ހަގީގީ ހާދިސާ ދީން

ޙަޤީޤީ ވާހަކަ: އަމިއްލަ އަތުން ކަލާނގެއެއް ހަދާ ، އަޅުކަން ކުރަމުން ދިޔަ މީހަކަށް ހިދާޔަތް ލިބުނު ގޮތުގެ ވާހަކަ

ދެން އެމްވީ ، ދެން އޮންލައިން

މަދީނާގެ ޤަދަރުވެރި ބޭކަލެއް ކަމުގައިވި ޢަމްރޫ ބިން ޖަމޫޙު އެންމެ ޅައިރުއްސުރެ ބުދަށް އަޅުކަންކުރަމުން ދިޔައެވެ. ހޭވެރިވެ އަތުން މަސައްކަތް ކުރެވޭވަރު ވީއްސުރެ އަމިއްލައަތުން ކޮށާމަށައިގެން ހަދާފައިވާ ލަކުޑި ބުދަކަށް އަޅުކަންކޮށް އެބުދަށް އެތައް ޚިދުމަތެއް ކުރުމުގައި ދެމިހުރިއެވެ. އަދި އެބުދަށް "މަނާފު" އޭ ކިޔައި ނަންދިނެވެ. އެބުދަށްޓަކައި އެތައް ފައިސާއެއް ކޮންމެ އަހަރަކުވެސް އިސްރާފުކުރަމުން ގެންދިޔައެވެ.

Ads by Sosun Fihaara

މިގޮތުގައި ދުވަސްތަކާއި ޒަމާންތައް ފާއިތުވަމުންގޮސް އެންމެފަހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ނަބީ ކަމައިގެން ފޮނުއްވުނެވެ. އެކަލޭގެފާނު ނަބީކަމާއިގެން ވަޑައިގެން މައްކާގައި ހުނަނަވައި އިސްލާމީ ދަޢުވަތަށް ގޮވާލެއްވުމަށް މަދީނާއަށް ވަޑައިގަންނަވާނެ އެކަލޭގެފާނުގެ ޚާއްޞަ ބޭކަލެއްގެ ގޮތުގައި މަޝްހޫރު ޞަޙާބީ މުޞްޢަބު ބިން ޢުމައިރު ފޮނުއްވެވިއެވެ. މުސްޢަބު ބިން ޢުމައިރު ވަޑައިގެން އިސްލާމްދީނަށް ގޮވާލެއްވުމުން މަދީނާގެ އަހުލުވެރިންކުރެ އެތައް އެތައް ބަޔަކު އިސްލާމުވަމުންދިޔައެވެ. އެގޮތުން އިސްލާމްދީން ޤަބޫލުކުރި މީހުންގެތެރޭގައި "މަނާފު" އޭ ކިޔުނު ބުދަށް ޚިދުމަތްކުރުމުގައި އުޅުނު ޢަމުރޫ ބުން ޖަމޫޙުގެ ތިންދަރިންނާއި އެދަރިންގެ މަންމާފުޅުވެސް ހިމެނިގެންދިޔައެވެ. އިސްލާމްދީނުގެ ދަޢުވަތު ލިބުމުން ހިދާޔަތުގެ އަލިގަދަނޫރުން މަގު ހޯއްދެވި ނަސީބުވެރިންކަމުގައި އެބައިމީހުން ވިއެވެ.

ތިންކުދިންގެ ބައްޕަ ޝިރުކުގެ އަނދިރީގައި ޣަރަޤު ވަމުންދާ މަންޒަރު ދެކެން ކެތްނުކުރެވޭތީ ބައްޕާފުޅަށް އިސްލާމްދީން ޤަބޫލުކުރުމުގެ ދަޢުވަތު ހުށައެޅުނެވެ. އެހެންނަމަވެސް އާރެއް ބާރެއްނެތް، ބުދެއް ހަދައިގެން އެޔަށް އަޅުކަންކުރަމުންދިޔަ ޢަމުރޫގެ ބަހަކަށްވީ އޭނާ އޭނާގެ ކަލާނގެއާއި މަޝްވަރާކުރުމަށްފަހުގައި މެނުވީ ތިޔަކަމަށް ޖަވާބެއް ދޭން ނުކެރޭނެ ކަމުގައެވެ. އެއްރެއެއްގެ ރޭގަނޑުގެ ވަގުތުގައި ޢަމުރޫ އޭނާއަށް ޚާއްޞަކުރެވިފައިވާ "މަނާފު" އޭކިޔުނު ބުދުގެ ކައިރިޔަށްވަދެ އަޑެއްނީވޭ،ބަހެއްނުބުނެވޭ، "މަނާފަށް" މުޚާތަބުކުރިޔެވެ.

"އޭ އަހަރެންގެވެރި ރައްބެވެ. މިހާރު މިމަދީނާއަށް އައިސްގެންމިއުޅޭ މީހާގެ ޚަބަރު ކަލާނގެ ދެނެވޮޑިގަންނަވާނެއެވެ. އޭނާއަކީ އިބަކަލާނގެއަށް ނިކަމެތިކަމާއި އިހާނެތިކަން މެދުވެރިކުރަން ނޫން ބޭނުމެއްގައި އައިސްގެން އުޅޭ މީހެއް ނޫނެވެ. އޭނާ އެ މަނާކުރަމުންދަނީ އިބަކަލާނގެއަށް އަޅުކަން އަދާކުރުމެވެ. އަދި އެއަމުރު ކުރަމުންދަނީ އިލާހުންތައް ދޫކޮށް އެއްކައުވަންތަ އިލާހަކަށް އަޅުކަން ކުރުމަށެވެ. މިއަޅާ މިކަމުގައި ކަންކުރަންވީ ގޮތެއް އިލުޙާމް ކޮށްދެއްވާށެއެވެ." ޢަމުރޫ އޭނާގެ ހިތައް ތަސައްލީއެއްލިބި ސާފު ވިސްނުމެއް ނުވިސްނުމުން އެންމެފަހުން ކަލާނގެ ކޯފާވީކަމުގައި ބަލާ އެކަމާ ނުހަނު ހިތާމަކުރަމުން މަޢާފަށް އެދި އާދޭސްކުރަމުން އެހާލުގައި އެރޭގެ ނިދުމާއި ކުރިމަތިލިއެވެ.

ބައްޕާފުޅު އަވަހާރަފުޅު ލެއްޕެވުމުން ތިންދަރިން ނުކުމެ ބުދު ހުރިތަނުން ނަގައިގެން ގެންގޮސް މޫނު ވަތަށް ކުނިގޮނޑަކަށް އެއްލާލިއެވެ. ޖެހިގެންއައި ދުވަހު ބުދުކައިރިއަށް ޢަމުރޫ ދިޔައިރު ކަމަކުދާކަށްނެތެވެ. "މަނާފު" ފެންނާކަށްނެތެވެ. އެކަމާ ވަރަށް ރުޅިގަދަވެ އެކަންކުރި ބަޔަކަށް ލަޢުނަތްދެމުން ހަޅޭއްލަވަމުން އެތަންމިތަން ހޯދަމުންދަނިކޮށް ކުނިގޮނޑަށް އެއްލާލާފައިވާ ކަލާނގެ ފެނުނެވެ. އަދި އެކަމާ ވަރަށް ހިތާމަކުރަމުން އަވަސްއަވަހަށް ނަގައިގެން ގެންގޮސް ސާފުކޮށް ފެންވަރުވައި އަތަރުލެއްވުމަށްފަހު އިހު ހުރިތަނުގައި ބަހައްޓައިފިއެވެ. އަދި ވަރަށް އަޅުކަންކޮށްފައި އެރޭ ވެސް ނިދައިފިއެވެ. ޢަމުރޫގެ ދަރިން ކުރީރެޔެކޭވެސް އެއްފަދައިން ތަކުރާރުކޮށް ބުދާއިމެދުގައި ކަންތައްކުރިއެވެ. ބައްޕަގެ މަސައްކަތަކީ ވިލޭ އައްޔާއިއެކުގައި ކުނިގޮނޑުން ކަލާނގެ ހޮވައިގެން ގެނެސް ސާފުކޮށް ފެންވަރުވާ ހުވަނދުލެއްވުމެވެ. އަދި އިހު ހުރިތަނުގައި އެބުދު ބެހެއްޓުމަށްފަހު ހިތާމަޔާއިއެކުގައި އަޅުކަންކުރުމެވެ.ދަރިންގެ މަސައްކަތަކީ ކޮންމެރެޔަކުވެސް އެބުދު ނަގައި ކޮންމެވެސް ކުނި ގޮނޑަކަށް އެއްލައިލުމެވެ.

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެއެވެ. މިއީ ﷲ ތަޢާލާ ތެދުމަގު ނުދައްކަވައިފި އިންސާނެއްގެ ހާލުގެ ދަށްކަމެވެ. ތިމާގެ އަމިއްލައަތުން ކޮށާމަށައިގެން ހަދާފައިވާ އަޑެއްނީވޭ، ބަހެއް ނުބުނެވޭ، އެހެންމީހަކަށް ކަމެއް ފުއްދައި ނުދެވޭހިނދު އޭގެ އަމިއްލަ ނަފުސް ވެސް ސަލާމަތްނުކުރެވޭ، ނިކަމެތި އެއްޗެއް ވެސް އެއީ ތިމާގެ ކަލާނގެކަމުގައި ބަލައި ، ގަދަ ކީރިތިވަންތަ ﷲ ތަޢާލާއަށް ޚާލިސްކުރެވޭ އަޅުކަން އެފަދަ އެއްޗަކަށް ކުރުމަކީ ވެސް ނުހަނު ޒީނަތްތެރި ކަމަކަށް ވެގެންދެއެވެ. މިފަދަ ކަންކަމަށް އީމާންވާ މީހުން އީމާންކަމަށް ދަޢުވާކުރާ ހާލުގައި ތިމާގެ ވިސްނުމާއި ފިކުރު ހަވާ ނަފުސުގެ އަޅަކަށްހަދައި، ހިތުހުރިހާ ގޮތަކަށް ތިމާގެ ޢަމަލުތަށް ބަހައްޓަމުން ދެއެވެ. ކާއިނާތުގެ ވެރިރައްބު އެއިލާހުގެ ނަބިއްޔާ މެދުވެރި ކުރައްވާ އަންގަވާފައިވަނީ ކީކޭތޯ ވެސް ބަލާނުލާ މީހުންގެ ހުރީ ފަހެ ކިހާ އެއްގޮތްކަމެއްތޯއެވެ.

އަމުރޫ އޭނާގެ ކަލާނގެއަށް މިހާލު ޖެހެމުންދާތާ ރޭތަކެއް ހޭދަވުމަށްފަހުގައި އެއްރެއެއްގައި "މަނާފު" ގެ ކަރުގައި ކަނޑިއެއް އަޅުވާލާފައި ބުނެފިއެވެ. "އިބަކަލާނގެ އަމިއްލައަށް ސަލާމަތާއި ރައްކާތެރިކަން ހޯދާށެވެ. މިހާލު އިބަކަލާނގެއަށް ޖައްސާ ޢަދާވަތްތެރިޔާގެ ދުވަސް ކަނޑިން ޖަހައި ދުއްވާލާށެވެ." އެރޭވެސް ޢަމުރޫ އަޅުކަމަށްފަހުގައި އެނބުރި ގޮސް ނިދުމުން ދަރިން ނުކުމެ އެބުދުގެ ކަރުގައި މަރުވެފައިވާ ކުއްތާއެއް ބަނދެ ނަޖިސްފެންގަނޑަކަށް އެއްލާލައިފިއެވެ. ޖެހިގެންއައި ދުވަހުގައި އާދައިގެމަތިން ކަލާނގެ ހޯދަމުން ދަނިކޮށް އެނިކަމެތި ހާލުގައި ޖެހިފައިވާ ތަން ފެނުނެވެ. ކުރިޔެކޭ ޚިލާފަށް އެދުވަސްވެގެންދިޔައީ ޢަމުރޫ ބުން ޖަމޫޙުގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަހަށެވެ. އަދި އެންމެ ބާއްޖަވެރި ވަޤުތު ކަމުގައެވެ.

ޅެންބައިތެއްގައި ބުނަމުންދިޔައެވެ. "ހިޔަޅު އައިސް ކުޑަކަމުދާ ކަލާނގެއެއްގެ ނިކަމެތިކަމާއެވެ. ހިޔަޅުތައް އޭގެބޮލަށް ކުޑަކަމުދާއިރު ވެސް ސަލާމަތްވެ ދުރުނުވެވޭ ފަރާތެއް އެއީ ކަލާނގެއެއް ކަމުގައި ވޭހެއްޔެވެ." އެއަށްފަހުގައި ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވިއެވެ. ޢަމުރޫ އޭނާގެ އަމިއްލަ ނަފުސަށް ޢިއްޒަތް ހޯދިއެވެ.

ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމަށްފަހުގައި މުސްލިމުން ކުރި އެންމެ މަޝްހޫރު ހަނގުރާމަ އާދެ! ބަދުރު ހަގުރާމައިގައި ޢުމުރުން ދުވަސްވުމުގެ ސަބަބުން ބައިވެރިވުމުގެ އިޒުނަ ރަސޫލާ صلى الله عليه وسلم މި ޢަމުރޫ ރަޟިއަﷲ އަންހުއަށް ނުދެއްވައެވެ. ޖެހިގެންއައި އަހަރުގައި ކުރެވުނު އުޙުދު ހަގުރާމައަށް ނުކުތުން ދަރީން މަނާކުރަމުން ދަނިކޮށް ރަސޫލާ صلى الله عليه وسلم އަރިހަށް އައިސް ދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ. ﷲ ގެ މަގުގައި ޖިހާދުކުރުމަށް އަހަރެންގެ ދަރީން އަހަރެންނަށް މަނާކުރަނީއެވެ. ޖިހާދުގައި ބައިވެރިވުމުގެ ޢިޒުނަ އަހަރެންނަށް ދެއްވާށެވެ."އެހިނދުގައި ޢަމުރޫ ރަޟިއަﷲ އަންހުގެ ޢުޒުރު ﷲ ތަޢާލާގެ ހަޟުރަތުގައި ޤަބޫލު ވެވިގެންވާކަމުގައި ރަސޫލާ صلى الله عليه وسلم އިޢުލާނުކުރައްވާ ޖިހާދުގައި ބައިވެރިވުމުގެ އިޒުނަ ދެއްވިއެވެ. އަހަރެންވެސް އެމަތިވެރިކަން ބޭނުމޭ ބުނެ ﷲ ގެ ރަސޫލާގެ އިޒުނަ ހޯއްދަވައިގެން ޢަމުރޫ ރަޟިއަﷲ އަންހު ހަނގުރާމައަށް ނުކުމެ ވަޑައިގެންނެވިއެވެ.

ޢުމުރުން ހަތްދިހައެއްހާ އަހަރުގައި، އެޢުމުރުގައި ގައިގެ ބާރު ދެރަވެ އަދި ފައިގައި ހުރި ޢައިބެއްގެ ސަބަބުން ހިނގުމުގައި ވެސް ނުކުޅެދޭ ގޮތެއްހުރި އެމަތިވެރި ޞަޙާބީ ހަނގުރާމައިގެ މައިދާނުގައި ދެލަޝްކަރު ބައްދަލުވި ހިނދުގައި ކުރައްވާފައިވަނީ ކޮންފަދަ އީމާންކަމުގެ އަޒުމާއި ޖޯޝުން ފުރިގެންވާ ދުޢާއެއްތޯއެވެ. ގައިގެ ސަމަންދަރު ހެޔޮ ޅަދޮނޅު ޒުވާނުންގެ ހިތްތަކަށް ވެސް ބިރުވެތިކަން ވެރިވާފަދަ ނުރައްކާތެރި ވަޤުތުގައި ދުޢާކުރެއްވިއެވެ. "އޭ ﷲ އެވެ. މިއަޅާއަށް އިބައިލާހުގެ މަގުގައި ޝަހީދުވުމުގެ މަތިވެރިކަން ދެއްވާންދޭވެއެވެ. އަދި އެނބުރި މިއަޅާގެ އަނބިދަރީންގެގާތަށް ނުފޮނުއްވާފާންދޭވެއެވެ." ދެން އެހާލުގައި ނުކުމެ ކާފަރުންނަށް ހަމަލާ ދެއްވުމުގައި ވަނިކޮށް ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރައްވަވާ އެއިލާހުގެ މަގުގައި ޝަހީދުވުމުގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވިއެވެ.

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެއެވެ. އީމާންކަމުގެ ޙަޤީގަތަކީ މިއީއެވެ. ފުރިހަމަ އީމާންކަމަކީ ތިމާގެ ކިބާގައި ހަރުދަނާ ޝަޚުސިއްޔަތެއް އުފައްދައިދޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އަޒުމުގެ މަތިވެރިކަމަށްޓަކައި "ޢިއްޒަތުއް ނަފުސެއް" އެމީހަކަށް ލިބިގެންދާނެއެވެ. އަޅުގަނޑުމެން ކޮންމެމީހަކު ވެސް ތިމާގެ އީމާންކަމުގެ ސަބަބުން،ފޯރު ކޮށްދެނީ ކޮންފަދަ އުސްމިން ތަކަކަށްތޯ ބަލާ މުރާޖަޢާކުރަން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!