Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޗައިނާ އަކީ ގޮވަން ތައްޔާރުވެފައި އޮތް ބޮމެއް ކަމަށް ބައިޑަން ވިދާޅުވި މައްސަލަ ހޫނުވެއްޖެ

ޗައިނާ އަކީ ގޮވަން ތައްޔާރުވެފައި އޮތް ބޮމެއް ކަމަށް ބައިޑަން ވިދާޅުވި މައްސަލަ ހޫނުވެއްޖެ
ޗައިނާގެ އިގްތިސޯދީ ހާލަތާ ގުޅުވައި އެއީ ގޮވަން ތައްޔާރުވެފައި އޮތް ބޮމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި މައްސަލަ ހޫނުވެއްޖެއެވެ. އެމެރިކާގެ އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ފަންޑްރައިޒް ކުރެއްވުމުގެ ކެމްޕެއިނެއްގައި އުޅުއްވާ ބައިޑަން ވިދާޅުވީ، ޗައިނާގެ އިގްތިސޯދީ ހާލަތު ދަށަށް ދިޔުމުގެ އިތުރުން ބޭރު ދުނިޔެއާ މުއާމަލާތް ކުރާ ގޮތުން ހާލަތު ދަށްވެފައި ވާ ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް ގޮވާފާނެ ކަމަށެވެ.
"އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން، ގޯސް ރަހުމަތްތެރިން މައްސަލަތަކުގައި އުޅޭއިރު ކުރެވޭނީވެސް ގޯސް ކަންތައް"
ބައިޑަން
އިތުރަށް އޭނާ ވިދާޅުވީ، ޗައިނާގެ އިގުތިސޯދީ ކުރިއެރުން މީގެ ކުރިން 8 ޕަސެންޓުގައި ހުރި އިރު މިހާރު ކުރިއެރުން ހުރީ 2 ޕަސެންޓުގައި ކަމަށް ވިދާޅުވެ، ފެކްޓްސް އޮޅުވާލައްވާފައެވެ. ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިގްތިސޯދީ ދުވެލި ހުރީ 4.5 ޕަސެންޓުގައެވެ. ދެވަނަ ކުއާޓަރުގައި 6.3 ޕަސެންޓަށް ޖެހިލާފައި ވާ އިރު އެއީ ޖީޑީގެ ނިސްބަތުން 0.8 ޕަސެންޓުގެ ކުރިއެރުމެކެވެ. މި މޭރުމުން ބައިޑަން ވާހަކަ ދެއްކެވި ނަމަވެސް އުސޫލުތަކެއްގެ ދަށުން ޗައިނާ އާ އެކު ގުޅުން ބާއްވަން ބޭނުން ކަމަށް ވިދާޅުވެފައި ވެއެވެ. ބައިޑަންގެ ވާހަކަ ތަފްސީލު ކޮށްދެއްވަމުން ވައިޓްހައުސްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ، އެމެރިކާއިން ކަންބޮޑުވާ އެއް ކަމަކީ، ޗައިނާއިން ގައުމުތަކުގެ މައްޗަށް ބާރު ފޯރުވާ ބުލީ ކުރުން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، އެއީ ބޮޑެތި އިންޓަރެސްޓް ރޭޓް ތަކުގައި އުމްރާނީ ތަރައްގީގެ މަޝްރުއުތަކަށް ލޯނު ދީ، އެ ލޯނުތައް އަނބުރާ ދެއްކޭގޮތް ނުވާ ގައުމުތަކުގެ ހަރުމުދާ ޗައިނާއިން އަތްދަށުލުން ކަމަށެވެ. އެމެރިކާގެ މިވާހަތަކަށް ރައްދު ދެއްވައި ޗައިނާ އެމްބަސީގެ ތަރުޖަމާން ލިއު ޕެންގްޔޫ ވިދާޅުވީ، އެހެން މީހަކު ނުވަތަ ބަޔަކު ކުރި ކަމެއްގެ އިލްޒާމް ޗައިނާ ބޮލުގައި އަޅުވައި އެމެރިކާއިން ޗައިނާ ރުޅިއަރުވަނީ ކަމަށެވެ.
"އަހަރެމެން ދެކޮޅުހަދަން ޗައިނާގެ ބޮލުގައި އިލްޒާމް އަޅުވައި ޗައިނާގެ އަގު ވައްޓާލުމަށް އެމެރިކާއިން ކުރާ މަސައްކަތް"
ލިއު
އޭނާ އިތުރަށް ވިދާޅުވީ، ޗައިނާގެ ޖީޑީޕީގެ ކުރިއެރުމުގެ ނަތީޖާއިން ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާ ކަމަށެވެ. ބައިޑަން އަށް ފާޑު ކިޔާ ޗައިނާގެ މީޑިއާތަކުން ބުނީ، އެމެރިކާގެ އެތެރޭގައި ހުރި މައްސަލަތަކަށް އާންމުންގެ ސަމާލުކަން ކުޑަކުރުވައި ބައިޑަންގެ ކެމްޕެއިން ސްޓްރެޓަޖީއެއްގެ ގޮތުން ޗައިނާގެ ވާހަކަ ދައްކަވަނީ ކަމަށެވެ. އެގޮތުން އެމެރިކާގެ ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާ ގިނަ ކެންޑިޑޭޓުން އެއްވާހަކައަކަށް ދައްކަވާނީ ޗައިނާގެ ވާހަކަ ކަމަށް ވެސް ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް