އިންޑިއާގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް ހުސެއިން އާދަމް ފަދަ ދަރިންތަކެއް ބޭނުންވޭ - މޮސްޓާ

އިންޑިއާގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށްޓަަކައި ޝަހީދު ހުސެއިން އާދަމް ފަދަ ދަރިންތަކެއް މި ގައުމަށް ބޭނުންވާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޮސްޓާ ދެއްވި މެސެޖެއްގައި މޮސްޓާ ވަނީ ޝަހީދު އާދަމް އަށް ވަރަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.
ޝަހީދު ހުސެއިން އާދަމް އަކީ ގައުމީ ބަތަލެއް އަދި ތިލަދުންމަތީގެ ފަޚުރު ކަމުގައި މޮސްޓާ ވިދާޅުވިއެވެ.
"މިއަދުވެސް ހަނގުރާމައަކާއި ހަމައަށް ނުދިޔަޔަސް ޤައުމު މިވަނީ މާ ހެޔޮ އެދޭ ކަމަށް ދައްކައިގެން މި ޤައުމަށް ފާވެގެންފައިވާ އިންޑިއާއޭ ކިޔުނު ބައެއްގެ އަޅުވެތިކަމުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭން ޝަހީދު ހުސެއިން އާދަމް ފަދަ ދަރީންތަކަށް ބޭނުން ވެފައި" މޮސްޓާ ވިދާޅުވިއެވެ.
މީގެ އިތުރުން މޮސްޓާ ވަނީ ގައުމަށް ގައްދާރުވާ މީހުން ގަބޫލު ނުކުރި ނަމަވެސް ނޮވެމްބަރު 3 ގެ ޝަހީދުންގެ އަގު މި ފަސްގަނޑާއި މި ފަސްގަނޑުގައި އުޅޭ ގިނަ ދިވެހި ރައްޔިތުން މިއަދު ވެސް ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ.