ހަގީގީ ހާދިސާ ދީން

ޙަޤީޤީ ހާދިސާ: އަލަތު ކައިވެނީގެ ފުރަތަމަ ރޭގައި ދުނިޔެއާއި ވަކިވި ޒުވާން އަންހެން ކުއްޖާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

Ads by Sosun Fihaara

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.

ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވި ފަދައިން ޙަޔާތުގެ ކޮންމެވެސް ޢުމުރެއްގައި އެއިންސާނާ މި ދުނިޔެ ދޫކޮށް ދާންޖެހެއެވެ. ނަޞީބުވެރިއަކީ ﷲ އަށް ކިޔަމަންތެރިކަމުގައި މި ކުރު ޙަޔާތާއި އަލްވަދާޢު ކިޔާ މީހާއެވެ. ވީމާ ، ކޮންމެ ވަގުތެއްގައި ވެސް މަރާއި ބައްދަލުކުރަން ޖެހިދާނެ ވަގުތަކަށް ވެދާނެތީ އެ މަރަށް ތައްޔާރުވާން ޖެހެއެވެ. ފަރުޟުތަކަށް ސަމާލުވާން ޖެހެއެވެ.

މިއީ ޝައިޚް ޢަބުދުލްޙަކީމް ކުއިކްގެ ދަރުސެއްގައި ގެނެސްދީފައި ވާހަކައެވެ. ތަޤުވާވެރި ޢިއްފަތްތެރި ޒުވާން ކަނބަލެއް ދުނިޔެދޫކޮށް ދިޔައީ ދުނިޔޭގެ ޙަޔާތުގެ އެކި މަރުޙަލާތަކުގައި އަހަރެމެންނަށް ލިބޭ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައެވެ. އަލަތު ކައިވެނީގެ އަލަތު ރޭގައެވެ.

މި ޒުވާނާގެ ވާހަކަ ޝެއިޚް ކިޔައިދީފައިވެއެވެ.

މަޣްރިބް ނަމާދު ކުރުމަށްފަހު ކައިވެނީގެ ޙަފްލާއަށް މި ޒުވާން އަންހެން ކުއްޖާ ތައްޔާރުވަމުން ދިޔައެވެ. ޙަފްލާއަށް ތައްޔާރުކުރި ޚާއްޞަ ހުދުހެދުންލާ މޭކަޕްކޮށް ނަލަހެދިއްޖެއެވެ. މިގޮތުގައި ވަގުތު ހޭދަ ކުރަމުންދަނިކޮށް އިޝާ ވަގުތު ޖެހިއްޖެއެވެ. އަދި ބަންގީގެ އަޑު އިވުނެވެ. ނަމަވެސް ވުޟޫ ގެއްލިފައިވުމާއެކު ވުޟޫކޮށް ނަމާދުކުރުމަށް އެ ޒުވާނާ އަވަސްވެ ގަތެވެ. އަދި މަންމައަށް ގޮވާލާފައި ބުންޏެވެ. ''މަންމާއެވެ. ވުޟޫކޮށް އިޝާނަމާދު ކޮށްގެން އެބަ ނިކުންނަމެވެ.''

އެވަގުތު މަންމަ އެ ޒުވާނާގެ ވިސްނުމާއި ދެކޮޅު ހެދިއެވެ. އަދި ބުންޏެވެ. ދަރިފުޅާއެވެ. މިހާރު މެހެމާނުން އެތިބީ އައިހެވެ. ފަހުން އިޝާނަމާދު ކޮށްލެވިދާނެއެވެ. ވުޟޫ ކުރުމުން އަނެއްކާވެސް ޖެހޭނީ މޭކަޕްކޮށް ނަލަހެދޭށެވެ.

ޒުވާނާ ޖަވާބު ދިނެވެ. މަންމާއެވެ. އަހަރެން ނިކުންނާނީ ނަމާދު ކޮށްގެންނެވެ. މަންމަ ތިޔަ ކަންބޮޑުވަނީ ވުޟޫކުރުމުން އަހަރެންގެ މޭކަޕް ހަޑިވެ މެހެމާނުންގެ ކުރިމަތީގައި އަހަރެން ހަޑިވެދާނެތީ ހެއްޔެވެ. މަންމާއެވެ! އަހަރެން ނަމާދު އަޅައިފިނަމަ ﷲ ތަޢާލާގެ ކުރިމަތީގައި އަހަރެން ހަޑިވުމަކީ މާބޮޑު ހަޑިވުމެކެވެ.

މަންމައަށް ޖަވާބު ދިނުމަށްފަހު ވުޟޫކޮށް ޒުވާނާ ނަމާދު ކުރަން ފަށައިފިއެވެ.

އެތައް އިރެއްވީއިރު ވެސް ޒުވާނާ ކޮޓަރިން ނުނިކުތުމާއެކު މަންމަ ގޮސް ބަލާލިއެވެ. ސުބުޙާނަﷲ އެވެ. ކައިވެނީގެ ޙަފްލާއަށް އިންތިޒާރުކުރަމުން ދިޔަ ޒުވާނާ އޮތީ ސަޖިދައިގައެވެ. މިފަނާވަނިވި ދުނިޔެއާއި ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައެވެ.

އެ ޒުވާނާގެ ކުރު ޙަޔާތް ނިމިގެން ދިޔައީ ކޮންފަދަ އުފާވެރި މަޤާމެއްގައިތޯއެވެ. އަޅާއާއި އެއަޅާގެ ވެރި އިލާހު ﷲ ތަޢާލާއާއި އެންމެ ބޮޑަށް ކުއްތަންވާ ސަޖިދައިގެ މަޤާމުގައެވެ. ކޮންފަދަ ރިވެތި މަރެއްތޯއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!