ރިޕޯޓު

ކެޕްޓަން ރަމީޒް އަދި ކެޕްޓަން ހަނާ: ކޮވިޑް19 އާ ހަނގުރާމައިގައި ހިތްވަރުގަދަ ޖޯޑެއް

ޢާއިޝަތު ނުޒުހާ

ކޮވިޑް19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ އެތައް ބައެއްގެ ވާހަކަ އަހަރެމެން ކޮންމެ ދުވަހަކު ދައްކަމުއެވެ. އެގޮތުން މިއީ ވެސް އެފަދަ ހިތްވަރުގަދަ ޖޯޑެއްގެ ވާހަކައެވެ.

ކެޕްޓަން ހަނާ މުހައްމަދު އަކީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ކުރަން ޖެހޭ މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީތަކުގެ ތެރެއިން ފެސިލިޓީއެއްގެ ފުރަތަމަ އަންހެން ކޮމާންޑަރެވެ.

ކެޕްޓަން ހަނާ މުހައްމަދު ފުށިފަރު ކަރަންޓީން ފެސިލިޓީގެ އެމްއެންޑީއެފް ކޮމާންޑަރަކަށް ހަމަޖެހިގެން ދިޔައިރު ފިރިކަލުން ކެޕްޓަން ރަމީޒް ހުންނެވީ ފުރަވެރި ކަރަންޓީނު ފެސިލިޓީގެ ކޮމާންޑަރެއްގެ ގޮތުގައެވެ. މި ދެ ބޭފުޅުން ވެސް އަންނަނީ އާއިލާ އާ ހުރި ހަމައެކަނި ދަރިފުޅާއި ހޭދަކުރި އުފާވެރި ވަގުތުތައް މާޒީއަށް ދޫކޮށް ގައުމަށްޓަކައި އެތައް ގުރުބާނީތަކެއް ވަމުންނެވެ.

ފާއިތުވި 20 އަހަރު އެމްއެންޑީއެފް ގައި މި ދެ ބޭފުޅުން ވެސް ހިދުމަތް ކުރައްވާފައިވާއިރު އެތައް ސަތޭކަ ސިފައިންނަށް ތަމްރީނު ދީ ފައިވެއެވެ.

ރަމީޒްގެ ދެމަފިރިން ސިފައިން ގެއާ ގުޅިވަޑައިގެންނެވީ އެންމެ ޖޫނިއާ ލެވެލްއިންނެވެ. އަދި އެމްއެންޑީއެފްގެ އެކި ޓްރެއިނިންތަކާއި ޒިންމާތަކަށް ފަހު، ކެޕްޓަންގެ މަގާމަށް ވަޑައިގެންނެވި ނަމަވެސް، ވަޒީފާގެ ގޮތުން ދެ ބޭފުޅުން ގިނައިން ވަކިން އުޅުއްވަން ޖެހިވަޑައިގެންނެވި އެވެ. މީހުން ޓްރެއިން ކުރެއްވުމަށް އެއް ބޭފުޅަކު އެއް ރަށުގައި ހުންނަވާއިރު، އަނެއް ބޭފުޅަކު ހުންނަވަނީ އެހެން ރަށެއްގަ އެވެ. އެކަމަކު އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ބެލުމުގައި އެއްވެސް ކަމެއް އުންޏެއް ނުކުރައްވަ އެވެ.

އެ ދެބޭފުޅުން ނަމޫނާއަކަށް އިހްސާން ނަންގަވަނީ، ސިފައިންގޭގެ ޒިންމާއެއް މަތިވުމުން، އާއިލާ އުޒުރަކަށް ދައްކަވާފައި ހަނާ އެކަމަށް ނޫނެކޭ ވިދާޅުނުވާތީ އެވެ. އަދި ރަމީޒް ވެސް، އޭނާއާ ހަވާލު ކުރައްވާ މަސައްކަތް އެންމެ ފުރިހަމައަށް އަދާ ކުރައްވާތީ އެވެ. ދެމަފިރިން އެއް ފަހަރާ ޑިއުޓީއަށް ނިކުންނަވަން ޖެހި، ދެ ތަނެއްގައި ތިއްބަވައިގެން މަސައްކަތް ކުރަން ޖެހިވަޑައިގެންނެވި ނަމަވެސް، އެކަމާ ޝަކުވާ ނުކުރައްވައި ޒިންމާތައް ނަންގަވާތީ އެވެ. އެގޮތުގައި އެ ދެމަފިރިން ވަނީ އެތައް ސިފައިންނެއް ތަމްރީނުކުރައްވައިފަ އެވެ.

އެއް ދާއިރާއެއްގައި، އެއް ފަންތިއެއްގައި މަސައްކަތްކުރާ ދެމަފިރިން މަދުން ނަމަވެސް އުޅެ އެވެ. އެކަމަކު ގިނަ މީހުން ހަނާ އާއި ރަމީޒް ސިފަކުރަނީ ވަޒީފާގެ ޒިންމާ ފުރިހަމައަށް އަދާކުރާ، ހިތްވަރު ގަދަ، ނަމޫނާ ބައެއްގެ ގޮތުގަ އެވެ. އާއިލާ ދޫކޮށްލާފައި ނަމަވެސް، ގައުމީ ވާޖިބު އަދާކުރަން ނުކުންނާނެ ސިފައިންގެ މީހުންގެ ގޮތުގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!