ލައިފްސްޓައިލް

ތިބާގެ ނަޒަރުގައި އެކުވެރިންނަކީ ކިހާ މުހިންމު ބައެއް؟

މުޙައްމަދު ޝިފާއު

ލިބުމީ މަށަށް ތިފަދަ ހެޔޮ މިތުރުން މިދުނިޔެއިން

ލިބުމޭ އޮތީ ނަސީބުގެ ހެޔޮކަން މިދުނިޔެއިން

މި ޅެން ބައިތުގައި ޅެން ވެރިޔާ ބުނަން މަސައްކަތް ކޮށްފައި އެވަނީ ވަރަށް ވެސް މާނަ ފުން ވާހަކަތަކެކެވެ. އަދި އެހާމެ ބައިވަރު ވާހަކަތަކެކެވެ.

ހެޔޮ ލަފާ ރަނގަޅު ރަހުމަތްތެރިންނަކީ ޖަވާހިރު ތަކެއް ފަދަ މުހިންމު އަދި އެހާމެ މާތް ބައެއް ކަން ދޭހަކޮށްދެމުން މި ޅެންވެރިޔާ އެ ބުނަނީ ވަރަށް ވެސް ބޮޑު ހަގީގަތެކެވެ. އެފަދަ ރަނގަޅު އަދި އެހާމެ މާތް މިތުރުންނަކީ ދިރިއުޅުމުގައި ތިމާގެ ކާމިޔާބީއަށް ވާސިލު ވުމަށް ޓަކައި އެހީވާން ތިބި ބައެކެވެ. ދުނިޔެވީ ކަންކަމާއި ދީނީ ކަންކަމުގައި ތިމާގެ ކާމިޔާބީއަށް އެދި މަސައްކަތް ކޮށްދޭ ރަހުމަތްތެރިންނަކީ ހަގީގަތުގައި އަގު ބޮޑު ޖަވާހިރަކަށް ވުރެ މާ އަގުބޮޑު ބައެކެވެ.

ވީއިރު މިފަދަ ރަހުމަތްތެރިން ތިބާގެ ޙަޔާތުން ގެއްލިގެން ދިއުމަކީ ތިބާގެ ދިރިއުޅުމާއި ތިބާގެ ކާމިޔާބީގެ މަގަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު އަޑިގަނޑެއް އަންނާނެ ކަމެކެވެ. އެފަދަ ރަހުމަތްތެރިއަކު ތިބާގެ ޙަޔާތުން ގެއްލިގެން ދިއުމަކީ އެކަމާމެދު ތިބާ ރޮއެ ހިތާމަ ކުރަން ވެސް ހެޔޮވާވަރު ކަމެކެވެ. އެހާމެ ހިތާމަވެރި ކަމެކެވެ.

ނަމަވެސް ބައެއް މީހުންނަށް އެމީހުންގެ ހަޔާތުގައި ވާ މިފަދަ މާތް މަތިވެރި، ރަހުމަތްތެރިން ގެއްލުމަކީ މާބޮޑު ކަމެއް ނޫނެވެ. “ދިޔަ މީހަކު ދިޔައީ އޭ” ބުނެ ދޫކޮށްލާ މީހުން އިންތިހާއަށް ގިނަ ވެއްޖެއެވެ. އެހެން ބުނެލާއިރު، ގެއްލިގެން އެދިޔައީ ކިހާ މުހިންމު ބައެއް ކަން އެމީހުންނަށް ނުވިސްނެނީ ކަމަށް ވެދާނެއެވެ. އެހެނަސް އެކަމުގެ ހިތި ފަހުން އޭނާއަށް، އޭނާގެ ދިރިއުޅުމުން ފެންނާނެއެވެ.

އެހެންކަމުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރަނގަޅު ހެޔޮލަފާ ރަހުމަތްތެރިންނަކީ ދިރިއުޅުމުގައި ދިމާވާ އަޑިގަނޑުތަކުން އަރައި ގަތުމަށާއި، އެހެނިހެން ދަތި ޙާލުގައި އެހީވާން ތިބޭނެ ވަރަށް މުހިންމު ބައެކެވެ. ސުވާލަކީ ތިބާގެ ނަޒަރުގައި، ތިބާގެ ޙަޔާތަށް އެކުވެރިންނަކީ ކިހާ މުހިންމު ބައެއް ހެއްޔެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!