ޚަބަރު

ރައީސް ޔާމީން ޖަލުގައި އޮންނަ ކޮންމެ މިނިޓަކީ ރައްޔިތުންނަށް ލިބޭ ދެރައެއް: ސެމްބެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހޭދަވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ލިބޭ ދެރައެއް ކަމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އަހަރެއް ވުމާ ގުޅިގެން ސެމްބެ ނެރުނު ބަޔާނުގައި ވަނީ ރައީސް ޔާމީނު ޖަލުގައި 365 ދުވަސް ހޭދަކުރެއްވިއިރު ވެސް އެމަނިކުފާނަށް އިންސާފު ލިބިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ރައީސް ޔާމީނު ނުހައްގުން ޖަލުގައި އޮންނަ ކޮންމެ މިނިޓަކީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަަމަށާއި ހިތާމައެއް އަދި ނިކަމެތި ކަމެއް ކަމުގައި ވެސް ސެންބެގެ ބަޔާނުގައި ވިދާޅުވިއެވެ.

މި ސަރުކާރުގެ ނާޤާބިލުކަން ދިވެހި ރައްޔިތުންނަށް އެނގި ހާމަވަމުން ދާތީ އެކަން ފޮރުވުމުގެ ގޮތުން  އަދި ފޯކަސް އެހެން ކަމަކަށް އަނބުރާލުމަށް ރައީސް ޔާމީން ހަތިޔާރަކަށް ބޭނުން ކުރުމަކީ މިސަރުކާރުގެ އަނިޔާވެރިކަމާއި ދެއުޅި އެއްނުވާކަން ހާމަވެގެންދާ ކަމަށް ސެންބެ ވިދާޅުވިއެވެ. އަދި އަނިޔާވެރި ވެގެން އެއްވެސް ބަޔަކަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެކަން ފާހަގަ ކުރެއްވިއެވެ.

"އެއިރު އެންމެ ގިނައިން ޙައްޤު ތަކުގެ ވާހަކަ ދެއްކި މީހުން، މިއަދު މަޤާމުތައް ލިބުމުން، ކުޑަމިނުން އިންސާނިއްޔަތު ކަމުގެ ޙައްޤު އެއީ ވެސް އޮންނައެއްޗެއް ކަން ގަބޫލުނުކުރާކަން މިކަމުން އެބަ ހާމަވެއެވެ. އަދި އެއިރު އިންސާފުގެ ވާހަކަ ދެއްކި މީހުން މިއަދު އިންސާފު އެއީ ކޯޓުތަކަށް އަތް ބާނައިގެން ވަކި ބަޔަކަށް ހޯދައި ދޭންޖެހޭ އެއްޗަކަށް ހަދައިފިއެވެ." ސެންބެގެ ބަޔާނުގައި ވިދާޅުވިއެވެ.

ސެންބެ އިތުރަށް ވިދާޅުވީ މިކަން މިހެން ވާތަން ބަލާކަށް ދިވެހި ރައްޔިތުންނެއް މާ ގިނަދުވަހަކު ނުތިބޭނެ ކަމަށާއި މި ހުރިހާ ކަމެއް ހަމަޔަކަށް އެޅުވޭނެ ޤާބިލްކަން ހުރި
ހަމައެކަނި ލީޑަރަކީ ރައީސް ޢަބްދުﷲ ޔާމީން ކަމާމެދު ދިވެހި ރައްޔިތުން ޝައްކެއް ނުކުރާ ކަމަށެވެ.

ރައީސް ޔާމީނަށް ނުހައްގުން ކުރަމުންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން
ކުރުމަށް ސެންބެ ވަނީ ގޮވާލާފައެވެ.

 

Ads by Allied Insurance
  1. މުހަންމަދު

    އެއީ ތެދެއް. ދައުލަތުން ވައްކަން ނުކުރެވި ދާ ކޮންމެ މިނެޓަކީ ވަރަށް ދެރަ ކަމެއް ކަމުގާ އޭނާ ދެކެފާނެ.