"މިސްވޯލްޑް 2000" ގައި ޕްރިޔާންކާގެ ހެދުން ނުބޭލުނީ ހަމަކިރިޔާ!

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި 2000 ވަނަ އަހަރު "މިސް ވޯލްޑް" ކަމުގެ ޝަރަފުވެރި ތާޖު އެޅި ޕްރިޔާންކާ ޗޯޕްރާ ޖޯނަސް، އެހަފްލާއާ ބެހޭގޮތުން ކުރިން އެހެން މީހުންނަށް ނޭނގިހުރި ބައެއް ވާހަކަތައް ހިއްސާ ކޮށްފިއެވެ.
އެގޮތުން ޕަރިޔާންކާ ބުނީ އެހަފްލާގައި އޭނާއަށް ވަަރަށް ބޮޑު ހާސް ކަމަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ސަބަބަކީ މިސްވޯލްޑް ހޮވުމަށް ބޭއްވި ހަފްލާގެ ތެރެއިން އޭނަގެ ހެދުން ހަލާކުވުން ކަމަށެވެ.
"އަހަރެން ލައިގެން ހުރި ހެދުން ފަހުން ހުރީ ޓޭޕް ހިއްޕާފައި، ގަޔާލާ ތަތްކޮށްފަ. ހަމަ ކިރިޔާ ހެދުން ނުބޭލި ހުރީ. ހެދުން ހިފަހައްޓައިގެން ހުންނަން އަހަންނަށް ޖެހުނީ އަތް ވެސް ވަކި ގޮތަކަށް ބަހައްޓަން. މީހުން ހީކުރީ އަހަރެން އެންމެންނަށް 'ނަމަސްތޭ' ކިޔަނީ ކަމަށް. އެކަމަކު ހަގީގަތުގައި އަހަރެން ހުރީ ޓޭޕުތައް ނެއްޓިދާނެތީ ބިރުން" ޕީޕަލް މެގަޒިން އަށް ދިން އިންޓަވިއު އެއްގައި ޕްރިޔާންކާ ބުނެފައިވެއެވެ.

މިއީ ހަފްލާއަކަށް ލީ ހެދުމެއްގެ މައްސަލައެއް ޕްރިޔާންކާއަށް ކުރިމަތިވީ ފުރަތަމަ ފަަހަރެއް ނޫނެވެ. އޭނާ ބުނި ގޮތުގައި 2018 ވަނަ އަހަރުގެ "މެޓް ގާލާ" ގައި އޭނާ ލައިގެން ހުރި ރަލްފް ލޯރެން ބްރޭންޑުގެ ހެދުމުގައި ވެސް މައްސަލައެއް ޖެހުނެވެ.
އެހެދުމުގެ އަޑިން ލައިގެން ހުންނަން ޖެހުނު ކޯސެޓް ބާރުކަމުން އެރޭ އޭނާ އުޅުނީ ވަރަށް ވޭނުގައި ކަމަށާއި، އެރޭ އޮތް "ޑިނަރ" ގައި ރަނގަޅަށް ނުވެސް ކެވުން ކަމަށް ޕްރިޔާންކާ ބުންޏެވެ.