ހަގީގީ ހާދިސާ ދީން

ޙަޤީޤީ ހާދިސާ: ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުން ދިޔަ މީހެއްގެ ފަހު ބަސްކޮޅު، ކުރެވެނީ އެންމެ އިޙްސާސެއް، އެއީ ހިތާމަ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދުނިޔަވީ ޙަޔާތަކީ ކުރު ޙަޔާތެވެ. މުއްސަނދިކަން ލިބިފައިވާ ޝަރަފްވެރި މީހެއް ކަމުގައި ވީ ނަމަވެސް އަދި ފަޤީރު ނިކަމެއްޗެއް ކަމުގައި ވީ ނަމަވެސް ދުނިޔެމަތީގައި ހޭދަ ކުރަން ލިބިފައިވާ ވަގުތު ހަމަވުމާ އެކު މިތަނުން ފުރައިގެން ދާން ޖެހެއެވެ. ނަމަވެސް ފުރައިގެން ދާން އޮތް ދަތުރުގައި އަހަރެމެން ގެންދާނީ ކޯއްޗެއްކަން ނިންމުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްމެ ލިބިފައި އެބައޮތެވެ. ދެން ދާން އޮތް މަންޒިލް އަމާން ކުރެވޭހާ ހެޔޮކަންތޯ ނުވަތަ އެ މަންޒިލުން ލިބިގަންނާނީ ގަދަފަދަ ޢަޒާބުތޯ ނިންމުމުގެ ފުރިހަމަ އިޚްތިޔާރު މި ވަނީ ލިބިފައެވެ.

Ads by MWSC

އެހެންކަމުން މަރާ ގާތް ވެއްޖެކަން އިހްސާސްވާ ވަގުތު ނުވަތަ މަރު ބައްދަލުކުރާ ހިނދު ، ހިތާމަ ކުރާ ބަޔަކަށް ނުވެ ، ލިބިފައި މިއޮތް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހެއްޔެވެ.

މިއީ ކެންސަރު ޖެހި ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުން ދިޔަ މީހަކު ޝައިޚް ތައުފީޤް ޗައުދަރީއަށް ފޮނުވި އޭނާގެ ފަހު ބަސްކޮޅެވެ. އޭނާގެ ހިތާމައަކީ މިދެންނެވި ހިތާމައެކެވެ. އޭނާ އެދުނު ފަދައިން އޭނާގެ މި ފަހު ބަސްކޮޅު ޝައިޚް ވަނީ ދަރުހެއްގައި ކިޔައިދީފައެވެ.

''އަޚް ތައުފީޤަށް ، މިއީ އަހަރެންގެ އެންމެ ފަހުގެ ބަސްކޮޅަށް ވުން ވެސް އެކަށީގެންވެއެވެ. ހޮސްޕިޓަލްގެ އެނދުގައި އަހަރެން މި އިންތިޒާރު ކުރަނީ އަހަރެންގެ ފަހު ނޭވާ އަށެވެ. އެހެންކަމުން މިއީ އެއްވެސް މީހަކަށް އަހަރެންގެ ފަރާތުން އިވޭ އެންމެ ފަހުގެ ބަސްކޮޅަށް ވުން ވެސް ގާތެވެ. އަހަރެންގެ ފަހު ބަސްކޮޅު ތިބާއަށް (ޝައިޚް ތައުފީގަށް) އިއްވާލަދޭން ނިންމީ އެހެން މީހުންނަށް ޢިބްރަތަކަށް ޓަކައެވެ. ޝައިޚްގެ ދަރުސްތައް މެދުވެރިކޮށް މި ބަސްކޮޅު އެހެން ބަޔަކަށް ހިއްސާކޮށް އެހެން ބަޔަކަށް ފައިދާއެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ.

ތިބާއަށް އަހަރެން ފެނިދެނިވެ އަހަރެން ދަންނަތާ މިހާރު އެތައް އަހަރެއް ވެދާނެއެވެ. އަހަރެންގެ ޢަމަލުތައް ވީ އެންމެ އާދައިގެ މީހެއް ފަދައިންނެވެ. އެއްފަހަރު ޙައްޖުވީމެވެ. އަދި ރަމަޟާންމަހެއް އަތުވެއްޖެނަމަ ރޯދަ ހިފުމަށް މަސައްކަތްކުރީމެވެ. ނަމާދުތައް ކުރެވޭތޯ ބެލީމެވެ.

އަހަރެންގެ އަނބިމީހާއަކީ އެހާ ތަޤުވާވެރި މީހެއް ނޫނެވެ. އަދި އެއީ ކައިވެނިކުރި އިރު އަހަރެން ބެލިކަމެއް ވެސް ނޫންމެއެވެ. އަހަރެންގެ ދަރިން އެބަތިއްބެވެ. ނަމަވެސް އެކުދިންނާ އަޅާލި ބައްޕައެއް ކަމުގައި އަހަރެން ނުވަމެވެ. އެކުދިން ބޮޑުވީ އިސްލާމްދީން އުނގެނިގެން ނޫނެވެ.

ކެންސަރު ޖެހި އަހަރެން މިތަނުގައި އޮތްއިރު އަހަރެންގެ ޙަޔާތުން ބާކީ އޮތީ މަދު ދުވަސްކޮޅެއްކަން އެނގެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ހަފްތާއެއްހައި ދުވަހެވެ.

މަރުގެ މަލާއިކަތާ އަހަރެންނާ ބައްދަލުކުރަން ގިނަ ވަގުތެއް ނެތްކަން އެނގޭ މި ޙާލަތުގައި އަހަންނަށް ކުރެވެނީ އެންމެ އިހްސާސެކެވެ. ސިކުނޑިއަށް އަންނަނީ އެންމެ ބަހެކެވެ.އެއީ ''ހިތާމަ''އެވެ. ހިތްދަތިކަމެވެ.

އަހަރެން މިއަދު ހިތާމަ މިކުރަނީ އެތައް ސަބަބަކާ ހުރެއެވެ. ޙަޔާތުގައި ކުރަން ބޭނުންވި އެތައް ކަމެއް ނުކުރެވި ހުރުމުންނެވެ. َއަހަރެން ޤުރުއާން ހިތުދަސްކުރަން ބޭނުންވިއެވެ. އެކަމަކު އެކަމެއް ނުކުރެވުނެވެ. ކޮންމެ އަހަރަކު އަހަރެން ޙައްޖަށް ދާން ބޭނުންވިއެވެ. އެކަމަކު އެކަމެއް ނުކުރެވުނެވެ. މަންމަ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެކަމަކު ދުވަހަކު ވެސް އެކަމެއް ނުކުރެވުނެވެ. އަހަރެންގެ ދަރީންނަށް ޤުރުއާނާއި އިސްލާމްދީން އުނގަންނައިދީ އެކުދިންނަކީ ހެޔޮލަފާ ކުދިންނަށް ހަދަން އަހަރެން ބޭނުންވިއެވެ. އެކަމަކު އެކަމެއް ވެސް ނުކުރެވުނެވެ. އަދި އެއް އަހަރު ރަމަޟާންމަހާ ބައްދަލުކުރަން އަހަރެން ބޭނުންވެއެވެ. ނަމަވެސް ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުން މިދަނީއެވެ. ޤުރުއާނުގެ އާޔަތްތަކެއް ކިޔަވަން އެނގޭނެ ނަމައޭ އަހަރެން ހިތަށް އަރައެވެ. ނަމަވެސް ސޫރަތުލްފާތިޙާއާއި ކުރު ދެތިން ސޫރަތްތަކެއް ނޫނީ އަހަންނަކަށް ނޭނގެއެވެ.

މިހުރިހާ ކަމަކާއެކު އަހަރެން އިހްސާސް މި ކުރަނީ ވޭނީ ހިތާމައެވެ. އަހަރެންގެ މަތިން ހަނދާން ކުރާނެ މީހަކަށް ހަމައެކަނި ހުރީ ތިބާއެވެ. ނޫނީ ފަހަރެއްގައި އަހަރެންގެ މުދާ ބެހުމުގެ ކުރިން އަހަރެންގެ ޢާއިލާގެ މެމްބަރުންނަށް ހުސްވަގުތެއް އޮތިއްޔާ އެމީހުންނެވެ. އަހަރެންގެ ރަޙުމަތްތެރިން މާކުރިން އަހަރެން ދޫކޮށް ހިނގައްޖެއެވެ. އަހަރެން ދުނިޔެ ދޫކޮށް މިދަނީ ފަހުން ވެސް ހެޔޮކަމެއް ލިބޭ އެއްވެސް ކަމެއް ނުކޮށެވެ. ﷲ ގަންދީ ބުނަމެވެ. އަހަންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ ދުނިޔެއަށް މަހާނައެއް އިތުރު ކުރުމެވެ.

އެކުވެރީންނެވެ. މި ރަމަޟާންމަހަކީ އަހަރެމެންގެ ތެރެއިން ކިތަންމެ ބަޔަކަށް އެންމެ ފަހުގެ ރޯދަ މަހަށްވާނެ ކަން ޔަގީނެވެ. އަދި މިދިޔަ އަހަރު ރަމަޟާންމަހުގެ ދުވަސްތައް ހޭދަކުރި ކިތަންމެ ބަޔަކު މި ރަމަޟާންމަހާ ބައްދަލު ނުވެ ވަކިވެގެން ވެސް ހިނގައްޖެއެވެ. ގެއްލުނު ވަގުތުތަކަށް ޓަކައި ހިތާމަކުރާނޭ ބަޔަކަށް އަހަރެމެން ނުވަމާތޯއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!