ޚަބަރު ރައްޔިތުންގެ މަޖިލިސް

މެންބަރު ޝަރީފްގެ ނަން އިއްވުމުން އަމިއްލައަށް މަޖިލިސް ތަޅުމުން ނިކުންނަވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދުގެ މަޖިލިސް ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވާ ޖަލްސާއިން ބޭރުކުރަން ސާޖެންޓް އެޓް އާމްސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމުން، އަމިއްލައަށް މަޖިލިސް ތަޅުމުން ބޭރަށް ވަޑައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި މަޖިލިހުގައި މިއަދު ހިނގި ދެބަސްވުމެއްގެ ސަބަބުން މެންބަރު ޝަރީފް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. އަދި އެކަމާ މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރެއްވުމުން މަޖިލިސް ރައީސް ވަނީ މެންބަރުގެ ނަން އިއްވާފައެވެ.

ކަންބޮޑުވުން ފާޅު ކުރެއްވި ވަގުތު މައިކުން އަޑު ކަނޑާލާފައި ހުރުމުން، ދެއްކެވީ ކޮން ވާހަކައެއް ކަމެއް އެނގިފައެއް ނުވެއެވެ.

މިއަދުގެ މަޖިލިސް ފެށުމުގެ ކުރިން ވެސް ޝަރީފު ގެންދެވީ އަޑުގަދަ ކުރަމުންނެވެ. އެހެންކަމުން ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް ނަޝީދު ގެންދެވީ ތަކުރާރުކޮށް އެދިލައްވަމުންނެވެ.

ޝަރީފް ޖަލްސާއިން ނެރުމަށް މަޖިލިސް ރައީސް، ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް އެންގެވިއެވެ. އެއަށްފަހުވެސް މަޖިލިސް ރައީސް ތަކުރާރު ކުރައްވަމުން ގެންދެވީ "ސާޖަންޓް އެޓް އާމްސް މީނާ މިތަނުން ނެރޭ! ސާޖަންޓް އެޓް އާމްސް މީނާ މިތަނުން ނެރޭ! ސާޖަންޓް އެޓް އާމްސް މީނާ މިތަނުން ނެރޭ!" މިހެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!