ލައިފްސްޓައިލް

ކުޑަ ކުއްޖަކު މަރާލާފައި، ފިލި މީހަކު ހޯދުނީ "ޕޮލިސް" ލިޔަން ނޭނގުމުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ އުއްތަރް ޕްރަދޭޝް ގައި އުމުރުން އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި ގާތިލަކު، ތަފާތު ގޮތަކަށް ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާ ގޮތުގައި އެމީހާ، އެކުއްޖާ ރަހީނު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު، އެކުއްޖާގެ މާމަގެ ގޭ ކައިރިންނެވެ.

ރަހީނު ކުރުމަށްފަހު، ވަގަށް ނަގާފައިވާ ފޯނަކުން ކުއްޖާގެ ބައްޕައަށް މެސެޖު ކޮށްފައި އޭނާ ބުނީ އެކުއްޖާ ސަލާމަތުން ބޭނުންނަމަ ދެ ލައްކަ ރުފިޔާ ދިނުމަށެވެ. އަދި "ޕުލިޝް" އަށް ގޮސްފިނަމަ ކަންތައް ރަނގަޅު ނުވާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.

ކުއްޖާގެ ބައްޕަ ފުލުހަށް ގޮސް މައްސަލަ ހުށަހެޅުމުން ފުލުހުން އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ނަންބަރ ޓްރޭސްކޮށް، ފޯނުގެ ވެރިފަރާތް ހޯދުމުން އެނގުނީ އޭނަގެ ފޯނު ވަގަށް ނަގާފައިވާ ކަމެވެ.

ފޯނުކޯލު އައިސްފައިވާ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖާއި އެހެނިހެން ޝައްކުތަކަށް ބިނާކޮށް ފުލުހުން 10 މީހަކު އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ތެރޭގައި ގާތިލު ވެސް ހިމެނުނެވެ.

ފުލުހުން އެމީހުން ގާތު ބުނީ "އަންނަ އަހަރު އަހަރެން ޕޮލިހަށް ވަންނާނަން" މިހެން ލިޔުމަށެވެ. އެހެން އެންމެންނަށް ރަނގަޅަށް ލިޔެވުނުއިރު، ގާތިލު ލިޔުނީ "އަންނަ އަހަރު އަހަރެން ޕުލިޝް އަށް ވަންނާނަން" މިހެންނެވެ.

އެހެން މީހުން ދޫކޮށްލުމަށްފަހު ފުލުހުން އެގާތިލާ އިތުރަށް ސުވާލުކޮށް ތަހުގީގު ކުރުމުން އޭނާ ވަނީ ކުއްޖާ ރަހީނު ކުރި ކަމަށް އެއްބަސް ވެފައެވެ. އަދި އެކުއްޖާގެ ބައްޕައަށް ގުޅީ ކުއްޖާ މަރާލުމަށްފަހު ކަމަށް ވެސް ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!