އިޒްރޭލުގެ ޖަލެއްގައި 15 މަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ފަލަސްތީނުގެ ދަރިވަރަކު ދޫކޮށްލައިފި
އިޒްރޭލުގެ ޖަލެއްގައި 15 މަސް ވަންދެން ބަންދު ކޮށްފައި ބެެހެއްޓުމަށްފަހު، ފަލަސްތީނުގެ އަންހެން ދަރިވަރަކު ދޫކޮށްލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލު ސިފައިން ހައްޔަރު ކޮށްފައި ވަނީ، ބިރުޒީތު ޔުނިވަސިޓީގައި ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާޞިލް ކުރަމުން ދިޔަ މައިސް އަބޫ ޣޫޝް (22އ.) އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މައިސް ހައްޔަރު ކޮށްފައިވަނީ އިޒްރޭލުން ހިންގުން މަނާކޮށްފައިވާ "ޑިމޮކްރަޓިކް ޕްރޮގްރެސިވް ސްޓޫޑެންޓް ޕޯލް" ނަމަކަށް ކިޔާ ދަރިވަރުންގެ ޖަމާޢަތަކަށް އޭނާ ނިސްބަތްވާ ކަމުގެ ތުހުމަތުގައެވެ.
ފަލަސްތީނުގެ ހައްޤުތައް އަލުން ހޯދުމާއިބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމުން 'ޢަދުއްވަކާ މުޢާލަމާތް' ކުރުމުގެ ދައުވާ ވެސް އޭނާއާ ދެކޮޅަށް އުފުލާފައިވާއިރު، ހިޒްބުﷲއާ ގުޅުންހުރި ނޫސް އިދާރާއަކާ ގުޅުން އޮތްކަމަށްވެސް މައިސްގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ.
މައިސް ހައްޔަރު ކޮށްގެން ބަހައްޓާފައި ވަނީ ދާމޮން ޖަލުގައެވެ. އެތަނުން އޭނާ ދޫކޮށްލާފައި ވަނީ 600 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމުން އިޒްރައިލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގެ އުތުރުގައި އޮންނަ ޖަލާމާ ޗެކްޕޮއިންޓުގައެވެ.
މައިސް މިނިވަން ކުރުމުގެ އުފަލުގައި އޭނާގެ އާއިލާއާއި ރައްޓެހިން އެ ސަރަޙައްދަށް ޖަމާވެ އޭނާއަށް ވަނީ މަރުޙަބާ ކިޔައިފައެވެ.