ދީން

ހަނދުމަ ކޮށްދިނުމުގެ ވަގުތު ފާއިތު ނުވަނީސް އަވަހަށް ތަޤުވާވެރިއަކު ކަމުގައި ވާށެވެ! : މުފްތީ މެންކް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ނޫޙު (އަލައިހިއްސަލާމް) އަކީ އިސްލާމްދީން ޤަބޫލު ކުރެއްވުމަށް، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ގޮވާލެއްވި ރަސޫލު ބޭކަލެކެވެ.

Ads by Sosun Fihaara

މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ވަނީ
﴿1﴾ إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، نوح ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ قوم ގެމީހުންނަށް إنذار ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި عذاب އައުމުގެ ކުރިންނެވެ. (ޤުރްއާން 71:1)

އެކަލޭގެފާނު އެބައިމީހުންނަށް ދީނަށް ގޮވާލެއްވީ 950 އަހަރު ވަންދެނެވެ.

އެހާ ގިނަ އަހަރުތަކެއް ވަންދެން އިސްލާމްދީނަށް ގޮވާލެއްވުމުން ވެސް، އެކަލޭގެފާނުގެ ގޮވާލެއްވުން އަޑު އަހާ ، އިސްލާމްދީން ޤަބޫލުކުރީ ކިތައް މީހުން އެނގޭ ހެއްޔެވެ؟ ނޫޙުގެފާނު 950 އަހަރު ވަންދެން އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮވާލެއްވުމުން، އެކަލޭގެފާނުގެ އަޑުއެއްސެވި މީހުން ކަމުގައި އެންމެ ގިނަ އަދަދަކަށް ވެސް ހާމަވެފައި ވަނީ ، އެންމެ 80 މީހުންނެވެ. މަދު އަދަދަކަށް ހާމަވެފައި ވަނީ 11 މީހުން ކަމުގައެވެ. އެހެންކަމުން އެއީ 11 އާއި 80 އާ ދެމެދުގެ އަދަދެއްގެ މީހުން ކަމުގައި ބެލެވެއެވެ.

އެހެންކަމުން ﷲ ސުބްޙާނަހޫ ވަޠައާލާ، ނޫޙުގެފާނަށް ވަޙީ ކުރެއްވިއެވެ. ކަލޭގެފާނު އެމީހުންނަށް ދީނަށް ގޮވާލައްވާ އެބައިމީހުންނަށް އިސްލާމްދީނުގެ އަޤީދާތައް ހަނދުމަފުޅު ކޮށްދެއްވާ ކޮންމެ ފަހަރަކު އެވާހަކަ ލިޔެވިގެންވެއެވެ.

އޭގެ މާނައަކީ މީސްތަކުންނަށް ނަމާދާ ބެހޭ ގޮތުންނާއި، ހެދުންއެޅުމާ ބެހޭ ގޮތުންނާއި، ޒިނޭ ކުރުމުގެ ނުބައިކަމާ ބެހޭ ގޮތުންނާއި ހުރިހާ ފާފަތަކެއް ކުރުމުން ދުރުވެ މާތް ﷲ އަށް ތަަޤްވާވެރިވުމަށް ވަރަށް ގިނައިން ހަނދުމަ ކޮށްދެވިފައިވާ ކަމެވެ.

ތިޔަބައި މީހުންނާއި ހަމައަށް އައިސްފައިވާ ކޮންމެ ހަނދުމަ ކޮށްދިނުމަކީ، ހަމަޔަޤީނުން ވެސް ތިޔަބައި މީހުންނާ ހަމައަށް އައުމަށް މާތް ﷲ އިރާދަ ކުރެއްވި ހަނދުމަ ކޮށްދިނުމެކެވެ.

ނަރަކަވަންތަ ވެރީން ގާތު، ނަރަކައިގެ ދޮރުކޮޅު ކައިރީގައި ތިއްބަވާ މަލާއިކަތް ބޭކަލުން އައްސަވާނެއެވެ. 'ކަލޭމެންނަށް މާތް ﷲ ތެދުމަގަށް ތަބާވުމަށް ހަނދުމަ ނުކޮށްދޭ ހެއްޔެވެ؟ މިދުވަހާ ބެހޭ ގޮތުން ކަލޭމެންނަށް އެކަލާނގެ އިންޒާރު ނުދެއްވާ ހެއްޔެވެ؟ ތަޤްވާވެރި ނުވެއްޖެ މީހަކަށް އޮތީ ނަރަކައިގެ ވޭންދެނިވި އަޒާބުކަން ހަނދުމަ ނުކޮށްދެއްވާ ހެއްޔެވެ؟'

ޖަވާބުގައި އެމީސްތަކުން ބުނާނީ ހަނދުމަ ކޮށްދެއްވި ކަމަށެވެ. އެމީހުންނަށް އެކަން އެންމެ ފަހުން ޤަބޫލު ކުރެވުނުއިރު އެވަނީ ވަގުތު ފާއިތު ވެފައެވެ.

ކޮންމެ މީހަކަށްވެސް ތަފާތު އެކި ގޮތްގޮތަށް ހަނދުމަ ކޮށްދީ އިންޒާރުދީފައި ވެއެވެ. އަދި ފަހު ދުވަހުން އޭގެން ކޮންމެ ހަނދުމަ ކޮށްދިނުމަކާ ބެހޭ ގޮތުން ސުވާލު ކުރެވޭނެއެވެ. އެދުވަހަކު 'އޯ، ތިމަންނައަށް އެއިންޒާރުތަކާއި ހަނދުމަ ކޮށްދިނުންތައް ސީރިއަސްކޮށް ނުނެގުނީއޭ' އެއް ނުބުނެވޭނެއެވެ.

ކޮންމެ ދުވަހަކުމެ ތިމާއަށް އެކި ގޮތްގޮތުން ކިތައް ހަނދުމަ ކޮށްދިނުމަކާ ކުރިމަތިލާން ޖެހޭތޯ ގުނާލަ ބަލާށެވެ. ވަރަށް ވެސް ރަނގަޅަށް ވިސްނާލާ، އެކަންތައްތައް ނޯޓުކޮށް ގުނާލާނަމަ، ދުވާލެއްގެ މައްޗަށް އެތައް ގުނަ އަދަދަކަށް އެކަލާނގެ ތިމާއަށް ހަނދުމަ ކޮށްދެއްވާފައިވާކަން ސާބިތުވާނެއެވެ.

ނޫޙް އަލައިޙިއްސަލާމް ކުރެއްވި ޝަކުވާއަކާ ބެހޭ ގޮތުން އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

﴿5﴾ قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. (ޤުރްއާން 71:5)

﴿6﴾ فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا
ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.) ޤުރްއާން 71:5

އަހަރުމެންގެ ތެރޭގައިވެސް މިފަދައިން، މީހަކު ތެދުމަގު ދައްކައި ދިނުމަށް އެމީހަކާ ދުރަށް ޖެހިލާ ކިތައް މީހުން އުޅޭ ހެއްޔެވެ؟

ނޫޙްގެފާނުގެ އެޝަކުވާފުޅަށް އެކަލާނގެ ޖަވާބު ދެއްވާ ވަޙީ ކުރައްވައެވެ. 'އޭ ނޫޙުގެފާނެވެ. މީގެފަހުން ދެން އެބައިމީހުންނަށް އިތުރަށް ހަނދުމަކޮށް ދެއްވާނެ ކަމެއް ނެތެވެ. ހަމަކަށަވަރުން ތަޤްވާވެރި ނުވާ ބަޔަކީ ތަޤްވާވެރިން ކަމުގައެއް ނުވާނެއެވެ. ތަޤްވާވެރިވީ ބަޔަކާ ހަމައިން ނިމުނީއެވެ. ކަލޭގެފާނު ނައުކޮޅެއް ތައްޔާރު ކުރައްވާށެވެ. ކަލޭގެފާނާ ކަލޭގެފާނު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދިން ތަޤްވާވެރިން ނޫން އެެހެން ހުރިހާ އެންމެންނަށް ޖަޒާ ލިބޭ ހުއްޓެވެ.'

ނޫހުގެފާނުގެ ނައުކޮޅެއް ބިނާ ކުރެއްވި ދުވަހު، އިސްލާމް ދީން ޤަބޫލު ނުކުރި ހުރިހާ މީސްތަކުން އެކަލޭގެފާނަށް މަލާމަތް ކުރެއްވިއެވެ. އެބައިމީހުން ބުނަމުން ދިޔައެވެ. 'އޭ ނޫޙްއެވެ. މިހުރިހާ ދުވަހު ކަލޭގެފާނަކީ ނަބިއްޔެއް ކަމުގައި ބުނެ އުޅެފައި، މިހާރު މާވަޑިއަކަށްވީ ހެއްޔެވެ؟'

އެހިނދު އެކަލޭގެފާނަށް މާތް ﷲ ވަޙީ ކުރެއްވިއެވެ. 'ކަލޭގެފާނު އަޅާނުލައްވާށެވެ. އެބައިމީހުންގެ މަލާމަތް ކުރުމަށް އެއްވެސް އިޖާބައެއް ވެސް ނުދެއްވާށެވެ. ހަމަކަށަވަރުން އެބައިމީހުންނަށް ލިބެން ކަނޑައެޅިފައިވާ ހަނދުމަ ކޮށްދިނުން ވަނީ ހަމަވެފައެވެ.'

ކޮންމެ އިންސާނަކަށް ވެސް ހަނދުމަ ކުރެވޭ ހިނދު، ވަގުތުގެ ބޭނުންހިފާ، އަވަހަށް ތަޤްވާވެރިއެއް ކަމުގައި ވާށެވެ."

- މުފްތީ މެންކް -

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!