަފައިންގެ ޙާލު އަޙުވާލު ބަލާ ނުލާއިރު ގެއަށް މަންމަ ދިޔުމުން ގެއިން ނެރެ އަނިޔާ ކުރާ މަންޒަރަކީ އަހަރެމެން އެންމެންނަށް ވެސް ފެނިފައިހުރި އަދި ފެންނަ މަންޒަރެވެ.
މިއީ އިބްނި މާޖާގައި ގެނެސްފައިވާ ޙާދިސާއެކެވެ. ދަރިއަކު ބައްޕައާއި މެދު ކަންތައް ކުރިގޮތުން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޯފުޅުން ކަރުނަފޮދު އޮހޮރާލިއެވެ. އެކަލޭގެފާނުގެ ތުނބުޅިފުޅު ކަރުނުން ތެތްމާލިއެވެ.
ޒުވާނަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ގޮސް އޭނާގެ ބައްޕައާއި ބެހޭ ގޮތުން ޝަކުވާ ކުރިއެވެ. ބައްޕަ އޭނާގެ ފައިސާ ބޭނުން ކުރާ ކަމާއި ބައްޕަ އަބަދު ފައިސާއަށް އެދޭ ކަމުގެ ޝަކުވާއެވެ. އެހިނދު އެކަލޭގެފާނުގެ އަރިހަށް ބައްޕަ ގެނެސްދިނުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެދި ވަޑައިގަތެވެ.
ޒުވާނާ އޭނާގެ ބައްޕަ ޙާޟިރު ކުރުމަށް ނިކުތެވެ. އިރުކޮޅެއް ފަހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ޖިބްރީލް އަމީން ވަޑައިގެން ވިދާޅުވިއެވެ. އޭ! ﷲގެ ރަސޫލާއެވެ. އެ ޒުވާނާގެ ބައްޕަ ﷲގެ ރަސޫލާ އަރިހަށް އައިއިރު ސިއްރު ސިއްރުން ކިޔަމުން ދިޔައީ ކީކޭތޯ އޭނާ ގާތުން އައްސަވާށެވެ.
އިރުކޮޅަކުން ޒުވާނާ ބައްޕައާއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައިސްފިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޒުވާނާގެ ބައްޕަ ގާތު ސުވާލު ކުރެއްވިއެވެ. ތިބާގެ ދަރިފުޅު އެ ބުނަނީ ރަނގަޅު ވާހަކައެއް ހެއްޔެވެ؟ ބައްޕަ ޖަވާބު ދިނެވެ. ﷲގެ ރަސޫލާއެވެ. އަހަރެން އެފައިސާ ބޭނުން ކުރަނީ ބަލާނެ އެއްވެސް މީހެއް ނެތް ދަރިފުޅުގެ ބޮޑުދައިތަގެ ކަންކަމަށެވެ.
މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަނެއްކާވެސް ސުވާލު ކުރެއްވެވިއެވެ. ސުވާލެއް ކުރައްވަވަން ބޭނުންފުޅުވެއެވެ. މި ތަނަށް އަންނަމުން ސިއްރުން ކިޔަމުން ދިޔައީ ކީކޭތޯއެވެ. ޒުވާނާގެ ބައްޕަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުޖާލާ މޫނު ފުޅަށް ބަލާލަމުން ބުންޏެވެ. ﷲގެ ރަސޫލާއެވެ. މިތަނަށް އައި މަގުމަތީގައި ޅެން ބަސްކޮޅެއް އަހަރެން ހެދީމެވެ. އެހިނދު އެބަސްތައް ކިޔައިދިނުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެދި ވަޑައިގަތެވެ.
''އޭ ދަރިފުޅާއެވެ. ތިބާ ކުޑަކުއްޖަކަށް ވީހިނދު ބައްޕަ ތިބާގެ ހުރިހާ ކަމެއް ކޮށްދިނީމެވެ.
އަދި ތިބާ ހެދި ބޮޑުވަމުން އައިއިރު ތިބާއަށް އަޅާލުމާއި ލޯބި ދިނީމެވެ.
އޭރު ތިބާގެ ޙަޔާތް ވީ ބައްޕަގެ ހަށިގަނޑާއި މުދަލާއި ވަގުތުން ވީ ޤުރުބާނީއެއްގެ މައްޗަށް ބިނާވި ޙަޔާތަކަށެވެ.
ރޭގަނޑެއްގައި ތިބާ ބަލިވެ ނުވަތަ ކެއްސުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެންމެ ފުރަތަމަ ހޭލާ މީހަކީ ބައްޕައެވެ.
ކުޑަކުޑަ ޒައްރާއެއް ނުވަތަ ބީހިލާ ރޯޅިއަކުން ނަމަވެސް ތިބާއަށް އެއްވެސް ތަކްލީފެއް ލިބިދާނެކަމަށް ތިބާ އުރައިގެން ތިބާއަށް ބަލަހައްޓައިގެން އެކަމުގައި ސަމާލުވެ ހުންނަނީ ބައްޕައެވެ.
ތިބާގެ ބަލި ހާލަތުގައި ބައްޕައަކަށް ނުނިދެއެވެ. ތިބާ ނިދުމަށްފަހު ނޫނީ ބައްޕައަށް ލޮލު ފިޔައެއް ނުޖެހެއެވެ.
ތިބާ ބަލި ޙާލަތުގައި ފެނުމުން ބައްޕަގެ ލޯ ކަރުނުން ފުރެއެވެ. ބައްޕަ ހިތަށް އަރައެވެ. ދަރިފުޅުގެ ބަދަލުގައި ބަލި މީހަކީ ބައްޕަ ކަމުގައި ވީނަމައީހެވެ.
އެންމެ ފަހުން ބައްޕަ އިންތިޒާރު ކުރަމުން އައި ދުވަސް އަތުވެއްޖެއެވެ. ފުރާ ފުރިހަމަވެ ދަރިފުޅު ބޮޑު މީހަކަށް ވެއްޖެއެވެ. އަދި ދަރިފުޅު ބައްޕައަށް އިނާމެއް ދީފީމެވެ. އެ އިނާމަކީ ހިތްހަރު ކަމެވެ. ނުރުހުންވުމާއި ނަފްރަތެވެ.
ބައްޕަގެ ފަރާތުން ހުރިހާ ކަމެއް ކޮށްދީ ހުރިހާ ޙައްޤެއް ދަރިފުޅަށް ވާކަހަލައެވެ. އަދި ދަރިފުޅު ބައްޕައަށް އަދާ ކުރަން ޖެހޭ އެއްވެސް ޙައްޤެއް ނުވާފަދައެވެ.
ދަރިފުޅު ބައްޕައާއި މެދު ކަންތައް ކުރަނީ މީހަކު އަވަށްޓެރިއަކާ މެދު ކަންތައް ކުރާނޭ ގޮތަށެވެ. ބައްޕައަށް ކުޑަމިނުން އެފަދައިން ކަންތައް ކުރާނޭ ކަމުގައި ވެސް ބައްޕަ އުއްމީދު ކުރީމެވެ."
އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޒުވާނާގެ ބައްޕަގެ މޫނަށް ބައްލަވާލެއްވިއެވެ. އަދި ޒުވާނާގެ ބައްޕަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް މޫނުފުޅަށް ބަލާލިއެވެ. އޭރު ކީރިތި މާތް ރަސޫލާގެ ތުނބުޅިފުޅު ވަނީ ކަރުނުން ތެމިފައެވެ.
އެވަގުތު ރަސޫލުﷲ ޢަލައިހި ވަސައްލަމް އެޒުވާނާ ދުރަށް ޖައްސަވާލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. ތިބާގެ މިލްކްގައިވާ ހުރިހާ އެއްޗަކާ ތިބާ ވަނީ ތިބާގެ ބައްޕައަށެވެ.

Ads by Sosun Fihaara
Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!