ޚަބަރު

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ޒިޔަތު 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޢަބްދުﷲ ޒިޔަތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް އަމިއްލައަށް ޝަރީޢަތުގައި އިއުތިރާފުވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

Ads by STELCO

ޒިޔަތުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި މިވަނީ، މިއީ ދައުލަތުން ވެސް އެދިފައިވާ މުއްދަތަށްވުމާ ގުޅިގެންނެވެ.

އޭނާގެ މައްޗަށް ދައުލަތުން ވަނީ 32 ދައުވާއެއް އުފުލާފައެވެ. ކްރިމިނަލް ކޯޓުގައި މިމައްސަލައާ ގުޅޭގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ޒިޔަތު ވަނީ އެހުރިހާ ދައުވާއަކަށް ވެސް އިއުތިރާފު ވެފައެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ޢަބްދުﷲ ޒިޔަތުގެ މައްޗަށް މިހާރު ވެސް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އެބައޮތެވެ. ނަމަވެސް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވެރިކަން ފެށުނު ފަހުން ޒިޔަތު ހުންނެވީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެދައުވާތަކަށް އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!