ޚަބަރު ރައްޔިތުންގެ މަޖިލިސް

ބަޖެޓަށް މެމްބަރުންގެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސްގެ ނުރުހުން މެންބަރުންނަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަންނަ އަހަރަށް ދައުލަތުން ލަފާ ކޮށްފައިވާ ބަޖެޓާ މެދު ބަހުސް ކުރުމަށް މަޖިލިސް މެންބަރުންގެ ޝައުގުވެރިކަން ހުރި ތަން ނުފެންނަ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ކޮމިޓީއިން ދިރާސާ ކުރުމަށްފަހު، މިހާރު ކުރިއަށް ދަނީ އެކުލަވާލި ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމެވެ.

އާދިއްތަ ދުވަހުގެ ޖަލްސާގައި ނަޝީދު މިހެން ވިދާޅުވީ ދައުލަތުން މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަން ބޭނުން ފުޅުވާ މެންބަރުންގެ އަދަދު މަދުވުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ އާދިއްތަ ދުވަހު ކުރިއަށް ދިޔަ ޖަލްސާގެ ބަހުސްގައި ވެސް ބައިވެރިވެވަޑައިގަތީ 18 މެންބަރުން ކަމަށެވެ. އަދި އެމަނިކުފާނަށް މެންބަރުންގެ ކިބައިން ބަހުސަށް ޝައުގުހުރި ތަން ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ ބަޖެޓުގެ ބަހުސްގައި އިއްޒަތްތެރި މެމްބަރުންގެ ޝައުގުވެރިކަމެއް ހުރި ކަމަކަށް. އިއްޔެގައި ވެސް އިއްޒަތްތެރި މެމްބަރުންނެއް މި ބަޖެޓުގެ ބަހުސްގައި ބައިވެރިވެ ވަޑައިގަތުމަށް އެދިވަޑައެއް ނުގަންނަވާ. އެހެންވީމާ އަޅުގަނޑަށް ޖެހުނީ ހަމަ މިތަނުގައި އިންނަން. އެއީ މިކަމުގައި ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން." ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މީގެ ކުރީގެ ޖަލްސާތަކުގައި ވެސް ބަޖެޓަށް ބަހުސް ކުރަމުން ދިޔައިރު ވެސް ބަހުސް ކުރަން ބޭނުންވާ މެންބަރުންގެ އަދަދު މަދުކަން ފާހަގަ ކުރައްވައި ނަޝީދު ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!