ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަން ކުރުން އިތުރުވެއްޖެ: މަލީޙް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަންކުރުން އިތުރުވެއްޖެ ކަމަށް ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ މިނިސްޓަރ މަލީޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭގައި ހަރުކޮށްފައި ހުންނަ ފަންކާ، ހީޓަރު އަދި ގޭސްފުޅިއާ ގަހުގައި އަޅާފައި ހުންނަ މޭވާ ވެސް ވަގަށް ގެންދިޔުން އާންމު ވެއްޖެ ކަމަށެވެ. އަދި މިއީ އަސަރު ހުރި ކަމެއް ކަމަށާއި ފުވައްމުލަކުން އެކަނި ކޮންމެ ރެއަކު އެތައް ވައްކަމެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަ ކޮށްފައި ވެއެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ، ގުޅުން ގޯސްވެފައިވާ މިނިސްޓަރ މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީގެ ޕީޖީ ގުރޫޕުން ފާސްކޮށްފައިވާއިރު ، މަލީޙް ވެސް ގެންދަވަނީ އެމްޑީޕީއަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން "ސްޕަރ މެޖޯރިޓީ ، ސްޕަރ މައިނޯރިޓީއަށް ވެސް ބަދަލުވާނެ" ކަމަށް އެމްޑީޕީއަށް އަމާޒުކޮށް މަލީޙް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.